މީހަކު ތިއައިން މީހެއްގެ ގާތު ﷲ ތަޢާލާއަށް ބިރުވެތިވާށެވެ! ބުނުމުން އަބަދުވެސް މިތިބެނީ ތިއަކަން ކޮށްގެން ކަމަށް ބުނެލުމަކުން ނުފުދޭނެއެވެ. ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ބިރުވެތިވުމަކީ މާމަތިވެރި ކަމެކެވެ. އަދި އެހައިމެ ބުރަވެސް ކަމެކެވެ. ކުރަން ކިތަންމެހައިވެސް އުނދަގޫ ކަމެކެވެ. ނަމަވެސް އެކަން ކޮށްފިނަމަ މިދުނިޔޭގައިވެސް އަދި އެދުނިޔޭގައިވެސް ގުނާ އަދަދު ނުކުރެވޭހައި ގިނަ ނިޢްމަތްތައް ﷲ ތަޢާލާ މިންވަރު ކުރައްވަވާނެތެވެ.
މިކިޔައިދެނީ މީގެ އަހަރެއްހައި ދުވަސްކުރިން ހަމަ މި މިޞުރުގައި ހިނގައިދިއަ ކަމެކެވެ. ގިނަ ބައެއްގެ ސަމާލުކަން އަމާޒުވި ޢިބްރަތުން ފުރިގެންވާ ވާހަކައެކެވެ. ރަނގަޅަށް ސަމާލުކަން ދީގެން ކަނުލައި އަޑުއަހާށެވެ!
އޭނާ އަކީ ޒުވާނެކެވެ. ދިރިއުޅެން ކުރާ މަސައްކަތަކީ ފިހާރައެއްގެ ސޭލްސްމަނެއްގެ ވަޒީފާ އަދާކުރުމެވެ. އެ ފިހާރައަކީ ވަރަށް ގިނަ އަންހެން ކުދިންވެސް ބާޒާރުކުރާ ފިހާރައަކަށްވުމުން ކޮންމެ ދުވަހަކު ވެސް އެތައް ސަތޭކަ އަންހެން ކުދިންނާއި މުޢާމަލާތުކުރަންޖެހެއެވެ.
ފިހާރައަށް ގޮސް އުޅޭ ބައެއް މުއްސަނދި އަންހެން ކުދިން ޒުވާނާގެ އަޚްލާޤަށް ބަލައި ކޮފީއަށް، ކެއުމަށްވެސް ދެއެވެ. ނަމަވެސް ޒުވާނާ ކޮންމެވެސް ބަހަނާއެއް ދައްކާފައި އެކަންކަމުން ސަލާމަތްވެއެވެ. އެކަމުގެ ސަބަބުން އޭނާއަށް އުނދަގޫތަކެއް ވާން ފެށިއެވެ. ހަޤީޤަތަކީ އުމުރުގެ ގޮތުން އޭނާވެސް ކައިވެންޏެއް ކުރަން ބޭނުންވުމެވެ. ނަމަވެސް ލިބޭ މުސާރަ ކުޑަކަމާއި އަނބިމީހާ ގޮވައިގެން ދިރިއުޅޭނެ ތަނެއްވެސް ނެތުމުން ކައިވެންޏެއް ކުރެވޭކަށްވެސް ނެތެވެ.
މިކަން ވަރަށްވުރެ ބޮޑުވުމުން ޝައިޚަކާއި ބައްދަލުކޮށް އޭނާގެ ހާލުގެ ވާހަކަ ކިޔައިދިނެވެ. ޝައިޚް ދެއްވީ ވަރަށް ކުރު ޖަވާބެކެވެ. "ﷲ ތަޢާލާއަށް ބިރުވެތިވާށެވެ." އިތުރު ތަފްޞީލެއް ނުދެއްވުމުން ސުވާލުކުރުމުން ވެސް ދެއްވީ ހަމަ އެ ޖަވާބެވެ.
ޒުވާނާއަށް ކަންތައްތަކެއް ވިސްނުނެވެ. ކެތްތެރިކަން އިތުރުކުރަން މަސައްކަތް ފެށިއެވެ. މަސައްކަތުގައި އިތުރަށް ފަރުވާތެރިވާން ފެށިއެވެ. ބެލުންތައް ތިރިކުރިއެވެ. މުޢާމަލާތުކުރުމުގައި ހަރުދަނާކަން އިތުރުކޮށް ތެދުވެރިކަން އެންމެ ކުރިއަށް ނެރުނެވެ. ކިތަންމެ ބުރަކޮށް އުޅެން ޖެހުނު ނަމަވެސް ފަރުޟު ނަމާދުތަކަށް ސަމާލުކަން އިތުރުކުރިއެވެ.
އޭނާގެ މިބަދަލާއިއެކު ފިހާރައަށް ކަސްޓަމަރުން އިތުރުވާން ފެށިއެވެ. އެހެން ފިހާރަތަކުގެ މުވައްޒިފުން ފަދައިން ކަސްޓަމަރުންނަށް ކަޅި ނުއަޅާތީ އާއި ވިޔަފާރިކުރުމުގައި އެހީތެރިކަން އިތުރުވުމާއި މުދަލުގެ ހަޤީޤަތްވެސް ފޮރުވުމެއް ނެތި ކިޔައިދޭތީ ކަސްޓަމަރުންގެ އިތުބާރު ބޮޑުވެގެންދިއުމުންނެވެ.
ފިހާރައިގެ ވެރިމީހާއަށް މިކަންކަން ވަޒަން ކުރެވުމުން އޭނާ ނިންމީ އޭނާގެ ހުރި ހަމަ އެކަނި އަންހެން ދަރިފުޅުގެ ކައިވެނި ޒުވާނާ އާއި ކޮށްދިނުމަށެވެ. އެގޮތަށް ނިންމައި ގެއެއް އަޅަން ފެށިއެވެ. ގެއަޅަމުން ދިއައިރު ގޭގެ ކަންކަން ނިންމަމުން ގެންދިއައީ ޒުވާނާ އާއި ދަރިފުޅު ބޭނުންވާ ގޮތަށެވެ. އެ ދެކުދިންގެ މަޝްވްރާގެމަތިން ދެކުދިންނަށް ކަމުދާ ގޮތަށެވެ. ނަމަވެސް ދެކުދިންކުރެ ކުއްޖަކަށް އޭނާ ކުރަން އުޅެނީ ކޮންކްމެއްކަން ނުއަނގައެވެ. ލަފާ އަހަމުން ދިއައީ ދެ ދުވަހު ދެކުދިން ވަކިވަކިން ގެންގޮސްގެންނެވެ. ހަމައެކަނި ޚިޔާލު ހޯދުމުގެ ނަމުގައެވެ.
ގެއަޅައި ހުރިހާ ކަމެއް ނިމުމުން ދެ ކުދިންގެ ޚިޔާލާއި އެއްގޮތަށް ފަރުނީޗަރުވެސް ވެއްދުމަށްފަހު އެއް ދުވަހަކު ގެ ހުޅުވުމުގެ ނަމުގައި ބޮޑު ރަސްމިއްޔާތެއް ބޭއްވިއެވެ. އެ ރަސްމިއްޔާތުވެގެންދިއައީ ހުރިހާ ކަމެއް ވެނިމުނު ރަސްމިއްޔާތަށެވެ. ދެކުދިންގެ ކައިވެނި ކުރެވުނީއެވެ. ގެވެސް ދެކުދިންނާއި ހަވާލުކުރުމުގެ ރަސްމިއްޔާތަށް ވެގެން ދިއައީ އެވެ.
ކަންދިމާވި ގޮތުން ކައިވެނިކޮށްދޭން ގެނެސްފައި ހުރި ޝައިޚަކީ މީގެ 2 އަހަރު ކުރިން ޒުވާނާ ލަފާ ހޯދަން ދިއަ ޝައިޚެވެ. ﷲ ތަޢާލާއަށް ބިރުވެތިވުމަށް ނަޞޭޙަތްތެރިވި ޝައިޚެވެ. ޒުވާނާ ހޭލުންތެރިކުރުވި ޝައިޚެވެ.
ކައިވެންޏަށްފަހު ޒުވާނާ ޝައިޚާއި ސުވާލުކުރިއެވެ. އޭނާ އެއިގެ 2 އަހަރުކުރިން ޝައިޚާއި ބައްދަލުކުރި ހަނދާން ޝައިޚް އެބަހުރިތޯއެވެ. ކުޑަކޮށް މަޑުކޮށްލެއްވުމަށްފަހު ޖަވާބުގައި ޝައިޚް ވިދާޅުވީ ވަރަށް ރަނގަޅަށް ހަނދުމަފުޅު އެބަހުރި ކަމަށެވެ. ތިއައީ ކައިވެންޏެއް ކުރަން ބޭނުން ކަމަށާއި ނަމަވެސް ކައިވެނި ކުރެވޭނެ ފެންވަރު ނެތުމުން ހަދަންވީ ގޮތުގެ ލަފާ ހޯދި ޒުވާނާ ނޫންހެއްޔެވެ؟ ޖަވާބުގައި ޒުވާނާ އާނއެކެވެ. ބުނުމުން ޝައިޚް އެދުވަހުވެސް ވިދާޅުވީ ﷲ ތަޢާލާއަށް ބިރުވެތިވުމަށެވެ. އަދި ކުރިއަށްވުރެ ބޮޑަށް ބިރުވެތިވުމަށެވެ. ﷲ ތަޢާލާ ނިޢްމަތެއް މިންވަރުފުޅު ކުރައްވަވައިފި ނަމަ އޮތީ ޝުކުރުވެރިވުން ކަމަށާއި ޝުކުރުވެރިވުމަކީ ﷲ ތަޢާލާއަށް ބިރުވެތިވުން އިތުރުކުރުން ކަމަށެވެ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން