ދަމުނަމާދަށް "މުއުމިނުންގެ ޝަރަފް" ގެ ޢިއްޒަތް ދެއްވީ ފޮރުވިފައިވާ ވަރަށް ބޮޑު ސިއްރެއް އޮތުމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ދަމުނަމާދަށް "މުއުމިނުންގެ ޝަރަފް" ގެ ޢިއްޒަތް ދެއްވީ ފޮރުވިފައިވާ ވަރަށް ބޮޑު ސިއްރެއް އޮތުމުން!

ދަމުނަމާދަށް ރަސޫލް (ޞޢވ) ވަނީ "ޝަރަފުލްމުއްމިނީން" ނުވަތަ "މުއްމިނުންގެ ޝަރަފު"ގެ ޢިއްޒަތް ދެއްވަވައިފައެވެ. އެފަދަ މަތިވެރި ޢިއްޒަތާއި ޝަރަފެއް ދަމުނަމާދަށް ދެއްވަވާފައި އެވަނީ ވަރަށް މަތިވެރި ޙިކުމަތެއް އެކަމުގައި އޮތުމުންނެވެ. އަދި އެކަމުގައި ފޮރުވިގެންވާ ވަރަށް ބޮޑު ސިއްރެއްވެސް އޮންނާނެއެވެ. 

އަހަރެންގެ ނަޒަރުގައި ދަމު ނަމާދަށް މިފަދަ މަތިވެރި އިއްޒަތާއި ޝަރަފު ދެވިފައި މިވަނީ އެނަމާދުކުރާ މީހާގެ އިއްޒަތް އެދަރަޖައަށް އުފުލިގެންދާތީއެވެ. ނިކަން ވިސްނައިބަލާށެވެ. ދަމުނަމާދުގެ ސަބަބުން މީހާގެ ފާފަތައް ފޮހެވިގެންދެއެވެ. ހަމައެއާއިއެކު ތިމާއަށް ކުރެވެން އުޅޭ ފާފަތަކުން ތިމާ ސަލާމަތްކޮށްދޭނެ އައްޑަނައަކަށްވެގެންދެއެވެ. 

މިކަމުން އެނގެނީ ދަމުނަމާދުކުރާ މީހާގެ ފާފަތައް ދާނީ ފުހެވި ހުސްވަމުން ކަމެވެ. އަދި އިތުރަށް ކުރެވެން އުޅޭ ފާފަތަކަށް ހުރަސް އެޅިގެން ދިއުމުން އެ ފާފަތައް ނުކުރެވި ސަލާމަތްވެވޭނެ މަގު ﷲ ތަޢާލާ ދައްކަވާނެ ކަމެވެ. ހަމައެއާއިއެކު ވިސްނައިލަންވީ ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިވެވަޑައިގަންނަވާނީ ފާފަތައް މަދުވުމުން ކަމެވެ. ވީމާ ޤަވާއިދުން ދަމުނަމާދުކުރާ މީހާއަށް މިލިބެނީ އާދައިގެ ނިޢްމަތްތަކެއް ނޫނެއް ނޫން ހެއްޔެވެ؟ ހިތާމައަކީ މިފަދަ މަތިވެރި ނިޢްމަތްތައް ލިބެން ހުރެމެ ފުރުޞަތުގެ ބޭނުން ހިފަން މަސައްކަތްކުރާ މީހުންގެ އަދަދު މަދުކަމެވެ. 

މިފަދަ ސަބަބުތައް ހުރުމުން ބައެއް އިލްމުވެރިން ބަޔާންކުރައްވަވާފައި ވަނީ ދަމުނަމާދަކީ ސުވަރުގެ އެދޭ މީހާއަށް އެ ފުރުޞަތު ހުޅުވައިލަދޭ ތަޅުދަނޑީގެ ގޮތުގައެވެ. ﷲ ތަޢާލާ އެވަނީ އެ ތަޅުދަނޑި އަހަރެމެންނާއި ޙަވާލުކުރައްވަވައިފައެވެ. ފުރުޞަތުގެ ބޭނުން ހިފައި ސުވަރުގެ ވަންނަން ގަދައަޅައި މަސައްކަތް ކުރާ މީހަކަށް އިން ޝާ ﷲ އެކަމަށް ﷲ ތަޢާލާ މަގުފަހިކޮށް ދެއްވަވާނެއެވެ. ދުޢާއަކީ އަޅުގަނޑުމެން އެންމެންނަކީވެސް މިފަދަ ފުރުޞަތުތަކުގެ ބޭނުން ފުރިހަމައަށް ހިފަން މަސައްކަތް ކުރާ ބައަކު ކަމުގައި ލެއްވެވުމެވެ! 

- އުސްތާޛް ޢަލީ ޙައްމުޑާގެ ދަރުސަކުން

މިއަދު އޮންލައިން