ރަސޫލް (ޞޢވ)ގެ ޙަދީޘްފުޅަކަށް ނިޞްބަތްކޮށް އެންމެ ބާރުގަދަ މީހާއަކީ ޞިއްޙީ ގޮތުން ދުޅަހެޔޮ އަދި ގައިގެ ބާރުގަދަ މީހުން ކަމަށް ބައެއް މީހުން ސިފަކުރެއެވެ. ނަމަވެސް އަހަރެން ޤަބޫލުކުރާ ގޮތުގައި އެއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އެހަދީޘްފުޅުގެ މާނަ އެއަށްވުރެ މާބޮޑެވެ. މާދުރަށް ފެތުރިގެންވެއެވެ.
"އެންމެ ބާރުގަދަ މީހާއަކީ ރުޅި އަންނަ ހިނދު، ރުޅި ކޮންޓްރޯލު ކުރެވޭ" މީހާ" ކަމަށް އޮތުމުން މިބުނާ ބަހަށް ބާރުލިބިގެންދެއެވެ. އެންމެ ބާރުގަދަ މީހާއަކީ އެމީހެއްގެ ހިތުގެ އީމާންކަން އެންމެ ވަރުގަދަ މީހާއެވެ. ޝައިޠާނާ ދޭ ވަސްވާސްތައް ބަލައި ނުގަނެ ﷲ ތަޢާލާގެ މަގުގައި ސާބިތުވެ ހުރުމުގެ ކުޅަދާނަކަން ލިބިފައިވާ މީހާއެވެ.
ބައެއް މީހުންނަށް ހީވަނީ ރުޅި އަތުވެއްޖެނަމަ އެމީހެއްގެ ކަރުގައި ހިފައި ބިންމައްޗަށް ގުޅައަކަށް ޖަހައިލެވިއްޖެ ނަމަ ތިމާއަކީ އެންމެ ބާރުގަދަ މީހާ ކަމަށެވެ. މިވިސްނުމުގައި އުޅޭ ބައެއް މީހުން އަމިއްލަ ގޭތެރޭގައިވެސް އަތްއިސްކޮށް އަނބިދަރިންނަށްވެސް އަނިޔާ ކުރެއެވެ. އޭނާއަކީ އެންމެ ބާރުގަދަ މީހާކަން ދައްކަން ވެގެންނެވެ. ނަމަވެސް ހަޤީޤަތުގައި އެފަދަ މީހުންނަކީ އެންމެ ބަލިކަށި މީހުންނެވެ.
އަހަރެމެންނަކީ މުސްލިމުންނެވެ. އުޅެން މަސައްކަތް މިކުރަނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށެވެ. ﷲ ތަޢާލާ މިއަނގަވަނީ ރުޅި ނައުމަށެވެ. ރުޅި އަންނަން ޖެހޭ ފަދަ ހާލަތެއް ކުރިމަތިވި ނަމަވެސް ކެތްތެރިވުމަށެވެ. އަތް އިސްކުރުން ފަދަ އެއްވެސް ކަމެއް ނުކުރުމަށެވެ. ﷲ ތަޢާލާގެ އެންގެވުންތަކަށް ކިޔަމަންވެ އަމަލުކުރުމުގެ ކުޅަދާނަކަން ނުވަތަ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އަމަލުކުރުމުގެ ބާރު އެމީހެއްގެ ގައިގައި ނެތް މީހަކީ ހަޤީޤަތުގައި ކޮން ބާރެއް ލިބިގެން ހުރި މީހެއް ހެއްޔެވެ؟ އަހަރެން ބުނާނީ އެމީހަކީ އެއްވެސް ބާރެއް ލިބިފައި ނުވާ ބަލިކަށި މީހެއްކަމަށެވެ. އެހެނީ އެމީހާގެ އަމިއްލަ ނަފްސަށް ފައިދާހުރި ގޮތަށް އަމަލުކުރުމުގެ ބާރުވެސް އެމީހާގެ ކިބައިގައި ނެތުމުންނެވެ.
ނިކަން ވިސްނައިލަބަލާށެވެ! ބައެއް މީހުން އަންނަ ރުޅީގައި ތިމާ އެންމެ ބޮޑަށް ލޯބިވާ އަދި ތިމާގެ ބެލެނިވެރިކަމުގެ ދަށުގައި އަނބި ދަރިންނަށް އެބަ އަނިޔާ ކުރެއެވެ. ރުޅިމަޑުވުމުން ދެވުނު އަނިޔާއަށް ފަރުވާކުރަން ހޮސްޕިޓަލަށްވެސް އެބަ ގެންދެއެވެ. ޖީބުގައި ހުރި ފައިސާ އެކަމަށް ޚަރަދުކުރަން ޖެހުމުގެ އިތުރުން ހިތާމަވެސް ކުރަންޖެހެއެވެ. އަނިޔާ ލިބުނު ސަބަބު ޑޮކްޓަރަށް ކިޔައިދޭން ލަދުވެސް ގަންނަން ޖެހެއެވެ. ދެން ނިކަން ބުނެބަލާށެވެ! ރުޅި އައުމުން އަތް އިސްކުރަނީ އެންމެ ބާރުގަދަ މީހުންގެ އިތުރުން ސިކުނޑިވެސް ފުރިހަމަ ނުވާ މޮޔައިން ނޫނެ ހެއްޔެވެ؟
ވީމާ އެއްވެސް މީހަކީ އެފަދަ ބަލިކަށި އަދި މޮޔަ މީހަކަށް ނުވުމަށް ގަދައަޅައި އިލްތިމާސް ކުރަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން