ޤިޔާމަތް ދުވަހަކީ ހަމަ އެކަނި ޙުކުމް އިއްވެވުމުގެ ދުވަސްކަމަށް އަބަދުވެސް މިދަނީ ބުނަމުންނެވެ. ކޮންމެ މީހެއްގެ މައްޗަށް ވެސް އިއްވެވޭނީ އެންމެ ހުކުމެކެވެ. އެއީ ނަރަކަށް ނުވަތަ ސުވަރުގެއަށް ވަނުމުގެ ހުކުމެވެ. ނަރަކައަށް ނުވަތަ ސުވަރުގެއަށް ނުވަދެ ނަރަކާއި ސުވަރުގެއާއި ދެމެދު ހުރުމުގެ ފުރުޞަތު ނުވަތަ އަސްކަނި ދަށުގައި އުޅުމުގެ ފުރުޞަތު ހަމަ އެކަކަށްވެސް ނުލިބޭނެއެވެ.
ދުވަހަކަށްވުރެ ދުވަހެއްގެ ނުބައިކަން ބޮޑުވާނެ ކަމަށް ހޭލުންތެރި ނުވެ ނަރަކައިން މިންޖެއް ނުވެވޭނެއެވެ. މިހެން ބުނުމުން ބައެއް މީހުން ހީކުރަނީ ދުވަސް ނުބައިވަނީ ކަމަށާއި އެއީ ނުވާނެ ކަމެއް ކަމަށެވެ. މީސްތަކުންނޭވެ ދުވަހަކަށްވުރެ ދުވަހެއްގެ ނުބައިކަން ބޮޑުވާނެ ކަމަށް ބުނެވޭ ބަހުގެ މާނައަކީ ދުވަސް ނުބައިވުމެއް ނޫނެވެ. ދުނިޔޭގައި އުޅޭ މީހުންގެ ނުބައިކަން ދުވަހަކަށްވުރެ ދުވަހެއް ބޮޑުވެ އިތުރުވާނެ ކަމެވެ.
މިއަދަކީ މިކަމަށް ގޮތެއް ނިންމަންޖެހިފައިވާ ދުވަހެވެ. ތިމާ ބޭނުންވާ ގޮތެއް ޚިޔާރުކުރުމުގެ ދުވަހެވެ. އެއްވެސް ދީނެއް ޤަބޫލެއް ނުކުރަމެވެ، ނުވަތަ މިނޫންވެސް ތަފާތު ބަހަނާތައް ދައްކައިގެން ދެކޮޅެއް ނުޖެއްސޭނެއެވެ. ﷲ ތަޢާލާ އެވަނީ އެކަން ވަރަށް ސާފުކޮށް ބަޔާންކޮށް ދެއްވަވައިފައެވެ. ﷲ ތަޢާލާ މީސްތަކުންގެ ކިބައިން ޤަބޫލުފުޅު ކުރައްވަވާނެ ދީނަކީ ހަމައެކަނި އިސްލާމް ދީން ކަމެވެ. ވީއިރު މިވެނި ކަމެކެވެ. އެވެނި ކަމެކެވެ ކިޔައިގެން އެދުވަހު ދެއްކޭނީ ކޮން ބަހަނާއެއް ހެއްޔެވެ؟
މިއަދު އަހަރެމެން ތަޖުރިބާ ކުރަމުން މިގެންދަނީ ފަހުޒަމާނުގެ ދުވަސްތަކެވެ. ރަސޫލްބޭކަލުންގެ ޒަމާންތަކުގައިވެސް ޖާހިލުން އުޅުނެވެ. ރަސޫލް ބޭކަލުންގެ ގޮވައިލެއްވެވުންތަކަށް އިޖާބަ ނުދީ ފުރައްސާރަކޮށް ހަޖޫ ޖަހައި އުޅުނެވެ. މިއަދަކީ މާފަހެވެ. އެންމެފަހުގެ ރަސޫލް (ޞޢވ) ދުނިޔެ ދޫކުރެއްވެވިތާވެސް 1400 އަހަރު ފާއިތުވީ އެވެ. ދުވަހުން ބަލާނަމަ 511000 ދުވަހަށްވުރެ ގިނަ ދުވަސް ފާއިތުވެގެން ދިއައީ އެވެ. ކޮންމެ ދުވަހަކު ނުބައިކަން އިތުރުވަމުން އަންނައިރު މީގެ 1400 އަހަރު ކުރިއާއި މިހާރާއި މެދު ނިކަން ވިސްނައިލަބަލާށެވެ.
މީސްތަކުންނޭވެ. ރަސޫލް (ޞޢވ)ގެ ޒަމާނުގައި ހައްދުފަހަނައަޅައި ދިއަ އެކަކީ އަބޫޖަހުލެވެ. އޭނާ އާއި އޭނާގެ ޖާހިލުކަމުގެ ވާހަކަ ކީރިތި ޤްރްއާނުގައި ވަނީ ބަޔާން ކުރައްވަވައިފައެވެ. ވިސްނަންވީ ކަމަކީ މިއަދު މިފަދަ އެތައް ބައިވަރު އަބޫ ޖަހުލުން އެބަ އުޅޭ ކަމެވެ. އަހުރެން ބަލާ މިންގަނޑުތަކުން ބެލުމުން އެ އަބޫޖަހުލަށްވުރެ ނުބައިކަން މާ ބޮޑު އެތައްބައިވަރު އަބޫޖަހުލުންތައް ފެނެއެވެ.
އެ އަބޫޖަހުލު ހުރީ އޭނާގެ ނުބައި ނުލަފާކަން އިއުލާނުކޮށްގެންނެވެ. އެހެންވީމާ އޭނާއަކީ ކާކުކަން އެންމެންނަށްވެސް އެނގެއެވެ. ނަމަވެސް މިއަދު ގިނަ އަދަދެއްގެ ޖާހިލުންތައް ތިބީ ފިލައި ފޮރުވިގެންނެވެ. ފިލައި ތިބެ ދެމުން ގެންދާ ހަމަލާތަކުން މުސްލިމުންނަށް ލިބެމުންދާ ގެއްލުންތައް މާބޮޑެވެ. މާގިނައެވެ. މިއީ މިކަން ހަމަ ވަމުންދާނެ ގޮތެވެ. މިއަދަށްވުރެ މާދަމާ އަދި މާނުރައްކާ ބޮޑުވާނެއެވެ. ވަރަށް ސާފު ބަހުން މިބުނަނީ މިއަދަކީ ހުކުރު ދުވަސްކަމަށްވާއިރު ހޮނިހިރު ދުވަހު ކުރިމަތިވާނެ މައްސަލަތައް ގިނަވެފައި ބޮޑެތިވާނެ ކަމެވެ.
ވީމާ މިކަންކަމަށް ރަނގަޅަށް ވިސްނައިގެން ތިބޭށެވެ! މަރުވާނެކަން އެންމެންވެސް ޤަބޫލުކުރެއެވެ. ބައަކަށް ޔަޤީން ނުކުރެވިގެން މިއުޅެނީ މަރުވުމުން ދެން ކަންތައްތައް ވާނެ ގޮތެވެ. ބައަކަށް އެކަންކަން ޔަޤީން ނުކުރެވުނު ނަމަވެސް އެއްވެސް މުސްލިމަކަށް އެކަންކަމަކީ އޮޅިފައިވާ ކަންކަމެއް ނޫނެވެ.
ފަށަމުންވެސް ބުނި ފަދައިން ސުވަރުގެ އާއި ނަރަކަ އާއި ދެމެދަކު ހަމަ އެކަކަށްވެސް ނުހުރެވޭނެއެވެ. މިއަދަކީ އެމީހަކު ބޭނުންވާ ތަނެއް އިޚްތިޔާރުކުރަން ދެއްވަވާފައިވާ ދުވަހެވެ. ޔަޤީންވާ ކަމަކީ ދުވަހަކަށްވުރެ ދުވަހެއްގެ ނުބައިކަން ބޮޑުވާނެކަން ޤަބޫލުކޮށް އެކަމަށް ހޭލުންތެރި ނުވެ ނަރަކައިން މިންޖެއް ނުވެވޭނެކަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން