ގައަށް ބަޑިޖެހުމުން އެތައް އިރެއް ފަހުން މަރުވަންދެން އެއްވެސް ސުވާލަކަށް ޖަވާބު ނުދީ ހަމައެކަނި ޝަހާދަތް ކީމީހެއްގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ގައަށް ބަޑިޖެހުމުން އެތައް އިރެއް ފަހުން މަރުވަންދެން އެއްވެސް ސުވާލަކަށް ޖަވާބު ނުދީ ހަމައެކަނި ޝަހާދަތް ކީމީހެއްގެ ވާހަކަ!

އަހަރެމެންގެ ގެ ހުންނަނީ މިސްކިތާއި އިންވެގެންނެވެ. އެއީ މީސްތަކުން ޢިޝާ ނަމާދުން ފައިބައިގެން ގޭގެއަށް ދިއަ ވަގުތެވެ. ކުއްލިއަކަށް އިވުނީ ބަޑިއެއް ޖެހި އަޑެވެ. އެއީ މިނިވަން ދުވަސް ކަމަށްވުމުން އަހަރެން ހީކުރީ ކޮންމެވެސް ބައަކު ބަޑިބޭހުގެ ކުޅިވަރެއް ކުޅެނީ ކަމަށެވެ. 

ކުޑައިރުކޮށްފަހުން ބައްޕަ އަހަރެންނަށް މަގުމަތިން ގޮވާހެން ހީވެގެން ދިއައިރު އެމީހަކު ބަޑިޖަހާފައިވަނީ ބައްޕަގެ ގައަށެވެ. އަހަރެން ގޮސް ބައްޕަގެ ގާތު އިށީނުމުން މަރުވަނީ ކަމަށް ބަލައި ޝަހާދަތުގެ ދެކަލިމަ ކިޔެވެ. އިރުކޮޅަކުން އެމްބިޔުލާންސް އައިސް ބައްޕަ ހޮސްޕިޓަލަށް ގެންދިއައެވެ. ފުލުހުން ދިއައެވެ. ސުވާލުތައް ކުރިއެވެ. ނަމަވެސް ބައްޕަ ޖަވާބެއް ނުދެއެވެ. ޝަހާދަތް ކިޔުން ނޫން ކަމެއް ނުކުރެއެވެ. ބައްޕަގެ އެންމެ ފަހު ނޭވާވެސް ހަށިގަނޑުން ނުކުމެގެންދިއައީ އެގޮތުގައި އޮވެއެވެ. 

ޤަބޫލުކުރެވޭ ގޮތުން ބައްޕަ އެގޮތަށް ކަންތައް ކުރީ އެމީހެއްގެ އެންމެ ފަހުބަހަކަށް ޝަހާދަތް ކިޔައިފި މީހަކަށް ސުވަރުގެ ދެއްވަވާނެ ކަމުގެ އުންމީދު އޮތުމުން ސުވަރުގެ ލިބުމުގެ ދަހިވެތިކަމުގައެވެ. ފުލުހުންގެ ސުވާލަކަށް ޖަވާބުދޭތަނުން ނަމަވެސް މަރުވެއްޖެ ނަމަ ޝަހާދަތް ކިޔާނެ ފުރުޞަތު ނުލިބި މަރުވެދާނެ ކަމުގެ ބިރަށެވެ. 

ބައްޕަގެ ޖަނާޒާގެ ކަންކަން ނިމި ގެއަށް އައުމަށްފަހު އަހަރެން ވަރަށް ބޮޑަށް ވިސްނީމެވެ. އެފަދަ ސާބިތުކަމެއް ބައްޕައަށް އެލިބުނު ގޮތަކާއިމެދުގައެވެ. އެކަމެއް ދެނެވޮޑިގެންވާނީ ހަމައެކަނި ﷲ ތަޢާލާއެވެ. ނަމަވެސް މީސްތަކުންގެ މައުލޫމާތަށްޓަކައި އަހަރެންނަށް ވިސްނޭ ކަމެއް ބުނެލަން ބޭނުމެވެ. 

ބައްޕައަކީ ﷲ ތަޢާލާ ދެކެ ވަރަށް ލޯބިވާ މީހެކެވެ. ﷲ ތަޢާލާގެ ރުއްސެވުން ލިބޭތޯ ބައްޕަ އަބަދުވެސް ގަދައަޅައި މަސައްކަތްކުރިއެވެ. އެގޮތުން ކުރި އެއްކަމަކީ މިސްކިތުގެ ފާޚާނާތައް ސާފުކުރުމެވެ. ކޮންމެ ރެއަކު ދަންވަރު މިސްކިތުގައި މީހުން އެންމެ މަދުވާ ވަގުތު ބައްޕަ މިސްކިތަށް ގޮސް އެމަސައްކަތް ނުކުރާ ހަނދާނެއް ނެތެވެ. އެވަގުތު އެ މަސައްކަތް ކުރަނީ މީސްތަކުންނަށް ނުފެނި ކުރަންވެގެންނެވެ. ދައްކައި އިޝްތިހާރުކޮށްގެން ކުރަން ބޭނުން ނުވާތީއެވެ. 

އަހަރެންގެ މިކުޑަކުޑަ ވާހަކަކޮޅުން ދުނިޔޭގެ އެއްވެސް މީހަކަށް ކިތަންމެ ކުޑަ ނަމަވެސް ފައިދާއެއް ކޮށްފިނަމަ އަހަރެންގެ މަޤްޞަދު ޙާޞިލުވީއެވެ.

- މިއީ މީހަކު ޔޫޓިޔުބްގައި ހާމަކޮށްފައިވާ ވާހަކަކޮޅެއްގެ ޚުލާޞާ ތަރުޖަމާއެކެވެ.

މިއަދު އޮންލައިން