ބައެއް މީހުން ސުވާލު އުފައްދައެވެ. "ﷲ ތަޢާލާ އީ އެންމް އޯގާތެރިވަންތަ، އެންމެ ދީލަތިވަންތަ ރަސްކަލާނގެ ކަމަށްވާއިރު މަރުވުމުގެ ވަގުތުގައި ވާ ތައުބާ ޤަބޫލުފުޅު ނުކުރައްވަވަނީ ކީއްވެގެން ހެއްޔެވެ؟ މީހަކަށް އެހީތެރިކަން އެންމެ މުހިންމު ވާނީ އެވަގުތު ނޫން ހެއްޔެވެ؟"
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މަރުވުމުގެ ވަގުތު ކަމަށް އެ ބުނެވެނީ މަރުގެ މަލާއިކަތާ މަރު ހިއްޕަވަން ވަޑައިގަންނަވާ ވަގުތެވެ. އެމީހާޢަށް މަރުގެ މަލާއިކަތާ ފެންނަ ވަގުތެވެ. އެވަގުތު އޭނާއަށް ފެންނާނީ މަރުގެ މަލާއިކަތާ އެކަންޏެއް ނޫނެވެ. ﷲ ތަޢާލާ އިރާދަ ކުރެއްވެވި އަޅަކަށް އިރާދަ ކުރެއްވެވި މިންވަރަކަށް ޤިޔާމަތް ދުވަހުގެ ކަންކަން ވެސް ފެންނާނެއެވެ. އެކަލާނގެ އިރާދަ ކުރައްވަވައިފި އަޅަކަށް އެމީހަކު ދާންޖެހެނީ ނަރަކައަށްކަން ވެސް އެނގޭނެއެވެ. ވީމާ އެހިސާބުން އެއިރު އޭނާ ދުނިޔެއަށް ނޭވާލި ނަމަވެސް އޭނާގެ ދުނިޔަވީ ޙަޔާތް އެވަނީ ނިމިފައެވެ. އެވަގުތު ތައުބާ ޤަބޫލުފުޅު ނުކުރައްވަވާނެކަން ﷲ ތަޢަލާ ވަނީ މާކުރިން ބަޔާންކޮށް ދެއްވަވައިފައެވެ.
ސުވާލު އުފައްދަންވީ ތިބާގެ ވެރި ރައްބުލްޢާލަމީން ކޮންމެ ދުވަހަކު ތިބާ އެދެނީ ކޮންކަމެއްތޯ ތިބާ އާއި ކުރައްވަވާ ސުވާލަށް އިޖާބަ ނުދީ، އެއްވެސް ޖަވާބެއް ނުދީ ދުނިޔޭގައި ހަޔާތް ހޭދަކުރީ ކީއްވެގެންތޯއެވެ! މިހެން ބުނުމުން އެ ގޮތަށް އަހަރެމެންނާ ސުވާލު ކުރައްވަވާހޭ؟ މަށަކުވާ ނުވެސް ދެނެހުރީމޭ ބުނާ ބައަކު މިތަނުގައިވެސް ތިބެދާނެއެވެ. ނަމަވެސް ކޮންމެ ދުވަހަކު ﷲ ތަޢަލާ ގެންދަވަނީ އެސުވާލު ދުނިޔޭގައި ތިބި އެންމެންނާއި ކުރައްވަވަމުންނެވެ. އެ ސުވާލު ކުރައްވަވަނީ 7 ވަނަ އުޑުގެ މަތީގައި ވޮޑިގެން އިންނަވައިގެނެއްވެސް ނޫނެވެ. މީސްތަކުންނާއި އެންމެ ގާތަށް، 3 ވަނައުޑަށް ފައިބައިވޮޑިގަތުމަށްފަހުގައެވެ.
ކޮންމެ ރެއަކު ރޭގަނޑުގެ 3 ބައިކުޅަ ދެބައި ފާއިތުވުމުން އެންމެ ތިރީ އުޑަށް ފައިބައިވޮޑިގަތުމަށްފަހު ތިމަން ﷲ ގެ ޙަޟްރަތުން ކަމަކަށް އެދިގެން ތިބީ ކޮން ބައެއްތޯ؟ އެދެނީ ކޮން ކަމަކުތޯ؟ ފާފަތައް ފުއްސަވައި ދެއްވެވުން އެދެނީ ކާކުތޯ ސުވާލުކުރައްވަވާ ކަމާއި އެގޮތުގައި ފަތިސްވަންދެން ވޮޑިގެން އިންނަވާކަން ނުއެނގެނީ ކޮން މުސްލިމަކަށް ހެއްޔެވެ؟ އެކަން ނުއެނގޭ އެއްވެސް މުސްލިމަކު ހުންނާނެ ކަމަށް ޤަބޫލެއް ނުކުރެވެއެވެ. ވީއިރު ނުއެނގޭ ކަމަށް ބުނެވެން އޮތީ ކިހިނަކުން ހެއްޔެވެ؟
ﷲ ތަޢާލާ ވަނީ ފާފަފުއްސަވައި ދެއްވެވުން އެދި ގިނަގިނައިން ދެންނެވުމަށް އަނގަވައިފައެވެ. އަދި އިޚްލާޞްތެރިކަމާއިއެކު ފާފަ ފުއްސަވައި ދެއްވެވުމަށް އެދުމުން އެމީހެއްގެ ފާފަތައް ގިނަވެ ކަނޑުގެ ލޮނުގަނޑާއި އެއްވަރުވެފައިވީނަމަވެސް ފުއްސަވައި ދެއްވަވާނެކަމަށް އަންގަވައިފައެވެ. އަދި އެވަރުން ވެސް ދޫކޮށް ލައްވަވަނީ އެއް ނޫނެވެ. ކޮންމެ ރެއަކު 3 ގަޑިއެއްހައި އިރު ކުރިން ބަޔާންކުރި ސުވާލުތައް އެބަ ކުރައްވަވައެވެ. ނަމަވެސް އެނގޭ ކަމަށްވެސް ހަދާ ނުލައި ތިބާ ހަމަ މަޖާކުރަނީއެވެ. ނޫން ނަމަ ޣާފިލުކަންމަތީގައި ނިދަނީއެވެ.
އެހެން ނުހަދާށެވެ! ދުނިޔޭގައި ވީހައި ގިނަ މަޖަލެއް ކޮށްލުމަށްފަހު އެންމެފަހު ވަގުތު، މަރުގެ މަލާއިކަތާ ފެނުމުން ތައުބާވާން މަޑު ނުކުރާށެވެ! ތައުބާވުން އަވަސްކުރާށެވެ! އެއިރުން މަރުގެ މަލާއިކަތާ ފެނުމުން ތައުބާވާން ތެޅިގަންނާކަށް ނުޖެހޭނެއެވެ. އަދި ތިބާއަށް އެއިރުން އަބަދުވެސް ހުރެވޭނީ މަރުގެ މަލާއިކަތާއަށް މަރުހަބާ ކިޔަން ތައްޔާރުގައެވެ!
- މުފްތީ މެންކުގެ ދަރުސަކުން