ﷲ އާ އެންމެ ބޮޑަށް ކުއްތަން ވެވޭހިނދުވެސް ތިބާގެ ސަމާލުކަން ﷲ އަށް ނުދެވި ﷲ ދެކެ ލޯތްބެއް ނުވެވޭނެ! ނަމާދުވެސް ފުރިހަމައެއް ނުވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 21ސ
ﷲ އާ އެންމެ ބޮޑަށް ކުއްތަން ވެވޭހިނދުވެސް ތިބާގެ ސަމާލުކަން ﷲ އަށް ނުދެވި ﷲ ދެކެ ލޯތްބެއް ނުވެވޭނެ! ނަމާދުވެސް ފުރިހަމައެއް ނުވާނެ!: މުފްތީ މެންކް

އެންމެ ފުރަތަމަ ދުނިޔަވީ ނަޒަރަކުން ބަލައިލަމާ ހެއްޔެވެ؟ ގިނަ ބައަކު އެއްވެ ތިބެ ސަފު ހަދައި ކިޔޫގައި ތިބެ އިންތިޒާރުކުރަނީ ޤައުމުގެ އެންމެ އިސް ވެރިޔާއަށެވެ. ވެރިމީހާ ސަފުކޮޅުން ފެންނަ ފެށީންސުރެ އެކަމަށް ތައްޔާރުވަމުއެވެ. ކައިރިވާވަރަކަށް ހިނިތުންވެ ދަތްތައް ދައްކަމުއެވެ. ލައިގެން ހުންނަ ހެދުންވެސް ރީކޮށްލަމުއެވެ.

ދެން އޮތީ ތިބާ އާއި ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަންވެވޭ ވަގުތެވެ. ހަމަ ކަށަވަރުން އެވަގުތަކީ ސަޖިދައިގައި އޮންނަ ވަގުތެވެ. ތިބާ ގޮސް ނަމާދުގެ ސަފުތަކާއި ގުޅެމުއެވެ. ނަމާދުކުރަމުން ގޮސް ސަޖިދަ ކުރަމުއެވެ. ނަމަވެސް ނިކަން ބުނެބަލާށެވެ! ސަޖިދައިގައި އޮންނަ ވަގުތުކޮޅުވެސް ﷲ ތަޢާލާގެ މަތިން ހަނދާންވަނީ ކިތައް މީހުންނަށް ހެއްޔެވެ؟

މިއޮވެވެނީ ﷲ ތައާލާއި އެންމެ ބޮޑަށް ކުއްތަން ވެވޭނެ މިންވަރަށް ކުއްތަންވެގެންކަނަ ހިތަށް ގެނެވޭ ހެއްޔެވެ؟ ސަޖިދައިގައި އޮވެ ކުރަންޖެހޭ ކަމަކީ ﷲ ތަޢާލާ މަތިވެރިކުރުންކަން ހިތަށް ވަދޭ ހެއްޔެވެ؟ ސަޖިދައިގައި އޮވެ ދުލުން ކިޔާ އެއްޗެއްގެ މާނަ ހިތަށް ވަދޭ ހެއްޔެވެ؟

މީސްތަކުންނޭވެ! ގިނަ ދަރުސްތަކެއްގައި މިފަދަ ކަންކަމުގެ ވާހަކަ ތަކުރާރުކުރާތީ ސުވާލު އުފައްދާނެ ބައަކުވެސް ތިބެދާނެއެވެ! ނަމަވެސް ނިކަން ބުނެބަލާށެވެ! މިކަންކަން އިޞްލާޙް ނުކުރެވި ނަމާދު ފުރިހަމަ ކުރެވޭނެ ހެއްޔެވެ؟

ނުކުރެވޭނެކަން ކަށަވަރެވެ. ނަމާދު ކުރެއެވެ. ނަމަވެސް ނަމާދު ފުރިހަމަ ނުކުރެވޭތީ ލިބެންވާ ސަވާބު ނުލިބޭނަމަ ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ނަމާދު ފުރިހަމަ ނުކޮށް ސަލާމަތް ވެވޭނެ އެއްވެސް ގޮތެއް ނިކަން ބުނެބަލާށެވެ! އެފަދަ ގޮތެއް އޮތްކަން އެނގިފައެއް ނެތެވެ.

 

މީސްތަކުންނޭވެ! ނަމާދު ކުރާއިރު ސަޖިދައިގައި ހޭދަކުރާ ވަގުތު އިތުރުކުރާށެވެ. ތަޅުމުގައި ނިތްކުރި ޖެހުމާއިއެކު ފުންމައިގެން ތެދުވާ މީހަކަށް ނުވާށެވެ. ޖަމާއަތުގައި ނަމާދުކުރާއިރު އިމާމް މީހާ ޢާއިއެކު ތެދުވަންވާނެއެވެ. ނަމަވެސް އެކަނިކުރާ ނަމާދުތަކުގައި އެމީހަކު ބޭނުންހައި އިރެއްވަންދެން ސަޖިދައިގައި އޮވެވިދާނެއެވެ. ކުރިންވެސް ބުނިފަދައިން ސަޖިދައިގައި އޮންނަ ވަގުތަކީ ތިބާ ޢާއި ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުށްތަން ވެވޭ ވަގުތެވެ. އަނެއްކާވެސް ދުނިޔަވީ މިސާލެއް ކިޔައިދޭނަމެވެ.

ތިބާ އެންމެ ލޯބިވާ މީހާގެ ގާތަށް ދެވުމުން ބޭނުންވަނީ އަވަހަށް ނުކުމެގެން ދާން ހެއްޔެވެ؟ ނޫނީ ވީހައި ގިނަ ވަގުތެއް އެކުގައި ހޭދަކުރަން ހެއްޔެވެ؟ އެހެންކަމަށްވާއިރު ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަންވެވޭ ވަގުތު ފުންމައިގެން ތެދުވުމަކީ ކޮން ގޮތަކުން ކުރަން ހެޔޮވާނެ ކަމެއް ހެއްޔެވެ؟ ވީހައި ގިނަ ވަގުތު ﷲ ތަޢާލާ އާއި ކުތަންވެގެން އޮތުން ވާން ޖެހޭނީ ލިބޭ އެންމެ ބޮޑު އުފާ ކަމަށް ނޫން ހެއްޔެވެ؟

މީސްތަކުންނޭވެ! މިދެއްކި ވާހަކަކޮޅުން ޢިބްރަތް ޙާޞިލުކުރާށެވެ! އަދި އަމަލުކުރާށެވެ. ﷲ ތަޢާލާއަށް ތިބާގެ ހިތުގައި އޮތް ލޯބި އަމަލުން ދައްކާށެވެ! އެކަން އެންމެ ފުރިހަމައަށް ކުރެވޭނީ ނަމާދުންނެވެ. ޚާއްޞަކޮށް ސަޖިދައިގައެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން