އެދޭ ކަންކަން ނުފުދިގެން އިންތިހާއަށް ކަންބޮޑުވުމުގެ ކުރިން ދުވަސް ފެށީ ﷲ އެންގެވި ގޮތަށްކަމާއިމެދު ވިސްނައިލުން ވަރަށް މުހިންމު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 24ސ
އެދޭ ކަންކަން ނުފުދިގެން އިންތިހާއަށް ކަންބޮޑުވުމުގެ ކުރިން ދުވަސް ފެށީ ﷲ އެންގެވި ގޮތަށްކަމާއިމެދު ވިސްނައިލުން ވަރަށް މުހިންމު!

މުސްލިމުންނަށް ނިދީން ހޭލެވުމާއިއެކު ފުރަތަމަ ވެސް އޮތީ ﷲ ތަޢާލާއަށް ޙަމްދު ކުރުމާއި ޛިކްރް ކުރުމެވެ. ނިދުމަކީ މަރުވުމެއް ފަދަ ކަމަކަށްވާއިރު އެނިދީން ހޭލެވުމަށް އިރާދަކުރެއްވެވި ކަމަށްޓަކައެވެ. އެހެން އިބާރާތަކުން ނަމަ މަރުވުމަކުން ދިރުއްވުމަކަށް މިންވަރުކުރެއްވެވި ކަމަށްޓަކައެވެ. އެނބުރިދާން އޮތީ ހަމަ އިނބަ ﷲގެ ޙަޟްރަތަށްކަން ޤަބޫލުކޮށް އެކަންވެސް ދުލުން ބަޔާން ކުރުމާއިއެކުގައެވެ.

الحَمْدُ لِلهِ الَّذِي أَحْيَانَا بَعْدَ مَا أَمَاتَنَا وَإِلَيْهِ النُّشُورُ

މިއީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ކޮންމެ ދުވަހަކު ދުވަސް ފެށްޓެވި ގޮތެވެ. ނިދީން ހޭފުޅު ލެއްވެވުމާއިއެކު ފުރަތަމަ ވެސް ކުރެއްވެވިކަމަކީ ދުޢާ ކުރެއްވުމެވެ.

މިއަދު ބަލައިލަންވީ އަޅުގަނޑުމެންގެ ޙާލަތަށެވެ. ނިކަން ބުނެބަލާށެވެ. ރަސޫލް (ޞޢވ) ކޮންމެ ދުވަހަކު ކުރެއްވެވި މި ދުޢާ އެންމެ ކުޑަމިނުން ހިތުން އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟ މި ދުޢާ ކުރަނީ ކިތައް މީހުން ހެއްޔެވެ؟ ނިދީން ހޭލެވުމަކީ ﷲ ތަޢާލާއަށް ޝުކުރުވެރިވާންޖެހޭ ނީޢްމަތެއްކަން އެނގެނީ އަދި ޤަބޫލުކުރެވެނީ ކިތައް މީހުންނަށް ހެއްޔެވެ؟

އެހެންކަމާއިއެކު ހެނދުނު ހޭލީންސުރެ މިގެންދަނީ ﷲ ތަޢާލާގެ ޙަޟްރަތުގައި ކަންކަމަށް އެދެމުންނެވެ. އެދޭ ކަމެއް ނުވިނަމަ މާޔޫސްވެސް ވަމުއެވެ. ދެރަވެސް ވަމުއެވެ. މިހުރިހާ ކަމެއް ވަމުންދާއިރު ﷲ ތަޢާލާ އަންގަވާފައިވާ ފަދައިން ދުވަސް ފެށީ ކިތައް މީހުން ހެއްޔެވެ؟ ތިބާ ދުވަސްފެށީ ނިދީން ހޭލެވުމާއިއެކު ޛިކްރްކޮށް ފަތިސް ނަމާދުން ހެއްޔެވެ؟

މީސްތަކުންނޭވެ! ﷲ ތަޢާލާއީ ރަޙްމާންވަންތަ ރަޙީމްވަންތަ އިލާހްއެވެ. އަހަރެމެން ކުރަން އަހަރެމެންނަށް އެކަލާނގެ އެންގެވި ކަންތައްތައް ނުކުރާ ކޮންމެ މީހަކު ރަހްމަތްފުޅުން ބޭރެއް ނުކުރައްވަވައެވެ. އެހެންކަމުން ދުވަހަކު ނަމާދެއް ނުކުރާ މީހާގެ ބޭނުންތައްވެސް ފުއްދަވައި ދެއްވަވައެވެ. އެއީ އޭނާއަށް އެކަން ވިސްނި ތައުބާވޭތޯއެވެ! ތައުބާ ވެއްޖެނަމަ ތައުބާ ޤަބޫލު ކުރައްވަވަތެވެ.

ކުރިންވެސް ބުނާފަދައިން ދަރާއޮވެމެ ޚާއްޞަ ޙާލަތެއް މެދުވެރިވެގެން މެނުވީ އިތުރު އެހީއަށް އެދުމަކީ ދުނިޔަވީ ގޮތުން ބެލި ނަމަވެސް ލަދުވެތިކަމެކެވެ. ވީމާ ފަތިހު ހޭލައި އެއަށްފަހު ކުރަން އަންގވާފައި ކަންކަން ނުކޮށް ހުރެ ﷲ ތަޢާލާގެ ޙަޟްރަތުން ކަންކަމަށް އެދެން އަހަރެމެން ލަދުގަންނަން ނުޖެހޭނެ ހެއްޔެވެ؟ އަމިއްލަ ނަފްސަށް ތެދުވެރިކަމާއިއެކު މިސުވާލުގެ ޖަވާބު ދޭން ބޭނުންވާ ފަތިސް ނަމާދެއް ނުއަޅާނެއެވެ. އަދި ކަމެއް ދިމާވެގެން ނުހޭލެވުނު ނަމަވެސް ދުވަސް ފަށާނީ ފަތިސް ނަމާދު ޤަޟާ ކުރުމާއިއެކުގައެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން