ދަރިން ނަރަކައިން ސަލާމަތް ކުރަން ބޭނުންނަމަ ބާލިޣްވުމުން ދަރިންނަށް އެކަން އަނގައި ޒިންމާދާރުކަމާއިއެކު މަސްއޫލިއްޔަތު އުފުލަންޖެހޭނެކަން އަންގައިދިނުމަކީ މައިން ބަފައިންގެ މަސްއޫލިއްޔަތެކެވެ. އެއީ ކޮންމެ ގޮތަކުން ނަމަވެސް އަދާކުރަންޖެހޭނެ ޒިންމާއެކެވެ.
ބައެއް ޢާއިލާތަކުގައި ދަރިން ބޮޑެތިވެ ދަރިންނަށް ދަރިން ލިބޭއިރުވެސް އެއީ ކުޑަކުދިންގެ ގޮތުގައި އެބަ ބަލައެވެ. ޢާއިލާއަކުން އެގޮތަށް އެކަން ބެލި ނަމަވެސް ބާލިޣްވުމާއިއެކު ﷲ ތަޢާލާގެ ކުރިފުޅުމަތީގައި އެއީ ހަމަ ޒިންމާދާރުވާން ޖެހޭނެ ބޮޑު މީހެކެވެ. ވާޖިބުތައްވެސް އަދާކުރަން ޖެހޭނެއެވެ. ކުށެއް ކޮށްފިނަމަ ހައްދުތައްވެސް ތަންފީޒުކުރެވޭނެއެވެ. ހަމަ ބޮޑު މީހަކު ފަދައިންނެވެ.
ދަރިން ބާލިޣްވުމުން ވެސް އެދަރިން ކުޑަކުދިންގެ ގޮތުގައި ބަލައި ލޯބިން ގެންގުޅުމާއި ކިޔަވައިދިނުމާއި މިފަދަ ކަންކަން ޢާއިލާތަކުން ކޮށްދިނުމަކީ ހަމަ ކުރަންޖެހޭނެ ކަމެކެވެ. ނަމަވެސް މައްސަލަ މިއުފެދެނީ ދީނީ ވާޖިބުތައް އަދާކުރަން ޖެހުމާއި އަދަބު ތަންފީޒުކުރުމުގެ ކަންކަމުގައެވެ. މިސާލަކަށް ބާލިޣްވުމާއި ހަމައިން އެ ކުއްޖަކު އެދަނީ ނަމާދަށް، ރޯދައަށް ދަރަނިވެރިވަމުންނެވެ.
އަމިއްލައަށް ޢާމްދަނީ ނުލިބޭތީ ޒަކާތް ދައްކާކަށް ނުޖެހޭނެއެވެ. ޙައްޖުވެސް ވާޖިބެއް ނުވާނެއެވެ. ޒަކާތް ދެއްކުމާއި ޙައްޖު ވާޖިބުވާނީ އެމީހަކަށް އެފަދަ ތަނަވަސްކަމެއް ލިބުމުންނެވެ. ނަމަވެސް ﷲ ތަޢާލާއަށް ފުރިހަމައަށް އީމާންވުމާއި ފަރުޟު 5 ނަމާދުކުރުމާއި ރޯދަ ހިފުމާއި ޙަރާމް ކަންކަމުން ދުރުހެލިވުމަކީ އުފުލަންޖެހޭނެ މަސްއޫލިއްޔަތެކެވެ.
ބައެއް މައިން ބަފައިންނަށް ވިސްނިފައި އޮންނަނީ ނަމާދު ކުރުމަކީވެސް ހައި ސްކޫލާއި ކޮލެޖާއި ޔުނިވަރސިޓީ ނިމި ވަޒީފާއާއި އަންބަކުވެސް ލިބި އަމިއްލަ ދިރިއުޅުމަކަށް ފެށުމުން ކުރަން އޮންނަ ކަމެއް ކަމަށެވެ. ހަމަހިލާ އެހެނެއް ނުވާނެއެވެ. ބާލިޣްވީންސުރެ ނަމާދަށް ދާނީ ދަރަމުންނެވެ. ނަމާދު ނުކުރާނަމަ ދީނުން ބޭރުވެސް ވާނެއެވެ.
ލޮބުވެތި މައިން ބަފައިންނޭވެ! ދަރިން ބާލިޣްވުމުން ނަމާދު ނުކުރާނަމަ އެދަނީ ނަމާދަށް ދަރަމުންނެވެ. އެއްގޮތަކަށްވެސް ނަމާދު ނުކުރާނަމަ ދީނުން ބޭރުވެދާނެއެވެ. އަލުން އިސްލާމްވާން ޖެހޭ ހިސާބަށް ކަންތައްތައް ހިނގައިދާނެއެވެ. ނިކަން ވިސްނައިބަލާށެވެ! ބައެއް ޙާލަތްތަކުގައި ތިބާ އެބަ ނަމާދުކުރެއެވެ. ނަމަވެސް ދަރިފުޅު ސަޖިދަ ނުކުރުމުގެ ސަބަބުން އެދަނީ ދީނުން ބޭރުވެގެންނެވެ! މިފަދަ ހާލަތެއް ކުރިމަތިވެއްޖެނަމަ ހުރި ހިތާމައެއްގެ ބޮޑުކަމާއިއެވެ.!
ހުރިހާ ކުދިންވެސް މިކަމަށް ސަމާލުކަން ދޭށެވެ! ބާލިޣްވުމަށްފަހު މިއަދު މަރުވި ނަމަވެސް ސުވާލުތަކާއި ކުރިމަތިލާން ޖެހޭނެއެވެ! ޖަވާބުދާރީވާން ޖެހޭނެއެވެ. މަންމަ ނުވަތަ ބައްޕަގެ ބޮލުގައި ކަންކަން އަޅުވައި ނިންމައެއް ނުލެވޭނެއެވެ. ވީމާ އެންމެ ކުޑައިރުންސުރެ ނަމާދުކުރަން ގަދައަޅައި މަސައްކަތް ކުރާށެވެ!
މީގެ 6 އެއްކަ މަސް ކުރިންވެސް ހަމަ މި މައުޟޫއަށް މި މިސްކިތުގައި ވާހަކަ ދެއްކީމެވެ. ތަކުރާރުކުރަން މިޖެހެނީ މިސްކިތުން ފެންނަ ކުދިންނާއި ޒުވާނުންގެ އަދަދު ހަމަ މަދުކަމުންނެވެ. މިދެވޭ ނަޞޭޙަތްތަކަށް އަމަލުކުރެވޭތަން ފެންނަ މިންވަރު ކުޑަކަމުންނެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން