އިސްލާމް ދީނުގެ ބައެއް ވާހަކަތައް ދަރިންނަށް ކިޔައިދޭން ބައެއް މައިން ބަފައިން ލަދުގަނެއެވެ. ޚާއްޞަކޮށް ޒިނޭ ކުރުމާއި ފާހިޝް އަމަލުތައް ކުރުމުގެ ވާހަކަތަކެކެވެ. ދެން މިވަނީ ކިހިނެއްޔެވެ؟ އެކަންކަމަކީ ކިހައިވަރެއްގެ ނުބައި ކަންކަން ދަރިންނަށް ނުއެނގިތިބެ އެފަދަ ކަންކަން ކުރެވެން ފަށަނީ އެވެ. ކުރެވެމުން ގޮސް އެންމެފަހުން ދެވިވެސް ހިފަނީއެވެ.
މިޒަމާނުގައި ކުދިން ފާހިޝް އަމަލުތަކަށް އަރައިގަންނަން ފަށަނީ ވަކި އުމުރެއްގައެއް ނޫނެވެ. ސްކޫލް ނިންމާއިރު ވެސް ބައެއް ކުދިންނަށް އޮންނަނީ އެފަދަ ނުބައި އާދަތައް ހިފިފައެވެ. ނިކަން ވިސްނައިބަލާށެވެ. ޝަރީކުކުރުމާއި މީހުން މެރުމާއި ފާހިޝް އަމަލުތައް ކުރުމާއި ޒިނޭކުރުމަކީ މުސްލިމަކު އެއިން ކަމެއް ކޮށްފިނަމަ ޢަޛާބު ދެގުނައަށް ބޮޑުކުރައްވަވާ ކަންކަމެވެ.
ސަބަބަކީ ކާފަރުން އެފަދަ ކަންކަން ކުރަނީ އެކަމުގެ ޙުކުމްތައް ނުއެނގި ތިބެ ކަމަށްވެފައި މުސްލިމުން ކުރަނީ އެނގި ތިބެގެން ކަމަށްވާތީއެވެ. ވީއިރު ނިކަން ބުނެބަލާށެވެ! ލަދުން މިފަދަ ކަންކަން ކިޔައި ނުދީ އެކަމަށް ހުރި ބިރުވެރި، ގަދަ ފަދަ ޢަޛާބުގެ ވާހަކަތައް އަނގައި ނުދީ ދަރިން ނަރަކައިން ސަލާމަތް ކުރެވެން މިއަދު އެބަ އޮތް ހެއްޔެވެ؟
ވިސްނާށެވެ! މީހުން މެރުމާއި ޒިނޭ ކުރުމަކީ އެހެން ނަފުސެއްގެ ޙައްޤުތައް ނައްތައިލުމަށް ކުރެވޭ ކަންކަމެވެ. އެހެން މީހެއްގެ ނަފްސްތައް ނިކަމެތި ކޮށްލުމުގެ އަމަލުތަކެވެ. އެކަންކަމަކީ ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިނުގަންނަވާ ކަންކަމެވެ. އެކަންކަމަށް ދެއްވަވާ ޢަޛާބަކީ އެންމެ ގަދަފަދަ ޢަޛާބުކަމަށްވެގެންދަނީ އެ ސަބަބުތަކަށްޓަކައެވެ.
ދަރިފުޅު "ބޮޑުވީމާ" ކިޔައި ދޭން މަޑުކޮށްގެން ހުއްޓާ ދަރިފުޅަށް ހުރިހާ ކަމެއް ކުރެވި ނިމުނީމާ މިވަނީ ކިހިނެއް ހެއްޔެވެ؟ އަންހެން ދަރިއެއް ނަމަ އިއްފަތްތެރިކަން ގެއްލި ނިމުނީމާ ދެން ކިޔައިދޭން އޮތީ ކޮންވާހަކައެއް ހެއްޔެވެ؟ ވީމާ ދަރިން ނަރަކައަށް ކޮއްޕާ ބައަކަށް ނުވާށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން