ދަރިންނަށް ކުރެވޭ ބައެއް ކުށްތަކާއި ގުޅިގެން އަންނަ ރުޅީގައި ދަރިން މަގުމަތިކޮށްލެވޭތަން އެބައާދެއެވެ. އެއީ ވަރަށް ހިތާމަހުރި ކަމެކެވެ.
ދަރިން މަގުމަތި ކުރުމަކީ ހަމައެކަނި ގެއިން ބޭރުކޮށްލުމެއް ނޫނެވެ. ދަރިންނާއި އަޅާނުލައި ބާކީކޮށްލުމަކީވެސް ހަމަ މަގުމަތިކޮށްލުން ފަދަ ކަމެކެވެ. އަދި ރުޅިއައިސް އެއްކަމެއްގެ ވާހަކަ (ދަރިފުޅަށް ކުރެވުނު ކުށުގެ ވާހަކަ) އަބަދު ދެއްކުމަކީވެސް ހަމަ ދަރިން މަގުމަތިކުރުން ފަދަ ކަމެކެވެ. އެފަދަ ކަންކަން އެއްގޮތަކަށްވެސް ކޮށްގެން ނުވާނެއެވެ.
ދަރިއަކަށް ކުށެއް ކުރެވިއްޖެނަމަ ފުރަތަމަ ކަމެއްގެ ގޮތުން ކުރަންޖެހޭނެ ކަމަކީ ދަރިފުޅަށް އެ ކުށް ކުރެވުމުގައި ތިމާމެންގެ އިހްމާލެއްވޭތޯ ވިސްނުމެވެ. އެގޮތަށް ނުވިސްނައި ދަރިފުޅު ކިތަންމެ ވަރަކަށް ކުށްވެރިކުރި ނަމަވެސް ހައްލެއް ނުފެންނާނެއެވެ. ސަބަބަކީ ބަލި ފަސޭހަ ކުރެވޭނީ ބަލިވާން މެދުވެރިވި ސަބަބު އެނގިގެންކަމެވެ. ދަރިފުޅު މަގުން ކައްސައިލީ މައިން ބަފައިންގެ އިހުމާލުން ކަމަށް ވެއްޖެނަމަ އެކަން ރަނގަޅުނުކޮށް، އިޞްލާޙް ނުކޮށް ދަރިފުޅު އިސްލާޙްކުރުމަކީ ގިނަ ފަހަރަށް ނުކުރެވޭ ކަމެކެވެ.
ކުޑަކުޑަ މިސާލެއް ބުނެފާނަމެވެ. ދަރިފުޅަށް ފާހިޝް އަމަލެއް ކުރެވުނީ ދަރިފުޅު ގޮސް އުޅޭ ގެއެއްގެ ތެރެއިން ކަމަށްވެދާނެއެވެ. އެހެންކަމަށްވެއްޖެ ނަމަ ފުރަތަމަވެސް ބަލަން ޖެހޭނީ އެގެއަކަށް ދަރިފުޅަށް ދެވެން މެދުވެރިވި ސަބަބަށެވެ. އެއީ އަމިއްލަ ގޭތެރޭގެ މައްސަލަ އަކާއިހުރެ ގޭގައި ހުންނަން ހިތްހަމަނުޖެހިގެން ކަމަށްވާނަމަ ފުރަތަމަވެސް ޖެހޭނީ އެކަމެއް އިޞްލާޙްކުރާށެވެ. ދަރިފުޅު ގެއިން ބޭރަށް ދާން ބޭނުންވާ ސަބަބުނައްތާލައިގެން ނޫނީ ގޭތެރޭގައި ދަރިފުޅު ހިފަހައްޓާނީ ކިހިނެއް ހެއްޔެވެ؟ ގޭތެރޭގައި ނުހިފެހެއްޓި ދަރިފުޅު ބެލެހެއްޓޭނީ ކިހިނަކުން ހެއްޔެވެ؟
ވީމާ ދަރިއަކަށް ފާފައެއް ނުވަތަ ފާފަތަކެއް ކުރެވޭފަހުން އެކަން އެނގުނު ނަމަވެސް ކުއްޖާ ބާކީކޮށް އެއްލައިނުލާށެވެ! ހޭލުންތެރިކުރުވާށެވެ! އިތުރަށް އަޅައިލުމާއި ލޯބި ދީގެން އިޞްލާޙްކުރަން މަސައްކަތް ކުރާށެވެ! ތައުބާވުމަށް ހިތްވަރުދޭށެވެ! ތައުބާވުމުން ފާފަތައް ފުއްސަވައި ދެއްވަވާނެކަން އަންގައިދީ އެކަމަށް ޔަޤީންކަން ދޭށެވެ!
ރުޅި އައިސް މަގުމަތިކޮށްލައިފިނަމަ ޝައިޠާނާ އެކުއްޖާ ޖަހައިގަންނާނެ ކަމަށް ބުނަން ޖެހޭ ސަބަބަކީ އެފަދަ ހާލަތުގައި ފުރުޞަތުގެ ބޭނުންހިފައި ކުއްޖާގެ ބޮލަށް ޝައިޠާނާ އިތުރަށް ސަވާރުވެގަންނާނެތީއެވެ! ކުއްޖާއަށް ޝައިޠާނާ ވިސްނައިދޭނީ މައިން ބަފައިންގެ ހިތުގައި އޭނާއަށް އެއްވެސް ކުލުނެއް އަދި ލޯތްބެއް ނެތް ކަމަށެވެ. ފާފަ ކުރުވި މީހުން މާ ރަނގަޅު ކަމަށެވެ.
މިޙާލަތަށް ކަންކަން ހިނގައްޖެނަމަ ދެން އަނބުރައި ދަރިފުޅު ހޯދުން ވާނީ ވަރަށް ދަތި އުނދަގޫ ކަމަކަށެވެ. މިބުނެދިން ގޮތަށް ވިސްނައި ސަމާލުކަން ދީގެން ނިކަން ތަޖުރިބާ ކޮށްބަލާށެވެ! ﷲ ތަޢާލާގެ ވާގިފުޅާއިއެކު ހެޔޮ ބަދަލު ފެންނާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން