ދޮގުހަދާ މީހެއްކަން އެނގުމުން އިތުރަށް ދޮގު ނުހައްދުވައި އޮތީ އަވަހަށް އޭނާ އާއި ދުރުހެލިވުމެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ދޮގުހަދާ މީހެއްކަން އެނގުމުން އިތުރަށް ދޮގު ނުހައްދުވައި އޮތީ އަވަހަށް އޭނާ އާއި ދުރުހެލިވުމެވެ!

އެއްވެސް މީހަކީ ދޮގު ހަދާ މީހަކުކަން އެނގިއްޖެނަމަ އެމީހަކު ލައްވައި އިތުރަށް ދޮގު ނުހައްދުވައި އަވަހަކަށް އެމީހަކާއި ދުރުހެލިވާށެވެ! އެމީހެއްގެ ކިބައިން ލިބިދާނެ ފައިދާއަކަށްވުރެ ލިބިދާނެ ގެއްލުން މާބޮޑުވީމައެވެ. 

ޚުދު ތިމާގެ ފިރިމީހާ ނަމަވެސް އަނބިމީހާ ނަމަވެސް ތަޝައްރަފް ފުދިފައިވާ ދަރިއަކު ނަމަވެސް ދޮގު ހަދާކަން ޔަޤީން ވުމުން ދުރުވެވެން އޮތް މިންވަރަށް ދުރުހެލިވާންވާނެއެވެ. ރައްޓެއްސަކު ނަމަ އެކުގައި ދުރުހެލިވާންވާނެއެވެ. 

ބައެއް މީހުންނަށް ހީވަނީ ވައްކަން ކުރުމުން އަތްކަނޑަން އޮވެފައި ދޮގު ހެދުމުން ދޫބުރިކޮށްލަން ނެތުމުން ދޮގުހެދުމަކީ އެއްވެސް ފާފައެއް ނޫން ކަމަށެވެ. ނަމަވެސް ހަޤީޤަތަކީ ދޮގު ހެދުމަށްވެސް ބޮޑެތި އަދަބުތައް ވެސް އެބަހުރިކަމެވެ. ހައްދު ޖެހުންވެސް އެބައޮތެވެ. ހެދި ދޮގުގެ ސަބަބުން ޢާންމުވި ފިތުނައިގެ ބަދަލު ހޯދުންވެސް އެބައޮތެވެ. ދޮގު ހެދުމަކީ ނުވަތަ ދޮގު ބުނުމަކީ ހަމަ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ފާފައެކެވެ.  

ދޮގު ހަދާކަން އެނގިއްޖެނަމަ އެކަން ނުކޮށް ހުއްޓައިލުމަށް ނަޞޭހަތްތެރިވާންވާނެއެވެ. ދެވަނަ ފަހަރަށް ދޮގު ހަދައިފިނަމަ އެމީހަކާއި އޮތީ ހަމަ ގުޅުން ކަނޑައިލުމެވެ. ސަބަބަކީ ދޮގު ހެދުމަކީ ފިތުނައިގެ ފެށުމެވެ. އެ ފިތުނައިގެ ހުޅުކޮޅު ބޮޑުވެ މުޅި ޢާއިލާއެކުގައި އަނދާފައި އެބަހުއްޓެވެ. މުޅި މުޖުތަމައު ވެސް އެކުގައި އަނދާފައި އެބަހުއްޓެވެ. މާނައަކީ ޢާއިލާތަކުގައި ފިތުނަ އުފެދި ޢާއިލީ ގުޅުންތައް ކެނޑި، ޢާއިލާތައް ރޫޅޭކަމެވެ. މުޅި މުޖުތަމައު ފަސާދަވެ ބޮޑެތި ތަޅާފޮޅުމާއި ހަނގުރާމަތައް ހިނގާ ކަމެވެ.

ވީމާ ބައެއް އިލްމުވެރިންގެ ނަޒަރުގައި ދޮގުހެދުމަކީ ހަމަ އެންމެ ބޮޑުފާފައެކެވެ. އެކަމަށް ޙައްޤު ޢަޛާބު ﷲ ތަޢާލާ ދެއްވަވާނެއެވެ! ވީމާ ދޮގު ހެދުމުގެ ނުބައި އާދަ އަވަހަށް ދޫކޮށްލާށެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން