ކަނބަލުންނަށް ހޭލެވުމާއިއެކު ދުވަސް ފަށަންވީ ދަރިން ސްކޫލަށް ފޮނުވަން ތައްޔާރުކުރުމަކުން ނޫން - ފަތިސް ނަމާދުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ކަނބަލުންނަށް ހޭލެވުމާއިއެކު ދުވަސް ފަށަންވީ ދަރިން ސްކޫލަށް ފޮނުވަން ތައްޔާރުކުރުމަކުން ނޫން - ފަތިސް ނަމާދުން!

އިސްލާމީ މުޖުތަމައުތަކުން މިއަދު މިފެންނަނީ ވަރަށް ހިތާމަހުރި ކަންކަމެވެ. ކުރާ ކޮންމެ ކަމެއްގައި ހެން ﷲ ތަޢާލާ އަންގަވާފައިވާ ގޮތް ދޫކޮށްލައި އެހެން ގޮތްތަކަށް ޢަމަލުކުރެވޭތަނެވެ. އެންމެ ބޮޑު އަޖައިބަކީ ﷲ ތަޢާލާ އެންގެވި އެންގެވުންތައް ބޮލާލައި ޖެހުމަށްފަހުވެސް ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދޭކަމެވެ. ލަދުވެސް ނުގަންނަ ކަމެވެ.

މުސްލިމުންނަށް އޮތީ ފަތިސް ނަމާދުން ދުވަސް ފެށުމެވެ. ފަތިސް ނަމާދަށް ނުހޭލެވިއްޖެނަމަ ނަމާދު ދޫކޮށްލަންވީ އެއް ނޫނެވެ. ހޭލެވުމާއިއެކު ވީއެންމެ އަވަހަކަށް ފަތިސް ނަމާދުކުރަންވީއެވެ. ވީއެންމެ އަވަހަކީ ކުރަން ހުރި ހުރިހާ ކަމެއް ކުރުމަށްފަހު ނަމާދުކުރުމެއް ނޫނެވެ. ހޭލެވުމުން ކުރާ ފުރަތަމަ ކަމެއްގެ ގޮތުގައި ނަމާދުކުރުމެވެ. 

އެހެންކަމަށްވާއިރު ދުވަސް ފަށަންވީ ދަރިން ސްކޫލަށް ފޮނުވަން ތައްޔާރުކުރުމަކުން ނޫނެވެ. އަދި ފިރިމީހާ އޮފީހަށް ދާންވާއިރަށް ހެނދުނުގެ ނާސްތާ ތައްޔާރުކުރުމަކުން ނޫނެވެ. ފަތިސް ނަމާދުންނެވެ. އެއީ އެހައި ބޮޑުކަމެއް ނޫނެވެ. އެހައި ގިނަ ވަގުތު ބޭނުންވާ ކަމެއްވެސް ނޫނެވެ. ދަތް އުނގުޅައި މޫނު ދޮވެގެން ނުކުންނައިރު ވުޟޫކޮށްގެން ނުކުމެވިދާނެއެވެ. އެއަށްފަހު ނަމާދުކޮށްލެވިދާނެއެވެ. ވުޟޫ ކުރުމަށާއި ނަމާދުކުރުމަށް ނަގާނީ ގިނަވެގެން 10 ވަރަކަށް މިނީޓެވެ.  

ލޮބުވެތި އުޚުތުންނޭވެ! ދަރިން އެންމެ ކުޑައިރުންސުރެ ތިއަ ކަނބަލުން ދަރިންނަށް މިފަދައިން ނަމޫނާ ދައްކައިދޭނަމަ ދަރިންގެ ކިބައިގައިވެސް އެފަދަ އާދަތައް ދާނީ އަށަގަންނަމުންނެވެ. ނަމާދުކުރުމުގެ އާދަ އަށަ ނުގަންނަވައި ސްކޫލަށް ތިއަ ފޮނުވަނީ ކޮންކަމެއް ދަސްކޮށްދޭން ކަމަށްހެއްޔެވެ؟ ކީރިތި ޤްރްއާނުގައި ބަޔާންވެގެންވާ ޙުކުމްފުޅުތަކަށްވުރެ ސްކޫލްތަކުގައި ކިޔަވައިދޭ ތަކެތި މާމޮޅުކަމަށް ޤަބޫލުކުރެވެނީ ހެއްޔެވެ؟ ހުރި ހިތާމައެއްގެ ބޮޑުކަމާއިއެވެ! 

ލޮބުވެތި ކަނބަލުންނޭވެ! ތިއަ ކަނބަލުން މިކަމަށް ވެސް ވަރަށް ބޮޑަށް ވިސްނަންވާނެއެވެ! ފިރިމީހާއަށް ޚިދުމަތް ކުރުމަކީ މަތިވެރި ވާޖިބެކެވެ. ހެޔޮކަން ބޮޑު އަޅުކަމެކެވެ. ނަމަވެސް ފިރިމީހާ ގެއަށް އަންނަންވާއިރަށް ނުކުކެއްކިދާނެތީ މެންދުރު ނަމާދު ނުކޮށް ދޫކޮށް ނުލާށެވެ! އެއިރުން އެވެވެނީ ކުށްވެރި އެކަންޏެއް ނޫނެވެ. ފާފަވެރިވެސް ވެވެނީއެވެ. 

ނަޞޭހަތަކީ ކިތަންމެ ބުރަކޮށް އުޅުނު ނަމަވެސް އެންމެ ނަމާދެއްވެސް ނުކޮށް ދޫކޮށް ނުލުމެވެ. ޤިޔާމަތް ދުވަހު ފުރަތަމަ ހިސާބު ބެއްލެވޭނީ ނަމާދާއިމެދުގައިކަން ނުއެނގޭ ހަމައެކަކުވެސް ނުހުންނާނެއެވެ! ނަމަވެސް އެކަން އެނގެނީ މިހާރު ކިތައް މީހުންނަށްބާވައެވެ! މިސުވާލު މިކުރީ އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން އެނގޭނަމަ އެކަމަކަށް އަމަލުކރުމުގެ މުހިންމުކަން ބަޔާން ކުރުމަށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން