ދުނިޔޭގަ އުޅުނު އެންމެ ބޮޑެތި ޖައްބާރުންނާ މަރަށް ތައްޔާރުނުވާ މީހާގެ އެއްވެސް ތަފާތެއް އެބަހުރި ހެއްޔެވެ؟: ޝައިޚް ޢަބްދުﷲ ސައުދާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 6ސ
ދުނިޔޭގަ އުޅުނު އެންމެ ބޮޑެތި ޖައްބާރުންނާ މަރަށް ތައްޔާރުނުވާ މީހާގެ އެއްވެސް ތަފާތެއް އެބަހުރި ހެއްޔެވެ؟: ޝައިޚް ޢަބްދުﷲ ސައުދާން

ދުނިޔެ ފެށުނީންސުރެ މިއަދާއި ހަމައަށް ދުނިޔޭގައި އުޅެފައިވާ އެންމެ ބޮޑެތި ޖައްބާރުންވެސް އެމީހުން މަރުވާނެކަން ޤަބޫލުކުރިއެވެ. އަދި މިއަދުވެސް ތިމާ މަރުވާނެކަން ޤަބޫލު ނުކުރާ ހަމަ އެކަކުވެސް ނުހުންނާނެއެވެ. މިހާރު ދުނިޔޭގައި ތިބި އެންމެ ބޮޑެތި ޖައްބާރުންވެސް އެކަން ޤަބޫލުކުރެއެވެ. އަދި އެއްވެސް ދީނެއް ޤަބޫލުނުކުރާ މީހުންވެސް އެމީހުން މަރުވާނެކަން ޤަބޫލުކުރެއެވެ.  

ދެން ބަލަންވީ މުސްލިމުންނަށެވެ. ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކޮށްގެން އުޅޭ މުސްލިމުންނަށެވެ. އެމީހުންވެސް ހަމަ އެމީހުން މަރުވާނެކަން ޤަބޫލުކުރެއެވެ. ސުވާލަކީ މަރަށް ތައްޔާރުނުވާނަމަ މުސްލިމުންނާއި ދުނިޔޭގައި އުޅުނު ޖައްބާރުންނާއި އެއްވެސް ދީނެއް ޤަބޫލެއް ނުކުރާ މީހުންގެ މެދުގައި އެއްވެސް ތަފާތެއް އެބަހުރި ހެއްޔެވެ؟ އެއްވެސް ތަފާތެއް ނެތް ކަމަށް ބުނެވެން ނެތް ހެއްޔެވެ؟ 

ދުނިޔޭގައި އުޅެން މީސްތަކުންނަށް ދާދި މަދު ދުވަސްކޮޅެކެވެ. އެދުވަސްކޮޅު ދުނިޔޭގައި އުޅޭއިރުވެސް މަރުވާނެ ވަގުތު ހަމައެކަކަށްވެސް ނުއެނގޭނެއެވެ. ވީމާ މަރަށް ތައްޔާރު ނުވާނަމަ އެމީހާގެ ހާލަކީ ކޮބައިހެއްޔެވެ؟ ނިކަން ވިސްނައިބަލާށެވެ! ޤިޔާމަތް ދުވަހު ދުނިޔޭގައި އުޅެވުނު ކަމަށް ދަންނަވާނީ ދުވަހެއް ނުވަތަ ބައި ދުވަހުއެވެ. މީހާއަށް ދުނިޔޭގައި އުޅެވުނު މުއްދަތު ޤަބޫލުކުރެވޭނީ އެހައިވެސް ކުރުކަމަށެވެ. 

ވިސްނައި ފިކުރުކޮށްބަލާށެވެ! ޢުމަރުގެފާނު ކޮންމެ ރެއަކު އަވަހާރަފުޅު ލެއްޕެވުމުގެ ކުރިން އެދުވަހު ކުރެއްވެވުނު ހެޔޮ އަމަލުތަކުގެ ހިސާބު ބެއްލެވިއެވެ. އަދާކުރައްވަން ޖެހިވަޑައިގަންނަވާ އެއްވެސް ފަރުޟެއް އަދާ ނުކުރެއްވެވި އޮތްތޯ ބެއްލެވިއެވެ. އަވަހާރަފުޅު ލައްޕަވަނީ އެ ހިސާބުތައް ބެއްލެވުމަށްފަހުގައެވެ.  

ނަމަވެސް މިއަދު އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކު އެ ހިސާބު އެބަ ބަލަމުތޯއެވެ؟ ތިމާ ކުރާ ވިޔަފާރީން ލިބުނު އާމްދަނީގެ ހިސާބާއި އެމީހަކަށް ލިބެން ހުރި ފައިސާގެ ހިސާބުތައް ކޮންމެ ދުވަހަކުވެސް ބަލައެވެ. ބަރާބަރަށް ދުވަހުން ދުވަހަށް އެހިސާބުތައް ބަލަހައްޓައެވެ. ނަމަވެސް ﷲ ތަޢާލާ އާއި ތިމާ އާއި ދެމެދުގައި ބަލަހައްޓަން ޖެހޭ ހިސާބުތައް ބެލުމުގައި މިދަނީ ފޭލްވަމުންނެވެ. ވީއިރު މަރަށް ތައްޔާރުވާން އެއްވެސް ކަމެއް އެބަ ކުރެވޭތޯއެވެ؟ 

މަރަށް ތައްޔާރު ނުވެވި ހުއްޓައި މަރު އައިސް ކުރިމަތިލައިފިނަމަ އެމީހެއްގެ ޙާލަކީ ކޮބައި ހެއްޔެވެ؟ ވީމާ އަޅުގަނޑުމެން ކޮންމެ މީހަކީވެސް ކޮންމެ ވަގުތަކުވެސް މަރުވެދާނެ މީހަކު ކަމަށް ބަލައި މަރަށް ތައްޔާރުވާން އެބްޖެހެއެވެ. ޢާޚީރަތް ދުވަހު ސަލާމްތަކްން ލިބޭނީ އެކަންކުރުމުންނެވެ. 

- މިއަދުގެ ޢަޞްރު ނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި ޝައިޚް ޢަބްދުﷲ ސައުދާން ދެއްވި ދަރުސުން

 

 

މިއަދު އޮންލައިން