އިންސާނާގެ ކިބައިގައި ހުންނަ އުނި އެއް ސިފައަކީ ތިމާ އާއި ތިމާ ލޯބިވާ މީހުންގެ ކިބައިގައި ހުންނަ ކުށްތައް ފާހަގަ ނުކުރެވި، އެހެން މީހުންގެ ކުށް ފާހަގަކުރެވުމެވެ.
މިއީ ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެފައިވާ ބަސްފުޅެކެވެ.
މިއީ މިއަދު ދިވެހިންގެ ތެރޭގައިވެސް ވަރަށް ޢާންމުވެފައިވާ ކަމެއްކަން ފާހަގަކުރެވެއެވެ. ތިމާ އާއި ތިމާ ތާއީދުކުރާ މީހުން ކިތަންމެ ބޮޑުތި ފާތަކެއް ކުރިނަމަވެސް، ޤާނޫނި ގޮތުން ކިތަންމެ ބޮޑެތި ކުށްތަކެއް ކުރިނަމަވެސް އެއިން އެއްވެސް ކަމަކީ ކުށެއްގެ ގޮތުގައި ގިން މީހުންނަށް ފާހަގައެއް ނުކުރެވެއެވެ. ނަމަވެސް އެހެން މީހެއްގެ ކިބައިން ކިތަންމު ކުޑަ އުނިކަމެއް ފެނުނު ނަމަވެސް އެއީ ވަރަށް ބޮޑު އުނިކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
ޢާންމު ދިރިއުޅުމަށް ބެލިނަމަވެސް މިފަދަ ކަންކަން ފެނެއެވެ. ތިމާގެ އަމިއްލަ އަނބިދަރިންނަށް ނުވަތަ ފިރިންނަށް ދޭންޖެހޭ ލޯބި ނުދީ، އަޅައިނުލާ މީހުން އެހެން މީހުންގެ އެފަދަ ކަންކަން ފާހަގަކޮށް ވާހަކަތައް ދައްކައެވެ. އަދި ފަތުރައިވެސް ހަދައެވެ. އަމިއްލަ މައިން ބަފައިންނަށް އެހީތެރިނުވެ އަޅައި ނުލާ މީހުން އެހެން މީހުންގެ އެފަދަ ވާހަކަތައް ދައްކައެވެ.
ދީނީ ގޮތުން ބަލައިފިނަމަ ނަމާދު ނުކުރާ އަދި ފާފަތަކަށް އަރައިގަނެވޭ މީހުން ތައުބާ ނުވެ ތިބެ އެހެން މީހުންގެ ވާހަކަތައް ދައްކައެވެ. އިސްލާމް ދީނުގައި އޮތީ ފުރަތަމަ ކަމެއްގެ ގޮތުން ތިމާ އިޞްލާޙް ވުމެވެ. ކޮންމެވެސް އިރެއްގައި ފާފައެއް ނުކުރެވޭ، ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ބެހެއްޓުނު މީހަކު ވަރަށް މަދުވާނެއެވެ. އެފަދަ މީހުންނަށް ފުރަތަމަ ކަމެއްގެ ގޮތުން އޮތީ ތިމާ ތައުބާވުމެވެ. ފުރިހަމަ ތައުބާއަކުން ތައުބާވެއްޖެ މީހަކީ އެފަދަ އަމަލެއް ނުކުރާ މީހެއް ފަދައެވެ.
https://twitter.com/alizahirsaeed/status/1094089098975997952