ސްޓޫޑަންޓް ލޯނުގެ އިންޓްރެސްޓް (ރިބާ) 5% އިން 3% އަށް ކުޑަ ކުރުމުގެ ބަދަލުގައި، 5% އިން 0%އަށް ތިރިކޮށްދެއްވުމަށް ޝައިޚް ޝަފީޢް ޢަބްދުﷲ ސަރުކާރަށް ގޮވާލައްވައިފިއެވެ.
ޝައިޚްޝަފީޢް ވިދާޅުވީ ރިބާއަކީ ކިތަންމެ ކުޑަ އިންސައްތައެއް ނަމަވެސް ލޯނުގައި ރިބާ ހިމެނޭ ނަމަ އެއީ އެންމެ ބޮޑު އެއް ފާފަ ކަމަށެވެ. އަދި އެއީ މާތް ﷲ ހަނގުރާމަ އިއުލާން ކުރައްވާފައިވާ ކަމެއް ކަމަށެވެ.
ޝައިޚް ޝަފީޢް މިފަދަ ބަސްފުޅެއް ވިދާޅުވެފައި މިވަނީ ދަރިވަރުންގެ ކިޔެވުމަށް ސަރުކާރުން ދޫކުރާ ލޯނުގެ އިންޓަރެސްޓްގެ ގޮތުގައި ކުރިން ނަގަމުން އައި 5 އިންސައްތް، މިސަރުކާރުން 3 އިންސައްތައަށް ކުޑަ ކުރެއްވުމާއި ގުޅިގެންނެވެ. ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ ތައުލީމަކީ އިންސާނާގެ ދިރިއުޅުމުގެ ޙަޔާތުގެ ބިންގާ ކަމަށާއި އެ ބިންގާ ޙަރާމް ގޮތުގައި އުޅުމަކީ މުޅި އުމުރަށް ވެސް އެކަމުގެ އަސަރު ކުރާނެ ކަމެއް ކަމަށެވެ. އަދި ކިޔަވަން ނަގާ ލޯނުގައި އިންޓަރެސް ހިމެނުމަކީ އެ ކުއްޖެއްގެ ހިތުގައި ރިބާ އަށް ބިރުކެނޑި، އެއީ ހުއްދަ އެއްޗެއް ކަމަށް ޤަބޫލުކުރަން މަގުފަހު ކުރުވައިފާނެ ކަމެއް ކަމަށެވެ.
ޝައިޚް ޢަލީ ޒައިދު އިއްޔެ ވަނީ ރިބާގެ ލޯނަކީ ކަނޑައެޅިގެން ޙަރާމް އެއްޗެއް ކަމަށް ބަޔާން ކުރައްވައި އެއްވެސް ބޭފުޅަކު އެފަދަ ލޯނެއް ނުނެންގެވުމަށް އެދިވަޑައިގެންފައެވެ. ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ވިޔަފާރިއެއް ފަށަން ނަމަވެސް އަދި ކިޔަވަން ނަމަވެސް މި ރިބާގެ ލޯނު ނުނެގުމަށް އެދިވަޑައިގެންފައވެ.
"މިފަދަ ލޯނުތަކާއި ކައިރިވެ ނުލައްވާ! ބަރަކާތެއް ނުހުންނާނެ! ޙިކްމަތް ވަންތަ ﷲ އަމުރުފުޅު ކުރައްވަވަނީ ރިބާ އާ ދުރުހެލިވުމަށް!" ކަމަށްވެސް ޝައިޚް ޢަލީ ޒައިދު ވަނީ ވިދާޅުވެފައެވެ.