ޚަބަރުގައިވާ ފޮޓޯއަށް ބައްލަވާށެވެ! އެއަށްފަހު މިސުވާލަށް ޖަވާބު ދެއްވާށެވެ! މިއީ ހަމަ އަޅުގަނޑުމެންގެ ގެތަކުން ނުދެއްކޭނެ މަންޒަރެއްތޯއެވެ؟
ގެތަކުގައި އޮތް ޖާގައިގެ ދަތިކަން ސަބަބަކަށް ނުހަދާށެވެ! ގޭގައި އުޅޭ ހުރިހާ ކުދިން އެކުގައި ކުޅެން ބައިތިއްބަމުއެވެ. އަދި އެކަމުގައި ބެލެނިވެރިންވެސް ބައިވެރިވަމުއެވެ. ނަމަވެސް ނަމާދު ވަގުތުޖެހުމުން ހުރިހާ ކުދިން ލައްވައި ނަމާދު ކުރުވޭ ކަމަކަށް ނުވެއެވެ.
ކޮންމެ ގެއެއްގައި ކުޑަކުދިން ގޮވައިގެން މިސްކިތަށް ދާނެ ބޮޑެތި ފިރިހެނުން ނުތިބެދާނެއެވެ. އެފަދަ ހާލަތުގައި ބަންގި ގޮވާއިރަށް ގޭތެރޭގައި ނަމާދުކުރުވުން ކީއްތޯއެވެ؟ ނަމަވެސް މިކަން މިގޮތަށް ކުރުވޭނީ ޢާއިލާގެ އެންމެން އެކަމަށް އެއްބާރުލައިގެންނެވެ. ނަމާދު ވަގުތު ޖެހުނީމާ އެއް ކުއްޖަކު ކޮޓަރިއަށް ވައްދައި ކުޅެން ޕީއެސް ދޭނަމަ މި ރޫޙް އުފައްދަން އެހައި ފަސޭހް ނުވެދާނެއެވެ! އެހެން ކުދިންވެސް ހަމަ ޕީއެސް ކުޅެން ބޭނުންވާނެތީއެވެ!

ނަމަވެސް ހުރިހާ ބެލެނިވެރިން އެކަމަށް ސަމާލުކަންދީގެން ނަމާދު ވަގުތު ޖެހުމުން ފުރަތަމަ ކުރަންޖެހޭނީ ނަމާދުކަން ދަރިންގެ ހިތްތަކަށް ވައްދައިދެވޭނަމަ އެކުދިން ތިބޭނީ ބަންގި ގޮވާއިރަށް އެކަމަށް ތައްޔާރުވެގެންނެވެ. އަމިއްލައަށް އިސްނަގައިގެންވެސް ކުރަން ފަށާނެއެވެ.
ހުރިހާ ބެލެނިވެރިން އެކަމަށް އެއްވަރަކަށް ސަމާލުކަން ދީގެން ކުރަން ބޭނުންވެއްޖެނަމަ މިއީ ހަމަ ކޮންމެ ގެއެއްގައިވެސް ކުރިވިދާނެ ކަމެކެވެ. ދެއްކިދާނެ މަންޒަރެކެވެ!
މި ފޮޓޯ ފެނުމުން ކިޔުންތެރިންނާއި ހިއްޞާ މިކޮށްލީ މިކަމުން ކޮންމެވެސް ފައިދާއެއް ކޮށްފާނެ ކަމުގެ އުންމީދުގައެވެ.