މައިން ބަފައިންނަށް ބޯނެ ފެންތަށްޓެއް ދިއްކޮށްލުމަކީވެސް ސުވަރުގެ ދެވިދާނެ އަޅުކަމެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 12ސ
މައިން ބަފައިންނަށް ބޯނެ ފެންތަށްޓެއް ދިއްކޮށްލުމަކީވެސް ސުވަރުގެ ދެވިދާނެ އަޅުކަމެކެވެ!

މުސްކުޅިވެފައި ތިބި މައިން ބަފައިން ފެން ބޯން އުޅޭކަން އެނގިއްޖެނަމަ އަމިއްލައަށް ފެންތަށި އެޅިއަ ނުދީ އަވަސް އަވަހަށް ފެންތަށި އަޅާފައި އޯގާތެރިކަމާއިއެކު ދިއްކޮށްލާށެވެ! އަދި ފެން ބޮއި ނިމުން ތަށީގައިވެސް ހިފާށެވެ! އެއިރުން ފެން ދިނުމާއި ފެން ބޮއި ނިމުމުން ތަށީގައި ހިފިކަމުގެ ސަވާބު ދެއްވަވާނެތެވެ. 

މިކަންކަމަކީ ވެސް ހަމަ ތިބާއަށް ސުވަރުގެ ދެވިދާނެ އަޅުކަމެވެ. މިހެން ބުނުމުން މައަކަށް ފެންތަށްޓެއް ދީގެން ހަމަ ސުވަރުގެ ދެވިދާނެތޯ  ސުވާލުކޮށްފާނެއެވެ. ޖަވާބަކީ ހަމަ އާނއެކެވެ. ދެވިދާނެއެވެ. 

ރަނގަޅަށް ވިސްނާށެވެ! ޤިޔާމަތް ދުވަސް ހިތަށް ގެންނާށެވެ! ތިބާގެ ހިސާބު ބެލެވެނީ ކަމަށް ހީކުރާށެވެ! ތިބާ ސުވަރުގެ ދިއުމަށް ސަވާބުތަކެއް މަދުވާ ކަމަށް ހީކުރާށެވެ! އެހިނދު އެއްކަލަ ފެންތަށި ދިނުމާއި ތަށީގައި ހިފުން ތިބާއަށް އެހީތެރިވާނެއެވެ! ތިބާއަކީ ސަމާލުކަން ދީގެން އެކަން ކޮށްފައިވާ މީހެއް ނަމަ ތިބާއަށް ކިތައް ފެންތަށި ދެވިފައިވާނެ ހެއްޔެވެ؟ ކިތައް ތަށީގައި ހިފިފައި ވާނެ ހެއްޔެވެ؟ އެހުރިހާ ފެންތަށިތައް ގުޅަކޮށްލެވި މީޒާނުގައި ތިބާގެ ހެޔޮ އަމަލުތަކުގެ ކޮޅަށް ލެވިއްޖެނަމަ ބަރުވެގެންދާނެ މިންވަރު ނިކަން ހިތަށް ގެނެސްބަލާށެވެ! އެއިރުން މިބުނި ކަންތައް ހިތަށް ގެނެވޭނެއެވެ. ޤަބޫލުވެސް ކުރެވޭނެއެވެ. 

ﷲ ތަޢަލާގެ ދީލަތިވަންތަކަމަށް ނިކަން ވިސްނައިބަލާށެވެ! ކުޑަ ދަރިފުޅުގެ ނެޕީ ބަދަލުކުރާއިރުވެސް ލޯތްބާއި އޯގާތެރިކަމާއި ދަރިފުޅަށް ފިލާވަޅު ދަސްކޮށްލައި ދިނުންވެސް ﷲ ތަޢަލާ ލައްވަވާފައިވަނީ ސަވާބު ލިބޭނެ އަޅުކަމުގެ ގޮތުގައެވެ. މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. އެމީހަކާއި ﷲ ތަޢާލާ ޙަވާލުކުރައްވަވާފައިވާ ކޮންމެ މަސްއޫލިއްޔަތެއް ނަމަވެސް އިޚްލާޞްތެރިކަމާއިއެކު ކުރުން ލައްވަވާފައިވަނީ ހަމަ އަޅުކަމުގެ ތެރޭގައެވެ. 

ވީއިރު ސަވާބު ހޯދުން މިއޮތީ އެމީހަކަށް ކެރުނު ވަރަކަށް ގިނަ ކުރެވެން ނޫން ހެއްޔެވެ؟ އެހެންކަމާއިއެކުވެސް އަޅުކަން ކުރަން ތިއަ އިހްމާލުވަނީ ސުވަރުގެ ދެވޭނެ ކަމުގެ ޔަޤީންކަން ކާކުދީގެން ހެއްޔެވެ؟  ނަމާދު ކުރުމާއި ޛިކްރް ކުރުމަށް ތިއަ އިހްމާލްވަނީ ކީއްވެގެން ހެއްޔެވެ؟ ނިކަން ވިސްނައި ފިކުރުކޮށްބަލާށެވެ! 

އަހަރެމެންގެ ތެރެއިން ގިނަ ބައަކު މިދަނީ އަޅުކަން ކުރުމުގައި ވަރަށް ބޮޑަށް އިހްމާލުވެ ފަރުވާ ކުޑަކުރަމުންނެވެ. ސުވާލަކީ އެކަން އެގޮތަށް ތިއަ ކުރަނީ ސުވަރުގެ ލިބޭނެ ކަމުގެ ޔަޤީންކަން ކާކުދީގެން ހެއްޔެވެ؟ އެކަމުގެ ޔަޤީންކަން ލިބުނު ގޮތެއް ނިކަން ބުނެބަލާށެވެ. 

ނިކަން ވިސްނައިބަލާށެވެ! ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ލިބިވަޑައިގަންނަވާނީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަށްކަން ޔަޤީންވެވަޑައިގަންނަވާއިރު ރަސޫލް (ޞޢވ) އަޅުކަން ކުރެއްވެވުން ކުރެއްވެވީ އެހެން މީހުންނަށްވުރެ އެތައް ގުނައެއް އިތުރެވެ. ރަސޫލް (ޞޢވ)ގެ އަނބިއަނބިކަނބަލުން ފަތިސް ނަމާދުން ފެށިގެން މެންދުރާއި ހަމައަށް ޛިކްރް ކުރެއްވުމުގައި މުސައްލަމަތީގައި ދެމިތިއްބެވިއެވެ. 

ޞަޙާބީން ވާދަކުރައްވަވަމުން ގެންދެވީ އަޅުކަން ކުރެއްވެވުމުގައެވެ. ދުނިޔަވީ ކަންކަމުގައެއް ނޫނެވެ. ނަމަވެސް މިއަދު އަހަރެމެންގެ ޙާލަށް ބަލައިފިނަމަ ވާދަކުރަނީ ދުނިޔަވީ ކަންކަމުގައެވެ. އިތުރު ތަނަވަސްކަމާއި ފައިސާ ހޯދުމުގައެވެ. މަތިވެރި މަޤާމްތައް ހޯދުމުގައެވެ. އަޅުކަން ކުރުން މިބޭއްވެނީ އެންމެ ފަހު ކަމަކަށެވެ. ވަގުތުވީވަރަކުން ކޮށްލާ ކަމެއްގެ ގޮތުގައެވެ. 

މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. ރަސޫލް (ޞޢވ) ވެސް އަދި ޞަހާބީންވެސް މަސައްކަތްޕުޅު ކުރެއްވެވީ ސުވަރުގެ ހޯއްދެވުމަށެވެ. އަހަރެމެންނަށް ވެސް ކުރަންޖެހިފައި މިވަނީ ހަމަ އެއް މަސައްކަތެކެވެ. މިހައި ތަފާތު ބޮޑުކޮށްލައިގެން އަމާޒަށް ވާސިލު ވެވިދާނެކަމަށް ޤަބޫލުކުރަން ހެޔޮވެދާނެ ހެއްޔެވެ؟ 

ބުއްދީގެ ބޭނުން ހިފާށެވެ. އަޅުކަން ކުރުން ވީހައި ގިނަކުރަން ގަދައަޅައި މަސައްކަތް ކުރާށެވެ. ކުރާ ކޮންމެ އަމަލަކީވެސް އަޅުކަމެއްކަމުގައި ހަދަން ގަދައަޅައި މަސައްކަތް ކުރާށެވެ. ނަމާދު ކުރުމާއި ކީރިތި ޤްރްއާން ކިޔެވުމާއި ޛިކްރްކުރުމުގެ އިތުރުން ކުރިން ބަޔާން ކުރި ފަދަ ދިރިއުޅުމުގެ ކޮންމެ ކަމެއް ކުރި ނަމަވެސް ﷲ ތަޢާލާ ރުހިވޮޑިގެން އެ އަމަލު ޤަބޫލުފުޅު ކުރައްވަވާނެ ގޮތަށް ކުރާށެވެ! އެއަށްފަހު ސުވަރުގެ ލިބުމަށް އުންމީދުކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން