ލޯބި ނުވާ މީހެއްގެ ގާތު ލޯބިވާކަމަށް ބުނުމަކީވެސް މުނާފިޤް ކަމުގެ ސިފައެކެވެ! އޮޅުވައިލާއިރު ނަރަކައިގެ އަލިފާނަށް ބިރުވެތިވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ލޯބި ނުވާ މީހެއްގެ ގާތު ލޯބިވާކަމަށް ބުނުމަކީވެސް މުނާފިޤް ކަމުގެ ސިފައެކެވެ! އޮޅުވައިލާއިރު ނަރަކައިގެ އަލިފާނަށް ބިރުވެތިވާށެވެ!

ކޮންމެ ކަމެއްގައި ނަމަވެސް ތިމާ ބޭނުންވާ ގޮތަށް، ނުވަތަ ހިތް އެދޭ ގޮތަށް ބުނަން ނުކެރުމަކީ މުނާފިޤުންގެ ސިފައެކެވެ. ތައުބާ ނުވަނީސް މުނާ ފިޤުންނަށް މާފުކުރުމެއްވެސް ނެތެވެ.  

ކާމިޔާބު ވުމާއި ނުވުމަކީ މުޅިން ތަފާތު މައްސަލައެކެވެ. ނަމަވެސް ކޮންމެ ކަމެއްގައިވެސް ބުނަން ވާނީ، ހާމަކުރަންޖެހޭނީ ތިމާ ބޭނުންވާ ގޮތެވެ. އެކަން ފޮރުވައިގެންހުރެ އެހެން މީހުންގެ ކިބައިން ބޭނުންތައް ފުއްދުމަށްޓަކައި ތަފާތު ގޮތްގޮތަށް ވާހަކަ ދެއްކުމަކީ ދެމޫނުގެ ވެރިންގެ ސިފައެވެ. 

ތިމާ ބޭނުންވާ ގޮތަށް ހާމަކުރުމުން ތިމާގެ މަސްއޫލިއްޔަތު އެއޮތީ ނިމިފައެވެ. އަދާކުރެވިފައެވެ. އެކަމަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން އޮތް ނަމަ ކާމިޔާބުވާނެއެވެ. ވީއިރު އޮޅުވާލައި މަކަރު ހަދަންވީ ކީއްކުރަން ހެއްޔެވެ؟ ހަމަ ގައިމުވެސް ﷲ ތަޢާލާއަށް އެއްވެސް ކަމެއް އޮޅުވައެއް ނުލެވޭނެއެވެ.  

ކޮންމެ ކަމެއްގައިވެސް ފުރަތަމަ ކަމަކަށް ތެދުވެރިވާށެވެ! ތެދުބަސް ނޫނީ ނުބުނާށެވެ! އެއަށްފަހު ﷲ ތަޢާލާއަށް ވަކީލުކުރާށެވެ! އެންމެ ބޮޑެތި ކަންކަމުން ފެށިގެން އެންމެ އާދައިގެ ކަންކަމަށްވެސް މިއުޞޫލް ހިފަހައްޓާށެވެ! އެންމެ ކުޑަ މިނުން ލޯބި ނުވާ މީހަކު ލޯބިވާކަމަށްވެސް ނުބުނާށެވެ! އެކަންވެސް ހިމެނިގެންދާނީ މުނާފިޤުކަމުގެ ތެރޭގައެވެ. އެހެނީ ދޮގު ހެދުމަކީ މުނާފިޤުކަމުގެ އެންމެ ޢާންމު ސިފަ ކަމުގައިވާތީއެވެ! ވީމާ ނަރަކައިގެ ހޫނު އަލިފާނާއި ދުރުހެލިވާށެވެ! މުނާފިޤުންގެ ތެރޭގައި ހިމެނިދާނެ ކަމަށް ބިރުވެތިވާށެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން