މަރްޒޫޤަކީ ލަވަކިޔައި މިޔުޒިކް ކުޅޭ ޒުވާނެކެވެ. ކޮފީއަކަށް ދިއަ ނަމަވެސް ގިޓާ ހިފައިގެން ގޮސް ކުޅެލަ ކުޅެލަ އިންނަ ޒުވާނެކެވެ. ސްޓޭޖް ޝޯތަކުގައާއި ކެފޭ، ރެސްޓޯރަންޓުތަކުގައި ގިޓާކުޅެގެން އާމްދަނީ ވެސް ހޯދާ ޒުވާނެކެވެ.
އެއީ މިދިއަ ޖަނަވަރީމަހުގެ 18 ވަނަ ދުވަހުގެ ރެއެވެ. ޒުވާނުންތަކެއް އިސްނަގައިގެން މިސުރުގެ އަވަށެއް ކަމަށްވާ އަބޫ ނުސްފްގައި އިންތިޒާމްކުރި މިޔުޒިކް ޝޯއެކެވެ. މަރްޒޫޤުގެ ވަގުތު ޖެހުމުން ގިޓާހިފައިގެން ސްޓޭޖަށްއަރައި ކުޅެން ފެށިތަނުން އަތުގައި އެއްޗެއް ޖެހޭ ހެން ހިވެގެން ބަލައިލިއިރު ގިޓާ ތެރެއިން ނުކުންނަތަން ފެނުނީ ބޮޑު ހަރުފައެކެވެ.
ގަތް ބިރުން ގިޓާ އެއްލާލާފައި ދުވަމުން ސްޓޭޖުން ފޭބިއިރު މީހާ ބިރުން ތުރުތުރު އަޅައެވެ. މީހާ ހުރީ ގުނބު ހިލިފައެވެ. ނޭވާ ކުރުވެފައެވެ. އެންމެ ގާތުގައި ތިބި ބައެއް މީހުންނަށްވެސް ހަރުފަ ފެނުނު ކަމަށް ބުނެއެވެ. މަރްޒޫޤް ބުނީ އޭނާއަށް ހަމައެކަނި ހަރުފަ ފެނުނީ ނޫން ކަމަށާއި އިނގިލިތަކުގައި ޖެހުނު ވަގުތު ފިނިވެސްވި ކަމަށެވެ.
މިކަމުގައި އެންމެ ބޮޑަށް ޙައިރާންވާންޖެހުނު ކަމަކީ ހޯދަހޯދައިވެސް ބަންދުކޮށްފައި ހުރި އެ ހޯލުން ހަރުފަ ނުފެނުނު ކަމެވެ. ހަރުފަ ނުކުމެގެން ދިއަ ތަނެއްވެސް ނުއެނގުނު ކަމެވެ.
މަރްޒޫޤް ބުނަނީ މިއީ ކޮންމެ ގޮތަކަށް ހިނގައި ދިއަ ކަމެއް ނަމަވެސް ދެން ދުވަހަކުވެސް ގިޓައެއްގައި އަތް ނުލާނެ ކަމަށެވެ. އަދި މިޔުޒިކް ކުޅޭ އެއްވެސް އެއްޗެއްގައިވެސް އަތްނުލާނެ ކަމަށެވެ. އަދި އުންމީދަކީ ވީހައި އަވަހަކަށް އޭނާގެ އަޑުން ކީރިތި ޤްރްޢާން ރެކޯޑްކޮށް ޔޫޓިޔުބްގައި ޢާންމުކުރުން ކަމަށެވެ.
--މިޞުރުގައި ކިޔަވަންހުންނަ ދަރިވަރަކު މިއަދުނޫހާއި ހިއްސާކުރި މައުލޫމާތުގެ މައްޗަށް ލިޔެފައިވާ ލިޔުމެއް