ދުނިޔޭގެ ގިނަ ބައަކު ފާހަގަކުރަމުންދާ ލޯބި ވެރިންގެ ދުވަސް މިއަހަރުވެސް އައިސް ޖެހުނީއެވެ. އެކަމަށް ޒުވާނުންތައް މިހާރުވެސް ތިބީ ތައްޔާރުވެގެންނެވެ. ދުވަސް އައުން ލަސްވެ ކެތް މަދުވެފައެވެ.
ދުވަހުގެ ހަޤީޤަތަށް ބަލައިފިނަމަ އެދުވަސް ވެގެން މިދަނީ ގިނަ އަދަދެއްގެ ޒުވާނުން އިސްލާމް ދީން ހުއްދަ ނުކުރާ ގިނަ އަމަލުތަކެއް ކުރާ ދުވަހަކަށެވެ. ކޮންމެ ދުވަހަކީވެސް އެފަދަ ދުވަހެއް ނޫން ވާހަކައެއް ނޫނެވެ. ތަފާތަކީ އެހެން ދުވަސްތަކާއި ޚިލާފަށް އެދުވަހަކީ ދުވަސް ފާހަގަކުރާ އެންމެން އެފަދަ އަމަލުތައް ކުރާ ދުވަހަކަށްވެގެންދާކަމެވެ. އެހެންކަމުން ނިޞްބަތުން ބަލައިފިނަމަ އެދުވަސް ވެގެން މިދަނީ އެންމެ ގިނަ އަދަދެއްގެ ޒުވާނުން ﷲ ތަޢާލާ ނަހީކުރެއްވެވި ކަންތައަތަކަށް އަރައިގަންނަ ދުވަހަކަށެވެ. ނަތީޖާއަކީ އެދުވެސް ވެގެން މިދަނީ އިބިލީސް އެންމެ އުފާކުރާ އެއް ދުވަހަށެވެ.
ހިތާމައަކީ މިކުރެވެނީ ކިހައިވަރެއްގެ ބޮޑު ފާފައެއްކަން ނުއެނގި ތިބެ ގިނަ އަދަދެއްގެ މުސްލިމުންނަށްވެސް އިބިލީހުގެ މަޅީގައި ޖެހެވޭކަމެވެ. ދުވަހާއި ގުޅުވައިގެން ހިންގާ ހަރަކާތްތަކުގައިބައިވެރިވެވި އަދި އިސްލާމް ދީން ހުއްދަ ނުކުރާ އެތައް ކަންތައްތަކެއް ކުރެވެމުން އަންނަކަމެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަބަދުވެސް ބުނާ ފަދައިން އިސްލާމް ދީނަކީ ލޯބިވެގެން ކައިވެނިނުކޮށް އުޅުން ހުއްދަކުރާ ދީނެއް ނޫނެވެ. އިސްލާމް ދީނުގައި އޮތީ ކައިވެނި ކުރުމުގެ ޤާބިލުކަން ލިބުމާއިއެކު އަވަހަށް ކައިވެނިކުރުމެވެ. ކައިވެނިކޮށްގެން ކައިވެނީގެ މީރުކަން ލިބިގަތުމެވެ. ލޯބިވެގެން، ލޯބިވެރިންގެ ގޮތުގައި ބައްދަލުކުރުމެއް ނެތެވެ. އެއީ އެފަދަ ބައްދަލުވުންތަކުގެ ސަބަބުން ﷲ ތަޢާލާ ނަހީ ކުރައްވަވާފައިވާ ކަންތައްތަކަށް މަގުފަހިވެ، އެފަދަ ކަންކަމަށް އަރައިގަނެވޭނެތީއެވެ.
ލޯބިވެރިންގެ ގޮތުގައި ތިބެ ހަދިޔާ ބަދަލުކުރުމަކީ އެއްގޮތަކަށްވެސް ކުރުން ރަނގަޅުކަމެއް ނޫނެވެ. ލޯބިވެރިންގެ ގޮތުގައި އުޅެފައި ކައިވެނި ނުކުރެވި ވަކިވާންޖެހޭ މީހުން މަދެއް ނޫނެވެ. އެފަދަ ހާލަތުގައި "އަނިޔާ" ލިބި މާޔޫސްވާން ޖެހޭ މީހާ، އެމީހާ ދިން ހަދިޔާތަކުގެ ޝަކުވާ ކުރާނެއެވެ. އެއްބައަކު ފައުޅުގައިވެސް ކުރާނެއެވެ. ފައުޅުގައި ނުކުރި ނަމަވެސް އެކަމަށް ވިސްނައި ހިތާމަކުރާނެއެވެ. ގިނަ ފަހަރު އެފަދަ ހާލަތްތަކުގައި ވިސްނިފައިވެސް އޮންނާނީ އެއީ މަކަރުވެރިކަމުން އެމީހެއްގެ އަތުން އަނެކަކު ހޯދި ތަކެތި ކަމުގައެވެ. އެހިސާބުން އެ އުފެދެނީ ހަމަ އިތުރު މައްސަލަތަކެވެ.
ކައިވެނި ކުރުމުގައިވެސް އެކަކު އަނެކަކު ދެކެ ލޯބިވާންވީ ﷲ ތަޢާލާއަށްޓަކައެވެ. އެއީ ކައިވެނީގެ ކުރިން ބައްދަލުކުރުމާއި އެކަކު އަނެކަކަށް ހަދިޔާ ދޭން ޖެހޭ ކަމެއް ނޫނެވެ. އަތުގައި ފައިސާ ހުރިވަރަކުން ރައްކައު ކުރާށެވެ! ކައިވެނި ކުރެވުމުން ޙަލާލު ގޮތުގައި ޚަރަދުކުރުމަށެވެ.
ދެން އޮތީ ކައިވެނިކޮށްގެން ތިބި މީހުންގެ ވާހަކައެވެ. ކައިވެނިކޮށްގެން ތިބޭ ދެމަފިރިން ލޯބިވާންޖެހޭނީ، އަދި ލޯބިވާކަން ހާމަކުރަންޖެހޭނީ ވަކި ދުވަހަކު ނޫނެވެ. ހުރިހާ ދުވަހަކު އެވެ. ހުރިހާ ކަމެއްގައެވެ. ހުރިހާ ވަގުތެއްގައެވެ. އެއީ އަހަރުގެ ވަކި ދުވަހަކު ކޮށްލައި ނިންމައިލެވެން އޮތް ކަމެއް ނޫނެވެ. އެއީ މުޅި ހަޔާތުގައިވެސް އެއްވެސް ބަދަލެއް ނުގެނެސް ދަމަހައްޓަންޖެހޭ ކަމެކެވެ.
ދެމަފިރިން އެކަކު އަނެކަކަށް ވީހައި ގިނައިން ހަދިޔާ ދޭށެވެ. ވަކި ދުވަހަކު ނޫނެވެ. ލިބުނުހައި ގިނައިން ހަމަ ހަދިޔާދޭންވީއެވެ. ހަދިޔާ ބަދަލުކުރުމަކީ ލޯބި އިތުރުވާ ކަމެކެވެ. ދެމަފިރިންގެ ގުޅުން އިތުރަށް ބަދަހިވާ ކަމެކެވެ.
އެނގޭ ހެއްޔެވެ؟ ފިރިމީހާއަށް ހަދިޔާއެއް ދިނުމަކީ ހަމައެކަނި އެއްޗެއް ގަނެފައި ދިނުމެއް ވެސް ނޫނެވެ. ކައްކައިދޭ ކާއެތިކޮޅު މީރުކޮށް ކައްކައިދިނުމަކީވެސް ދެވޭ ހަދިޔާއެވެ. ހަމަ އެފަދައިން ގޭގައި ކައްކަން ތަކެތި ގަންނައިރު އަނބިމީހާއަށް މީރުވާނެ ތަކެތި ގަނެގެން ގެންގޮސް ދިނުމަކީވެސް ދެވޭ ހަދިޔާއެކެވެ. އަދި މިކަންކަމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ސަވާބުވެސް ލިބޭނެ ކަންކަމެވެ.
ވީމާ ލޯބިވެރިންގެ ދުވަސް ފާހަގަކޮށް އިބިލީހަށް ކުރާކައްކައިދޭ ބައަކަށް ނުވާށެވެ! ލޯބިވެރިންގެ ދުވަސް ފާހަގަކުރަން ﷲ ތަޢާލާ ނަހީކުރެއްވެވި ކަންތައްތައް ކޮށްގެން ހުއްޓައި ކައިވެނި ނުކުރެވެނީސް މަރުވެދާނެ ކަމަށް ބިރުގަންނާށެވެ!
އަދި ކައިވެނި ނުކުރެވެނީސް ލޯބިކެނޑި ގުޅުން ނެތިގެން ހިނގައްޖެނަމަ މެދުވެރިވެދާނެ ޙާލަތަށްވެސް ވިސްނާށެވެ! މަރުވި ނަމަވެސް، ހިތާމަކުރަން ޖެހޭނެ ހާލަތެއް މެދުވެރިވި ނަމަވެސް ތިމާއަށް އެހީތެރިވެދެއްވެވޭނެ ހަމައެކަނި ފަރާތަކީ ﷲ ތަޢާލާކަން އަހަރެމެން އެބަ ޤަބޫލުކުރަމުއެވެ. ޤަބޫލު ނުކުރެވިގެން މިއުޅެނީ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވާނެޖެހޭނެ ކަމެވެ. އެކަން ހިތުގެ އަޑިން ޤަބޫލުކުރެވިއްޖެ ނަމަ ހުރިހާ މައްސަލަތަކެއްވެސް ޙައްލުވީއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން