"އެނގޭ ހެއްޔެވެ؟ ފިރިމީހާއަށް ހަދިޔާއެއް ދިނުމަކީ ހަމައެކަނި އެއްޗެއްގަނެފައި ދިނުމެއް ވެސް ނޫނެވެ. ކައްކައިދޭ ކާއެތިކޮޅު މީރުކޮށް ކައްކައިދިނުމަކީވެސް ދެވޭ ހަދިޔާއެވެ. ހަމަ އެފަދައިން ގޭގައި ކައްކަން ތަކެތި ގަންނައިރު އަނބިމީހާއަށް މީރުވާނެ ތަކެތި ގަނެގެން ގެންގޮސް ދިނުމަކީ އަނބިމީހާއަށް ދެވޭ ހަދިޔާއެކެވެ. އަދި މިކަންކަމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ސަވާބުވެސް ލިބޭނެ ކަންކަމެވެ."
މިއީ ލޯބިވެރިންގެ ދުވަސް ފާހަގަކުރުމާއި ގުޅޭގޮތުން އުސްތާޛް ދެއްވާފައިވާ ދަރުސްގައި ފާހަގަ ކުރައްވާފައިވާ ކަމެކެވެ. ދަރުސް ޚަބަރުގައި ހާމަކުރުމުގެ އިތުރުން މިކަން ހާމަކޮށްލީ މިއީ ހަމަ ކޮންމެ ދެމަފިރިއަކުވެސް ވިސްނައިލުން މުހިންމު ކަންކަން ކަމުގައި ޤަބޫލުކުރެވޭތީއެވެ.
ވިސްނާލައިފިނަމަ މިހިރީ ޢާއިލީ ދިރިއުޅުމުގައި ކޮންމެހެން ކުރަންޖެހޭ ކަންކަމުގެ ތެރެއިންހިމެނޭ، އެކަންކަން ކުރުމުގައި ސަމާލުކަން ދިނުމުން ދުނިޔެއާއި ޢާޚިރަތުގައި ފައިދާކުރާނެ ކަންކަމެވެ.
ދިވެހިންގެ ޢާންމު ދިރިއުޅުމަށް ބަލާއިރު ކައްކަނީ އަނބިމީހާއެވެ. އެއީ އަނބިމީހާ ކޮންމެ ދުވަހަކުވެސް ކުރާ ކަމެކެވެ. މިއޮތީ އެކަމުގެ ތެރެއިންވެސް އިތުރަށް ސަވާބު ހޯދޭނެކަން އެނގޭށެވެ. ގެއަށް ބޭނުންވާތަކެތި ގަތުމަކީ ޢާންމުގޮތެއްގައި ފިރިން ކުރާ ކަމެކެވެ. ފިރިންނަށް ކުރަންޖެހޭ ކަމެކެވެ. މިއޮތީ އެކަމުގެ ތެރެއިންވެސް އިތުރަށް ސަވާބު ހޯދޭނެ މަގެވެ.
ޤިޔާމަތް ދުވަހަކީ ކޮންމެ މީހަކުވެސް އެމީހަކަށް ކުރެވުނު ހެޔޮ އަމަލުތައް މަދުވެ ނަރައިން ސަލާމަތްވުމަށްޓަކައި އެންމެ ސަވާބަކަށް އެދިވެސް ސަލާންޖަހަމުން ދުވަން ޖެހޭނެ ދުވަހެވެ. ވީއިރު މިފަދަ ކަންކަމާއިމެދު އިތުރަށް ވިސްނައިލުން ކީއްތޯއެވެ!