ސުވަރުގެ ލިބިގަތުމަށް އެދޭ މީހާއަކީ ބޮޑާ، ކިބުރުވެރިއަކު ކަމުގައި ނުވުމަށް ރަސޫލް (ޞޢވ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ.
މި ޙަދީޘް ބަސްފުޅުގެ އިތުރު ތަފްޞީލަށް ވަޑައިގަންނަވަމުން ބައެއް ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި ގޮތް ދޫނުކުރުމާއި ރުޅިގަދަވުމަކީ ބޮޑާކަމާއި ކިބުރުވެރިކަމުގެ ތެރޭގައި ހިމެނޭ ސިފަތަކެވެ. ވީމާ ބޮޑާވުމާއި ރުޅިގަދަވުމަކީ އެކަންކަމާއި ކޮންމެހެން ދުރުހެލިވާންޖެހޭ ކަންކަމެވެ.
ބައެއް މީހުންގެ މިޒާޖު ހުންނަ ގޮތުން ވެސް ރުޅިއާދެވިދާނެއެވެ. ރުޅިގަދަވުމާއި ރުޅި ޢާދެވުމާއި މިއީ މުޅިން ތަފާތު ދެކަމެކެވެ. އިންސާނުންނަށް އޮތީ ރުޅި އައިނަމަވެސް ރުޅި ކޮންޓްރޯލް ކުރުމެވެ. ރުޅި އަންނަ ވަގުތު ވެސް ދުލުން ބޭރުކުރަން ނުޖެހޭ ބަސްތައް ބޭރު ނުކުރުމާއި އަތުން ފައިން ކުރަން ނުޖެހޭ ކަންކަން ނުކުރުމެވެ. އެއްވެސް ޙާލެއްގައި ހިތަށް އައިހައި އެއްޗެއް ކިޔައި އަނެކާގެ ހިތުގައި ޖައްސައި ދެރަކޮށްލުމެއް ނެތެވެ. އަދި އެހެން މީހަކަށް އަނިޔާއެއް ލިބޭނެ އެއްވެސް އަމަލެއް ވެސް ކޮށްގެން ނުވާނެއެވެ.
މިކަމުގެ ވަރަށް ފުރިހަމަ މިސާލެއް ޢަލީގެފާނު ވަނީ ދައްކަވައިފައެވެ. ހަނގުރާމައިގެ މައިދާނުގައި ޢަލީގެފާނާއި ކުރިމަތިލި ކާފަރުންގެ ވަރަށް ވަރުގަދަ ފަހުލަވާނަކާއި ހަނގުރާމަކުރައްވައި އޭނާ ބަލިކުރެއްވެވިއެވެ. އޭނާ ޢަތުލުކުރައްވަން އުޅުއްވި ވަގުތު އޭނާ ޢަލީގެފާނުގެ މޫނުފުޅަށް ކުޅުޖެހިއެވެ. އެހާލަތުގައި ޢަލީގެފާނު އޭނާ ޤަތުލު ނުކުރައްވައި ދޫކޮށްލެއްވިއެވެ.
ހަނގުރާމަ ނިމުމުން އޭނާ ފަދަ ނުބައި ނުލަފާ ޖައްބާރަކު ޤަތުލު ނުކުރައްވައި ދޫކޮށްލެއްވި ސަބަބާއިބެހޭ ގޮތުން ޞަހާބީން ސުވާލު ކުރެއްވެވިއެވެ. އެހިނދު ޢަލީގެފާނު ވިދާޅުވިއެވެ. "ތިމަންކަލޭގެފާނު ހަނގުރާމަކުރެއްވީ ﷲ ތަޢާލާގެ މަގުގައެވެ. ތިމަންކަލޭގެފާނު އޭނާ ޤަތުލުކުރައްން ބޭނުންފުޅުވިއެވެ. ނަމަވެސް އެވަގުތު އޭނާ ތިމަން ކަލޭގެފާނުގެ މޫނުފުޅަށް ކުޅު ޖެހުމުން ތިމަންކަލޭގެފާނުގެ ކޯފާ ވަރަށް ގަދަވިއެވެ. އެގޮތަށް، އެ ގަދަ ކޯފާގައި ހުންނަވައި ތިމަންކަލޭގެފާނު އޭނާ ޤަތުލުކުރެއްވިނަމަ އެއީ ﷲ ތަޢާލާގެ މަގުގައި ކުރެއްވުނު ކަމަކަށް ނުވެދާނެއެވެ."
ނިކަން ވިސްނައި ފިކުރުކޮށްބަލާށެވެ! އެއީ ހަނގުރާމައިގެ މައިދާނެވެ. އޭނާ ޤަތުލުކުރައްވަން ބޭނުންފުޅުވި ނަމަވެސް އެކަން ނުކުރެއްވެވީ ކޯފާމަތީގައި ހުންނަވައި އެކަން ކުރެއްވެވިނަމަ ފަހުން އެކަމުގެ ޒިންމާ އަމިއްލަފުޅަށް އުފުއްލަވަން ޖެހިވަޑައިގެންފާނެ ކަމަށް ބިރުފުޅުންނެވެ. ނަމަވެސް މިއަދު އަހަރެމެންގެ ހާލު މިހުރީ ކިހިނަކުން ހެއްޔެވެ؟ ކުޑަކުޑަ ކަމަކާއިމެދު ދެބަސްވެލާފައި އަމިއްލަ އަނބިދަރިންނާއި މައިންބަފައިންނާއި އަޚުންނާއި ދެކޮޅަށް ވަޅި ހިފައިގެން ނުކުމެ އެބަ ހަމަލާ ދެމުއެވެ.
ނިކަން ބުނެބަލާށެވެ! މިއީ މުސްލިމުންގެ ކިބައިން އެއްވެސް މިންވަރެއްގައި ފެނިގެންވާނެ ކަންކަން ހެއްޔެވެ؟ ސުވަރުގެ އެދޭ މީހާއަކީ މިހައި ރުޅިގަދަ މީހަކަށް ވެގެން ސުވަރުގެ ހާޞިލުކުރެވިދާނެ ކަމަށް އުންމީދު ކުރަންވާނެ ހެއްޔެވެ؟
އިސްލާމީ ތިލަފަތުގެ ދަރުސަކުން