އަންހެނުން މޫނު ނިވާކުރަނީ އެއްވެސް ޙާލެއްގައި މީސތްކުންގެ ތޢްރީފް ހޯދުމަކަށް ނޫނެވެ. މީސްތަކުންގެ ތަޢްރީފް ހޯދަން ބޭނުންވާ އެއްވެސް އަންހެނަކު މޫނު ނިވައެއް ނުކުރާނެއެވެ! މޫނު ނިވާކުރަނީ އެކަމަކީ ކޮންމެހެން އިސްލާމް ދީނުގައި މަޖުބޫރު ކަމަކަށްވެގެނެއްވެސް ނޫނެވެ. ހަމައެކަނި ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެދިގެންނެވެ. އިސްލާމް ދީނުގައި އަންހެނުން ހެދުން އެޅުމަށް އޮތް އެންމެ ފުރިހަމަ ގޮތަކީ އެއީ ކަމަށްވާތީއެވެ.
އަންހެނުން ގެއިން ބޭރަށް ނުކުމެ އުޅުމުގައި ގައަށް ދޫ ހެދުން ލައި މޫނު ނިވާކުރުމަކީ އެންމެ ރަނގަޅު، އަދި ރައްކައުތެރި ގޮތް ކަމަށް ބަލައި މުސްލިމް ނޫން އަންހެނުން ވެސް މިހާރު ގެންދަނީ އެގޮތަށް ހެދުން އަޅަމުންނެވެ. މީގެ ތެރޭގައި އިސްލާމް ދީނާއި އެންމެ އިދިކޮޅު ޔޫރަޕުގެ ޤައުމުތަކުގެ އަންހެނުންވެސް ހިމެނެއެވެ.
މިކަމުންވެސް އެނގެނީ ހެދުން ލުމަށްވެސް އިސްލާމް ދީނުގައި ބަޔާންވެގެންވާ އުޞޫލަކީ އެންމެ ފައިދާހުރި އެންމެ ރަނގަޅު ގޮތްކަމެވެ. އިސްލާމް ދީނުގެ ފުރިހަމަ ކަމެވެ. މީސްތަކުން އަމިއްލައަށް އުފައްދާ ގޮތްތަކަށްވުރެ އިސްލާމް ދީނުގައި ބަޔާންވެގެންވާ ގޮތައް މާ މަތިވެރިކަމެވެ.
ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ ދީނަކީ ހަމައެކަނި އިސްލާމް ދީނެވެ. އިސްލާމް ދީނުގައި ބަޔާންވެގެންވާ ގޮތުން އަންހެނާގެ އައުރަ ނިވާވާ އެންމެ ކުޑަމިނަކީ ދިވެހިން ކިޔައި މިއުޅޭ ޢާންމު މިންގަނޑުންނަމަ ބުރުގާ އެޅުމެވެ. އެކަންވެސް ޤަބޫލު ނުކުރާ ގިނަ ބައަކު އުޅޭއިރު މޫނު ބުރުގާ އަޅާ، ނުވަތަ މޫނު ނިވާކުރާ އަންހެނުންނަށް ތަޢްރީފް ނުކުރާ ކަމަށް މީހަކު ނުވަތަ ބައަކު ބުނުމަކީ އެއްވެސް ޙާލެއްގައި ކަންބޮޑުވާންޖެހޭ ކަމެއް ނޫނެވެ.