މީހަކު ދެކެ ރުޅިއަންނައިރަށް އެމީހާގެ ސިއްރުތައް ބޭޒާރުކުރާއިރު ތިމާގެ ސިއްރުތައް ﷲ ބޭޒާރުކުރައްވަވައިފާނެ ކަމަށް ބިރުވެތިވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
މީހަކު ދެކެ ރުޅިއަންނައިރަށް އެމީހާގެ ސިއްރުތައް ބޭޒާރުކުރާއިރު ތިމާގެ ސިއްރުތައް ﷲ ބޭޒާރުކުރައްވަވައިފާނެ ކަމަށް ބިރުވެތިވޭ!

ދެމީހަކު އެކުގައި އުޅޭނަމަ ގިނަ ފަހަރަށް އެކެއްގެ ވަރަށް ގިނަ ސިއްރުތައް އަނެކަކަށް އެނގޭނެއެވެ. އެއީ ހިއްޞާކުރާތީއެވެ. ދެ މީހުންގެ މެދުގައި ދެބަސްވުމެއް ހިނގައި އެކަކު އަނެކަކު ދެކެ ރުޅިއަންނައިރަށް އެމީހާގެ ސިއްރުތައް ބޭޒާރުކުރުމަކީ ގިނަ ބައަކު ކުރަމުން އަންނަކަމެކެވެ. ބޭނުމަކަށްވެފައި އޮންނަނީ އެމީހަކު މީސްތަކުންގެ ކުރިމަތީގައި ފަޟީހަތްކޮށް ނިކަމެތިކޮށްލުމެވެ. ލަދުގަންނަވައިލުމެވެ. 

އެކުގައި އުޅުނު ދެމީހަކު ރުޅިވި ނަމަވެސް، ޚިޔާލުތަފާތުވި ނަމަވެސް އަދި ހިތް ހަމަ ނުޖެހުނު ނަމަވެސް އެމީހާގެ ސިއްރުތައް ބޭޒާރުކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. ކޮންމެ މީހެއްގެ ވެސް ސިއްރުތަކެއް ހުންނާނެއެވެ. ޚުދު ތިމާގެ ވެސް ސިއްރުތަކެއް ހުންނާނެއެވެ. ހުރިހާ ކަންކަން އެންމެ މޮޅަށް ދެކެ ދެނެވޮޑިގެންވާ ﷲ ތަޢާލާ ތިބާގެ ސިއްރުތައްވެސް ދެނެވޮޑިގެންވެއެވެ. 

ނިކަން ވިސްނައިބަލާށެވެ. މީހަކު ދެކެ ރުޅި އަންނައިރަށް އެމީހާގެ ސިއްރުތައް ބޭޒާރުކުރާއިރު ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ ގޮތަށް ކިތައް ކަންތައް ކޮންމެ ދުވަހަކު ތިބާ ކުރަމުހެއްޔެވެ؟ އެހެންކަމާއިއެކުވެސް ތިބާގެ ސިއްރުތައް ﷲ ތަޢާލާ ހާމައެއް ނުކުރައްވަވައެވެ. ސިއްރުކުރައްވަވައި ހިފަހައްޓަވައެވެ.  

އަހަރެމެން ސިއްރުން ކުރާ ހުރިހާ ކަންކަން ﷲ ތަޢާލާ ހާމްކުރައްވަވާނަމަ އަހަރެމެންނަށް އުޅެންޖެހޭނެ ހާލާއިމެދު ނިކަން ވިސްނައިލަބަލާށެވެ! އަހަރެމެންނަށް އޮތީ ސިއްރު ސިއްރުގެ ބާއްވައިދިނުމެވެ. ނިކަން ވިސްނައިލަބަލާށެވެ! މީހެއްގެ އައިބު ފޮރުވައިދީފި މީހެއްގެ އައިބުތައް ﷲ ތަޢާލާ ޤިޔާމަތް ދުވަހު ފޮރުއްވަވައިދެއްވަވާނެތެވެ. މިވަރުގެ ބޮޑު ނިޢްމަތެއް ލިބެން އޮއްވައި ދޫކޮށްލަން ހެޔޮވެދާނެ ހެއްޔެވެ! 

ވީމާ މިކަންކަމަށް އިތުރަށް ވިސްނައިލާށެވެ! ކޮންމެ ކަމެއް މެދުވެރިވެގެން ދެމީހަކު ވަކިވި ނަމަވެސް ސިއްރުތައް ސިއްރުގެ ގޮތުގައި ހިފަހައްޓަންވާނެއެވެ! ދުނިޔެއާއި އާޚިރަތުގައިވެސް އެންމެ ފައިދާކުރާނެ ގޮތަކީ އެއީއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން