ބައެއް މީހުންނަށް ހީކުރެވިފައި އޮންނަނީ މުސްލިމެއްގެ ގޮތތުގައި އުފަންވުމަކީ ސުވަރުގެ ވަދެވުން ކަމަށެވެ. ނަމަވެސް ހަޤީޤަތަކީ މުސްލިމެއްގެ ގޮތުގައި އުފަންވުމަކީ ސުވަރުގެ ވަނުމަށް ލިބޭ ތަޅުދަނޑި އެއް ކަމެވެ. މަސައްކަތްކޮށްގެން ތަޅުދަނޑިން ދޮރު ހުޅުވައިގެން ވަނުމަކީ އެމީހެއްގެ ކިބައިގައި އޮތް ކަމެކެވެ.
މުސްލިމެއްގެ ބަނޑުން އުފަންވެ މުސްލިމެއްގެ ގޮތުގައި މައިންބަފައިން ތަރުބިއްޔަތުކުރިނަމަވެސް އެމީހަކަށް ސުވަރުގެ ލިބުން އޮތީ އެމީހަކު ސުވަރުގެ ލިބުމަށް ކުރި މަސައްކަތަކުންނެވެ. އެހެންކަމުން މުސްލިމެއްގެ ގޮތުގައި އުފަންވީތީ ތިމާއަށް ސުވަރުގެ ލިބޭނެ ކަމަށް އުންމީދުކުރުމެއް ނެތެވެ. މިއީ ކީރިތި ޤްރްޢާނުން އެނގި ޔަޤީންވާ ކަމެކެވެ.
"އެދުވަހުން މީސްތަކުން ތަފާތު ބައިބައަށް ދާނެތެވެ. (އެއީ) އެއުރެންނަށް، އެއުރެންގެ އަމަލުތައް ދެއްކެވުމަށްޓަކައެވެ. ފަހެ. ޛައްރެއްގެ މިންވަރު ނަމަވެސް، ހެޔ ކަމެއް ކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ. އަދި ޛައްރެއްގެ މިންވަރު ނަމަވެސް، ނުބައިކަމެއް ކޮށްފި މީހާ، އެކަން ދެކޭނެތެވެ." (99-6.7.8)
މި 3 އާޔަތުން އެނގިގެންދަނީ ސުވަރުގެ ވަނުމާއި ނުވަނުން ވަނީ އެމީހަކު ކުރި ހެޔޮ އަމަލުތަކެއްގެ މައްޗަށް ކަމެވެ. އެމީހަކަށް ސުވަރުގެ ލިބުންވަނީ އެކަމަށް އެދި އެމީހަކު ކުރި ހެޔޮ އަމަލުތަކުގެ މައްޗަށްވެސް ކަމެވެ. ނުބައި އަމަލުތައް ކޮށް، އެމީހެއްގެ ތިލަފަތް ނުބައި އަމަލުތަކަށް ބަރުވެއްޖެނަމަ އެމީހަކަށް ދާންޖެހޭނީ ނަރަކައަށް ކަމެވެ.
އެހެންކަމަށްވާއިރު ތިމާ އުފަންވީ މުސްލިމެއްގެ ގޮތުގައި ކަމަށްވުމަކީ ސުވަރުގެ ވަދެވޭނެ ސަބަބެއް ނޫންކަން މިއާޔަތްތަކުން އެކަނިވެސް ވަރަށް ރަނގަޅަށް އެނގިގެން އެބަދެއެވެ.
"އަހަރެންނަކީ މުސްލިމެކެވެ. ޝަހާދަތް ކިޔަމެވެ! ﷲ ތަޢާލާގެ އެއްކައުވަންތަކަމާއި ރަސޫލް (ޞޢވ)ގެ ރަސޫލްކަން ޤަބޫލުކުރަމެވެ." ބުނުމަކުން އަދި ނަރަކައިން ސަލާމަތެއް ނުވެވެއެވެ. ސުވަރުގެއަކަށްވެސް ނުވަދެވެއެވެ. ނަމަވެސް މިކަން ގިނަބައަކަށް މިއަދު ވަނީ ވަރަށް ބޮޑަށް އޮޅިފައެވެ.
ތިމާ އުފަންވީ މުސްލިމް މައެއްގެ ބަނޑުން މައްކާ ނުވަތަ މަދީނާގައި ކަމުގައި ވީނަމަވެސް ޤިޔާމަތް ދުވަހު ސަލާމަތްކަމެއް ނުލިބޭނެއެވެ. އެކަން ޔަޤީންކުރާށެވެ!
ސުވަރުގެ ވަނުމުގެ ތަޅުދަނޑިއަކީ ފުރަތަމަ ކަމެއްގެ ގޮތުންވެސް ﷲ ތަޢާލާގެ އެއްކައުވަންތަކަމާއިއެކު ނަމާދުކުރުން ކަމުގައި ޤަބޫލުކުރާށެވެ! ނަމާދުކުރުމާއިއެކު ތިމާގެ އަމަލުތައް ސީދާކުރަން ޖެހޭނެއެވެ. ދެންހުރި ކަންކަން އެކަންކަމުގެ ފަހަތުން ގެންނާށެވެ! ހަޤީޤަތުގައި ނަމާދު، ނަމާދުގެ ގޮތުގައި ކުރާ މީހާގެ ފަހަތުން އެހެން ހުރިހާ ހެޔޮކަންކަން އަންނާނެއެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން