އުފާވެރި ޚަބަރެއް ލިބިވަޑައިގެންފިނަމަ ރަސޫލް (ޞޢވ) އަވަސްވެވަޑައިގަންނަވަނީ ޝުކުރުގެ ސަޖިދަ ކުރެއްވުމަށެވެ. ނަމަވެސް މިއަދު އެ މަތިވެރި ސުންނަތް އަދާކުރަނީ އަހަރެމެންގެ ތެރެއިން މަދުމީހެކެވެ.
ޝުކުރުގެ ސަޖިދަ ކުރުމަށް ވުޟޫ ކުރާކަށްވެސް ނުޖެހެއެވެ. ވަކިތަނަކަށް ދާކަށްވެސް ނުޖެހެއެވެ. ހަމަ ހުރިތަނުގައި ހުރެގެން ކުރަންވީއެވެ. ޝުކުރުގެ ސަޖިދައިގައި ކިޔާނެ ޚާއްޞަ ދުޢާއެއްވެސް ނެތެވެ. ހަމައެކަނި ބޭނުމަކީ ނިޢްމަތެއް ލިބުމުން، އެ ނިޢްމަތް ދެއްވެވީ ﷲ ތަޢާލާކަން ހިތަށް ގެނެސް ޝުކުރުވެރިވާކަން ހާމަކުރުމެވެ.
ތިބާއަށް ލިބޭ ކޮންމެ އުފާވެރި ކަމަކާއި ގުޅިގެން ޝުކުރުގެ ސަޖިދަކުރަން ނިކަން ފަށައިބަލާށެވެ! ތިބާއަށް ނިޢްމަތްތައް އިތުރުވުމަކީ ނުވެ ނުދާނެ ކަމެކެވެ. އެކަން އެނގެނީ ތިމަން ﷲ ގެ ނިޢްމަތްތަކަށް ޝުކުރުވެރިވާ އަޅުންނަށް ނިޢްމަތްތައް އިތުރުކުރައްވަވާނެ ކަމަށް ﷲ ތަޢާލާ ވަހީކުރައްވަވާފައި އޮތުމުންނެވެ.
ނިޢްމަތަކީ ކޮބައިތޯ ވެސް ބައެއް މީހުން ސުވާލުކުރެއެވެ. އަހަރެންގެ ޖަވާބަކީ އެއީ އެމީހަކަށް ފައިދާހުރި، އެކަމަކުން ތިމާއަށް އުފާ ލިބޭ ކޮންމެ ކަމެއް ކަމަށެވެ. ތިމާގެ ދަރިފުޅަށް ރަނގަޅު ނަތީޖާއެއް ޙާޞިލުކުރެވުމަކީ ވެސް ކިހައި ބޮޑު އުފަލެއް ހެއްޔެވެ؟ އެހާލަތުގައިވެސް ފުރަތަމަ ކަމެއްގެ ގޮތުން އަވަހަށް ޝުކުރުގެ ސަޖިދަކުރާށެވެ!
މިއީ މިހާރުވެސް ވަރަށް ބޮޑަށް ގެއްލިގެން ގޮސްފައިވާ އެހައިމެ މަތިވެރި ސުންނަތެކެވެ. އެހެންކަމުން މި ސުނަން ދިރުވައި އާލާކުރަން ވަރަށް ބޮޑަށް ޖެހިފައިވާކަން ފާހަގަކުރަމެވެ. އަދި އެކަމަށް އިލްތިމާސްވެސް ކުރަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން