ލަނޑުދިން މީހާ ފަހަތުން ދުވެދުވެ ހުއްޓާ ދެއްވި ނިޢްމަތަށް ޝުކުރުކުރާ މީހާ ދުވެ ކުރިއަރާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ލަނޑުދިން މީހާ ފަހަތުން ދުވެދުވެ ހުއްޓާ ދެއްވި ނިޢްމަތަށް ޝުކުރުކުރާ މީހާ ދުވެ ކުރިއަރާނެ!

އަހަރެމެންގެ ތެރެއިން ގިނަ ބައަކަށް ކުރެވޭ ކަމަކީ ދެރައެއް ލިބިއްޖެ ނަމަ އެކަމާއިމެދު ނުވަތަ މީހަކު ދެރައެއް ދީފި ނަމަ އެމީހަކާއިމެދު ވިސްނައި އެމީހާގެ ފަހަތުން ދުވުމުގައި ވަގުތުތައް ބޭކާރުކުރަނީއެވެ. ނަތީޖާއަކަށްވަނީ ދެރައެއް ލިބުމުން ވެސް، އަދި ދެރައެއް ދިނުމުންވެސް އެކަމަށް ނުވިސްނައި ﷲ ތަޢާލާ ދެއްވަވާފައިވާ ނިޢްމަތްތަކަށް ޝުކުރުވެރިވާ މީހާ މާބާރަށް ދުވެ ގޮސް ކުރިއަރައިދަނީއެވެ. 

މީހަކު ދެރައެއް ދީފިނަމަ އެކަމުގެ ޝަރުޢީ ބަދަލު ލިބެން ހުންނަ ކަންކަމުގައި ޝަރުޢީ ބަދަލު ހޯދަން މަސައްކަތްކުރާށެވެ. މާލީ ގޮތުން ގެއްލުމެއް ދިން ނަމަވެސް އެއީ އެކަމުގެ ބަދަލު ހޯދެން އޮތް ގޮތަށް ކުރެވިފައިވާ މުޢާމަލާތެއް ނަމަ ބަދަލު ހޯދަން މަސައްކަތްކުރަންވާނެއެވެ. އެއީ މުޅިން ތަފާތު ކަމެކެވެ.

ނަމަވެސް އަބަދުވެސް ވިސްނާށެވެ! އެންމެ މޮޅު ގޮތަކީ މާފުކުރުމެވެ. ޚާއްޞަކޮށް މީހަކަށް ދީފައިވާ ދަރަންޏެއް އަނބުރައި ދެއްކެން އެމީހާޢަށް ނެތް ނަމަ އަވަހަށް މާފުކުރާށެވެ! އެ ޙާލަތުގައި ދަރަނި މާފުކުރުމަކީ ކުރެވޭ ވަރަށް މަތިވެރި ޞަދަޤާތެކެވެ. އެކަމުގެ ސަބަބުން މަޢާފްކުރި މީހާއަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެއެވެ. 

ނަމަވެސް މަކަރު ހަދާ މީހުންނަށް ފައިސާ މާފުކުރުން މީގެ ތެރޭގައި ހިމެނޭ ކަމަށް އަހަރެން ޤަބޫލެއް ނުކުރަމެވެ. ސަބަބަކީ އަހަރެން ޤަބޫލުކުރާ ގޮތުގައި މަކަރުހަދާމީހުންނަށް އެއްބާރުލުން ދިނުމަކީ އަދި އެހީތެރިވުމަކީ އިތުރަށް މަކަރު ހަދަން ދެވޭ ހިތްވަރެކެވެ. އެފަދަ މީހުންގެ މައްސަލަތައް ޝަރީޢަތަށް ފޮނުވަންވާނެއެވެ!   

ކޮންމެއަކަސް މިފަދަ ކޮންމެ ޙާލަތެއް މެދުވެރިވި ނަމަވެސް އެކަމަށް ގޮސް ހުސްނުވާށެވެ! ހަތަރު އުދަރެސް ފެނުޖެހޭ ވަރަށް ކަންބޮޑުނުވާށެވެ! އިތުރު ހިތްވަރާއިއެކު ކުރިއަށް ދިއުމަށް ކުރާ މަސައްކަތްތައް ވަރުގަދަކުރާށެވެ! އެފަދައިން މަސައްކަތް ކުރާ މީހުންނަށް ﷲ ތަޢާލާ މަގު ދައްކަވާނެތެވެ! އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން