ބައެއް ފަހަރު އުފެދޭ ސުވާލެކެވެ. މިވެނި މީހަކީ މިވެނި އެވެނި ފާފަތަކެއް އަބަދުވެސް ކުރާ މީހެކެވެ. އޭނާ ﷲ ތަޢާލާޢަށް ބިރުވެތި ނުވަނީ ކީއްވެގެން ހެއްޔެވެ؟ އޭނާއަށް ހަމަ ﷲ ތަޢާލާ މަތިން ހަނދުމަ ނުވަނީ ހެއްޔެވެ؟
ހަޤީޤަތަކީ އެމީހާއަކީ ﷲ ތަޢާލާ ދޫކޮށްލައްވަވާފައި ހުރި މީހެކެވެ. އެމީހާގެ ހިތް އެއިރު އޮންނާނީ ހިލަގަނޑެއް ފަދައިން ހަރުވެފައެވެ. އެކަން ވެގެންދާ ގޮތް މިކިޔައިދެނީ އެވެ. ރަނގަޅަށް އަޑުއަހާށެވެ!
މުސްލިމަކަށް ފާފައެއް ކުރެވިއްޖެނަމަ އެކަމަކަށް ވަރަށް ބޮޑަށް ބިރުގަންނާނެއެވެ. ދެވަނަ ފަހަރު ތަކުރާކޮށްފައި ގަންނަ ބިރު ކުޑަވާނެއެވެ. 3 ވަނަ ފަހަރު އެއަށްވުރެ ކުޑަވާނެއެވެ. އެގޮތަށް ބިރު ކުޑަވަމުން ގޮސް ވަކި ހިސާބަކުން ބިރު އެކުގައި ކެނޑޭނެއެވެ! އެހިސާބުން އެމީހާއަކީ ﷲ ތަޢާލާ ދޫކޮށްލައްވަވާފައިވާ މީހެކެވެ.
އެފަދަ މީހުންގެ ހިތް އޮންނާނީ ވެސް ހިލަގަނޑެއް ފަދައިން ހަރުވެފައެވެ. ހިތް ހިލަގނޑެއް ފަދައިން ހަރުވުމަކީ ހިތް އެއިގެ ޒާތުގައި ހަރުވުމެއް ނޫނެވެ. ކިތަންމެ ބޮޑު ފާފައެއް، ނުވަތަ ކިތަންމެ ގިނަ ފާފަތަކެއް ކުރެވުނު ނަމަވެސް އެއްވެސް ބިރެއް ނުގަތުމެވެ.
މިއީ އެންމެ ހިތާމަހުރި ހިސާބެވެ. އެހިސާބުން އެމީހަކީ ﷲ ތަޢާލާ ދޫކޮށްލައްވަވާފައިހުރި މީހެކެވެ. އެފަދަ މީހުންނަށް ފާފަ ކުރުމަކީ އެއްވެސް ކަމަކަށް ނުވާނެއެވެ. ކުރިން ބުނިފަދައިން އެއްވެސް ފާފައެއް ކުރަން އެއްވެސް ޖެހިލުމެއްވެސް ނުވާނެއެވެ. އަދި ކިތަންމެ ގިނަ ފާފަތަކެއް ކުރަންވެސް އެއްވެސް ޖެހިލުމެއް ނުވާނެއެވެ.
ވީމާ މީސްތަކުންނޭވެ! އެފަދަ މީހުންގެ ތެރޭގައި ނުހިމެނޭށެވެ! ފާފަތަކާއި ދުރުހެލިވާށެވެ! އޮޅުމެއްގެ ތެރެއިން ފާފައެއް ކުރެވުނު ނަމަވެސް އަވަހަށް ތައުބާވާށެވެ! ﷲ ތަޢާލާ މީހަކު ދޫކޮށްލައްވަވައިފިނަމަ އެމީހެއްގެ ޙާލަކީ ކޮބައިހެއްޔެވެ؟ ޢާޚިރަތް ދުވަހު އެފަދަ މީހުންނަށް ކުރިމަތިލާން ޖެހޭނެ ބިރުވެރިކަމާއި ލިބޭނެ ގަދަފަދަ އަޛާބަށް ބިރުވެތިވާށެވެ!
- މުފްތީމެންކުގެ ދަރުސަކުން