ސެނެހިޔާ ކައިރިން މިމަމަހުގެ 12 ވަނަ ދުވަހުގެ ރޭ އިރު އޮއްސުނު ވަގުތު ކަފިހިހުރަސްމަތިން އަންހެނެއްގެ ގައިގައި ހުޅުމާލޭގައި ދުއްވާ ވޭނަކުން ޖައްސާފައިވާ މައްސަލައިގައި ޖިނާޢީ ދަޢްވާ ކުރަން ފޮނުވާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުން މިހާރު މައްސަލަތައް ޕީޖީ އަށް ފޮނުވަނީ ޖިނާޢީ އިޖުރާތުގެ ޤާނޫނުގެދަށުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށްފަހުގައި ކަމަށެވެ. އެގޮތުން މި މައްސަލައިގައިވެސް ޖިނާއީ ދައުވާ ކުރުމަށް ކުރަންޖެހޭ ކަންކަން މިހާރު ފުރިހަމަކުރަމުން ގެންދާ ކަމަށެވެ.
ޖިނާޢީ ދައުވާ އަކީ ޤާނޫނާއި ޚިލާފުވުމުން ދައުލަތުން މީހުންގެ މައްޗަށް ކުރާ ކުށުގެ ދައުވާއެވެ. މީގެ ކުރިންވެސް ފުލުހުން ވަނީ މިފަދަ ބައެއް މައްސަލަތައް ޕީޖީއަށް ފޮނުވައިފައެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ޑްރައިވަރަށް ދޫކޮށްފައިވާ ޓެކްސީކުރުމުގެ ހުއްދަ ބާޠިލުކޮށް 2 އަހަރު ދުވަހަށް ލައިސަންސް ހިފަހައްޓާފައިވަނީ މިމަހުގެ 14 ވަނަ ދުވަހު ފުލުހުންގެ ފަރާތުން އެ އޮތޯރިޓީއަށް ފޮނުވި ސިޓީއަކާއި ގުޅިގެން ކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ބާރު ސްޕީޑްގައި ދުއްވުމުގެ ސަބަބުން އެކްސިޑެންޓްތައް އިތުރުވެ ގިނަ ބައެއްގެ ފުރާނައަށް ގެއްލުންވެ އަދި ގިނަ ބައަކަށް ބޮޑެތި އަނިޔާތައް ލިބެމުން އަންނާތީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަމުރުފުޅަށް ކަމާއިބެހޭ މުއައްސަސާތައް ގުޅިގެން އަވަސް ހައްލެއް ހޯދަން ދަނީ މަސައްކަތް ކުރަމުންނެވެ.