މިއަދުގެ ޚުޠުބާގައި ބަޔާން ކުރަން މިއުޅެނީ އެ 6 ކަންތައް އެމީހަކު ފުރިހަމަކޮށްފިނަމަ ސުވަރުގެ ލިބޭނެ ކަމުގެ ގަރަންޓީ އޮތް 6 ކަމެއްގެ ވާހަކައެވެ. މިއީ އަހަރެން ދޭ ގަރަންޓީއެއް ނޫނެވެ. މިއީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ދެއްވަވާފައިވާ ގަރަންޓީއެކެވެ. މިއީ ޞައްޙަ ޙަދީޘްފުޅުން ސާބިތުވާން އޮތް ކަމެކެވެ.
މި 6 ކަންތައް ކިޔަމުންދާއިރު ކޮންމެ މީހަކުވެސް ވިސްނައިލަންވީ މި ކަންކަމަސް ތިމާއަށް އަމަލުކުރެވޭ މިންވަރެވެ. އަހަރެމެން ހުކުރުގެ މި ޖަމާއަތަށް އެއްވެ މިތިބީ ސުވަރުގެ އެދޭތީއެވެ. ނަރަކައަށް ވަންނަން ބޭނުން ނުވާތީއެވެ. ވީމާ މިކަންކަމަށް ފުންކޮށް ވިސްނައިލާށެވެ!
އެ 6 ކަމަކީ ބަސް ބުނުމުގައި ތެދުވެރިވުމާއި، ވައުދެއް ވެއްޖެ ނަމަ ފުއްދުމާއި، އިތުބާރު ހިފޭ މީހަކަށްވުމާއި، ޖިންސީ ގުނަވަންތައް ރައްކައުތެރި ކުރުމާއި ބެލުންތައް ތިރިކުރުމާއި އެއްވެސް މީހަކަށް އަނިޔާވެރި ނުވުމެވެ.
ރަނގަޅަށް ވިސްނައިލާށެވެ! މިއިން އެއްވެސް ކަމަކީ ނުކުރެވޭވަރުގެ ބުރައެއް އޮތް ކަންކަމެއް ނޫނެވެ. އަދި އެކަންކަން ކޮށްފިނަމަ އެމީހަކަށް ލިބެން މިއޮތީ ސުވަރުގެއެވެ. ވީއިރު އޮތީ ހަމަ ހިތްވަރުކޮށްލުން ނޫން ހެއްޔެވެ؟
މިކަންކަމަކީ ރިވެތި އަޚްލާޤްގެ ތެރެއިންވެސް ހިމެނިގެންދާ ކަންކަމެވެ. އެހެންކަމުން މި 6 ކަންތަކަށް އަމަލުކުރާ މީހާގެ ދަރަޖަ މިދުނިޔޭގައިވެސް ދާނީ އުފުލި މަތިވެރިވަމުންނެވެ. އެއީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ. ހަމަ އެއާއިއެކު އާޚިރަތް ދުވަހު ސުވަރުގެ ލިބޭނެ ކަމުގެ ގަރަންޓީ ދެއްވަވަނީ ރަސޫލް (ޞޢވ)އެވެ. ވީއިރު ޝައްކުކުރަންވީ ކޮން ކަމަކަށް ހެއްޔެވެ؟
- އިސްލާމީ ތިލަފަތުގެ ދަރުސަކުން