ރާއްޖެއިން މާފަށް އެދުމުން އަޒުހަރުން ޓީޗަރުން ފޮނުވަން އެއްބަސްވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ރާއްޖެއިން މާފަށް އެދުމުން އަޒުހަރުން ޓީޗަރުން ފޮނުވަން އެއްބަސްވެއްޖެ!

އަޒްހަރުގެ 7 ޓީޗަރަކު 2017 ވަނަ އަހަރު އަނބުރައި ފޮނުވައިލި މައްސަލައިގައި ދިވެހި ސަރުކާރުން ރަސްމީ ގޮތުން މަޢާފަށް އެދުމުން އަލުން އިތުރު ޓީޗަރުން ފޮނުވައިދޭން ފަށަން އެއްބަސްވެފައިވާ ކަމަށާއި ޢަރަބިއްޔާ އަށް ބޭނުންވާ ޓީޗަރުން ވަރަށް އަވަހަށް ފޮނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ. 

މިމައްސަލައަށް ޙައްލެއް ހޯއްދަވަން ސަރުކާރުން މިޞުރަށް ފޮނުވި ވަފުދުގެ ދަތުރުފުޅަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޢަލީ ޒާހިރު ވިދާޅުވީ ޝައިޚުލްއަޒްހަރާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި 2017 ވަނަ އަހަރު އަޒްހަރު ޔުނިވަރސިޓީން ރާއްޖެ ފޮނުވި 7 ޓީޗަރުން އަނބުރައި ފޮނުވައިލި މައްސަލައިގައި އެއީ މިޞުރުންވެސް އަދި އަޒްހަރު ޔުނިވަރސިޓީން ވެސް އެއްގޮތަކަށް ވެސް ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި އެ މައްސަލައިގައި ދިވެހި ދައުލަތުގެ ފަރާތުން ރަސްމީ ސިފައެއްގައި މާފަށް އެދެން ޖެހޭނެ ކަމަށް ޝައިޚުލްއަޒްހަރު ވިދާޅުވިކަމަށެވެ. 

ޢަލީ ޒާހިރު ވިދާޅުވީ އެހެންކަމުން މިކަމަށް މަޢާފަށް ސަރުކާރުގެ ފަރާތުން މަޢާފަށް އެދުމަށްޓަކައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސިޓީފުޅެއް އިއްޔެ ވާނީ ޝައިޚުލްއަޒްހަރަށް އަރުވާފައި ކަމަށެވެ. އެހެންކަމުން މައްސަލަ ހައްލުކުރެވިފައިވާ ކަމަށާއި ވަރަށް އަވަހަށް ޓީޗަރުން ފޮނުއްވާނެ ކަމަށް ޔަޤީންކުރައްވާ ކަމަށެވެ. 

މިހާރުގެ ސަރުކާރުގައި މިފަދަ އެއްވެސް ކަމެއް ނުހިނގާނެކަމުގެ ޔަޤީންކަން ޝައިޚުލްއަޒްހަރަށް އަރުވާފައިވާނެ ކަމަށްވެސް ޢަލީ ޒާހިރު ވިދާޅުވިއެވެ. 

މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަތީ ޢަލީ ޒާހިރުގެ އިތުރުން ތައުލީމީ ވަޒީރާއި އިސްލާމިކް މިނިސްޓަރެވެ.

މިއަދު އޮންލައިން