ކޮންމެ މީހަކުވެސް ދައްކަނީ މުސްލިމުން ބަލިކަށިވަމުންދާ ވާހަކައެވެ. ނަމަވެސް މުސްލިމުން ބަލިކަށިވަމުން މިދާ ހަޤީޤީ ސަބަބުގެ ވާހަކަ ދައްކަނީ މަދު މީހެކެވެ. ބަލިކަށިވާން ބޭނުން ނޫން މީހުންނަށް އޮތީ ޢަމަލުތައް އިޞްލާޙްކުރުމެވެ. އެމީހެއްގެ އަމަލުތައް އިޞްލާޙްކޮށްފިނަމަ އެމީހަކު ބަލިކަށިވެގެނެއް ނުދާނެއެވެ. އެމީހަކަށް ގަދަކަން ދެއްވަވާނެތެވެ.
މުސްލިމުންގެ އަމިއްލަ އަތްތަކުން ކުރާ ކަންކަމުން ނޫނީ މުސްލިމުން ބަލިކަށްޓެއް ނުވާނެއެވެ. މުސްލިމުންގެ ސަބަބުން ނޫނީ މުސްލިމުންނަށް ނިކަމެތިކަމެއްވެސް ނުލިބޭނެއެވެ. މިއީ ޔަޤީންކަމެކެވެ. މުސްލިމުން ތިބެން ރަސޫލް (ޞޢވ) އެންގެވި ގޮތުގައި ތިއްބައި ބަލިކޮށް ނިކަމެތި ކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.
މުސްލިމުން މިއަދު ބަލިކަށިވަމުންދާ ސަބަބުތައް ވަރަށް ގިނައެވެ. ފުރަތަމަ ކަމަކީ މުދަލަށް ދަހިވެތިކަން ބޮޑުވުމެވެ. ވައްކަމާއި ކޮރަޕްޝަން ޢާންމުވުމެވެ. ފަސާދަ ޢާންމުވުމެވެ. ނިކަން ވިސްނައިބަލާށެވެ! މިކަމުގެ ހެކިވަނީ ރަސޫލް (ޞޢވ)ގެ ހަޔާތްޕުޅުގައި އިތުރު މާތް ނަބިއްޔާ (ޞޢވ)ގެ ހަޔާތްޕުޅުގައި ފެނިގެން ގޮސްފައެވެ. އުހުދު ހަނގުރާމައިގައި މުސްލިމުން ބަލިވީ ކީއްވެގެން ހެއްޔެވެ؟ ރަސޫލް (ޞޢވ) އެބޭކަލުން ބެއިތިއްބެވި ތަންތަން ދޫކުރައްވައި ޣަނީމާ މުދާ އެއްކުރައްވަން ވަޑައިގަތުމުން ނޫން ހެއްޔެވެ؟
ވިސްނައިލާށެވެ! އެއީ މުސްލިމުންނަށް ނަޞްރު ލިބިފައި އޮތް ހަނގުރާމައެކެވެ. ނަތީޖާ ބަދަލުވެގެން ދިއައީ މުދަލުގެ ދަހިވެތިކަން ބޮޑުވުމުން ނޫން ހެއްޔެވެ؟ މިއީ އެކަންތައް އަބަދުވެސް ހިނގަމުން އަންނާނެ ގޮތެވެ. މުދަލަށް ދަހިވެތިކަން އިތުރުވާވަރަކަށް ލިބޭ ނިކަމެތިކަން ދާނީ ބޮޑުވަމުންނެވެ.
މުސްލިމުންނަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ފަލަސްޠީނުގެ މައްސަލައެވެ. ފަލަސްޠީނުގެ ރައްޔިތުންނަށް މިހައި ބޮޑު ނިކަމެތިކަމެއް ލިބިފައި މިވަނީ ކީއްވެގެން ހެއްޔެވެ؟ އެއް މުސްލިމެއްގެ ގައިގައި އަޅާ ވޭނަކީ އަނެއް މުސްލިމަކުވެސް ތަޙައްމަލުކުރަން ޖެހޭ ކަމެއް ކަމަސް އިސްލާމް ދީނުގައި އޮތް އތުމަށް އަމަލުނުކުރާތީ ނޫންހެއްޔެވެ؟ ފަލސްޠީނުގެ ރައްޔިތުންނަށް އަޅާ ވޭނުގެ ވާހަކަ ކިތަންމެ ބާރަށް ދެއްކި ނަމަވެސް އެއްވެސް ފިޔަވަޅެއް އަޅަން މުސްލިމުން ޖެހިލުންވެ ނުކުޅެދުމުން ނޫންހެއްޔެވެ؟ ނިކަން ބުނެބަލާށެވެ! ހަޤީޤަތަކީ މިއީ ނޫންހެއްޔެވެ؟
- އިސްލާމީ ތިލަފަތުގެ ދަރުސަކުން