ކާފަރުން ފަހަތުން ދުވެ އެއްގޮތްވުމަކީ ބިޔަ ނަގުލަންދާށިތައް ކަށިޖެހުމަށް ދެވޭ ދައުވަތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
ކާފަރުން ފަހަތުން ދުވެ އެއްގޮތްވުމަކީ ބިޔަ ނަގުލަންދާށިތައް ކަށިޖެހުމަށް ދެވޭ ދައުވަތެއް!

މިއަދު މުސްލިމުންގެ ތެރެއިންވެސް ގިނަ ބައަކު ތިބީ ކާފަރުން ކުރާ ކޮންމެ ކަމެއް ކުރަން ބޭނުންވެގެންނެވެ. ކާފަރުން އުޅޭހައި ގޮތަކަށް އުޅެން ބޭނުންވެގެންނެވެ. ޔަހޫދީއަކު ލުއްބު ހޮރަކަށް އަތް ބޭނި ނަމަވެސް އޭނާގެ ފަހަތުން  މުސްލިމުން އަތްބާނާނެ ކަމަށް ކުރައްވަވާފައިވާ ޙަދީޘްފުޅުގެ ތެދުކަން މިއަދު ނުފެނޭ ހެއްޔެވެ؟ 

ލުއްބު ހޮރަކީ ގިނަ އަދަދަކަށް ނަގުލަންދާށި ދިރިއުޅޭ ތަނެކެވެ. ނަމަވެސް މި މިސާލު އެގޮތަށް ރަސޫލް (ޞޢވ) ދައްކަވާފައި އެވަނީ މުސްލިމުން ކާފަރުން އުޅޭ ގޮތް ކޮޕީ ކުރާނެ މިންވަރު ބަޔާންކޮށް ދެއްވެވުމަށެވެ. އެކަމުގައި ވަރަށް ގިނަ މާނަތަކެއް ވެއެވެ. 

ޔަހޫދީއަކުވެސް ލުއްބު ހޮރަކަށް އަތް ނުކޮށްޕައިފާނެއެވެ. އެއީ ނަގުލަންދާށިތައް ކަށި ޖަހައިފާނެ ކަމުގެ ބިރު އޮތުމުންނެވެ. ނަމަވެސް މިކަމުގެ މާނަ ތަންކޮޅެއް ދުރުން ވިސްނާށެވެ! މިސާލަކަށް ޔަހޫދީން ނުވަތަ ކާފަރުން ވަންނާތީ ފަހަތުން އެބަ ނައިޓްކްލަބްތަކަށް ވަންނަމުއެވެ. ވަދެ އެތަނުގައި އެމީހުން ކުރާ ހުރިހާ ކަމެއް އެބަކުރަމުއެވެ. އެކަންކަން ކުރާއިރު ނަރަކައިގެ ބިރު ކޮބައިހެއްޔެވެ؟ ބޮޑެތި ބިޔަ ނަގުލަންދާށިތަކުން ފުރިގެންވާ ނަރަކައަށް އެއްލައިލެވުމުން އެތަކެތި އައިސް ކަށި ނުޖަހާނެ ކަމަށް ހީކުރަނީ ހެއްޔެވެ؟

އެމީހުން ޖުވާ ކުޅޭތީ އެބަ ޖުވާކުޅެއެވެ. މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. އެމީހުން ކުރާ ހުރިހާ ކަމެއް އެބަކުރެއެވެ. ނިކަން ބުނެބަލާށެވެ! ﷲ ތަޢާލާ ނަހީ ކުރެއްވެވި ކަންކަން ކުރުމުން ނަރަކައަށް ދާން ނުޖެހޭނެ ކަމަށް ޤަބޫލުކުރަނީ ހެއްޔެވެ؟ ހިތަށް އެރިހައި ގޮތަކަށް އުޅުމުންވެސް ސުވަރުގެ ލިބޭނެ ކަމަށް ޔަޤީން ކުރަނީ ކާކު އެކަން ޔަޤީންކޮށްދީގެން ހެއްޔެވެ؟ ކާފަރުންނާއި އެއްގޮތްވެ އެމީހުން ފަދައިން ނަރަކައަށް ވަންނަން ޖެހޭނެ ގޮތްގޮތަށް އަމަލުތައް ކުރުމަކީ ބޮޑެތި ބިޔަ ނަގުލަންދާށިތައް ތިމާގެ އަމިއްލަ ގައަށް ކަށިޖެހުމަށް އަމިއްލައަށް ދެވޭ ދައުވަތަކަށް ނުވަނީ ހެއްޔެވެ؟ 

ވީމާ ވިސްނައިލާށެވެ! ރަސޫލް (ޞޢވ)ގެ މިފަދަ ހަދީޘްފުޅުތަކަށް އިތުރަށް ވިސްނައި ނަރަކައިން ސަލާމަތްވުމަށް ގަދައަޅައި މަސައްކަތްކުރަން ފަށާށެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން