ނަމާދުގައި ޚުޝޫޢަތްތެރިވާން ބޭނުން މީހާއަށް މިއޮތީ މަގެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 51ސ
ނަމާދުގައި ޚުޝޫޢަތްތެރިވާން ބޭނުން މީހާއަށް މިއޮތީ މަގެއް!

ނަމާދަށް ޙަރަމް ބަނުމަކީ ވަރަށް ފަސޭހައިން ކުރެވޭ ކަމެކެވެ. އެހެންކަމުން ގިނަ ބައަކަށް ހީކުރެވިފައި އޮންނަނީ ﷲ އަކްބަރު ކިޔައި ޙަރަމް ބަނުމުން ހުރިހައި ކަމެއް ނިމުނީ ކަމަށެވެ. ނަމަވެސް އެވަރަކުން ނުފުދޭނެއެވެ. ނަމާދަށް ޙަރަމް ބަނުމަކީ ވަރަށް ބުރަ މަސްއޫލިއްޔަތެކެވެ. އެހެނީ ނަމާދަށް ޙަރަމް ބަނީންސުރެ ނަމާދު ނިމެންދެން ތިބާގެ ހިތާއި ﷲ ތަޢާލާ އާއި އޮންނަން ޖެހޭނީ ގުޅިލާމެހިފައިކަމަށްވާތީއެވެ. އެދެމެދަށް އިތުރު އެއްވެސް ކަމެއް ވަނަދީގެން ނުވާނެއެވެ.  

ނަމާދަށް ހަރަމްބަންނަން ޖެހޭނީ ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ. ހަނގުރާމައަކަށް ތައްޔާރުވާ ފަދައިންނެވެ. ސަބަބަކީ ނަމާދަށް ޙަރަމް ބަނުމާއިއެކު ޝައިޠާނާ، ދެވެން އޮތް އެންމެ ވަރުގަދައަކަށް ޙަމަލާތައް ދޭން ފަށާނެތީއެވެ. ކުޅަނދުރުތައް ހަތައަށް ވަދެ ލޯވަޅުތައް ފުރައިލާ ބީދައިން ސިކުނޑިތެރެއަށް ވަސްވާސްތައް ވައްދައި އެހެން ދުނިޔެއަކަށް މީހާ ގެންދުވާނެތީއެވެ. ޝައިޠާނާ ދޭ އެ ހަމަލާތަކުން ސަލާމަތް ނުވެވިއްޖެނަމަ ނަމާދުގައި ތިބާ ހުރި ނަމަވެސް ތިބާގެ ވިސްނުން ހުންނާނީ މުޅިން އެހެން ދުނިޔެއެއްގައެވެ. އެހާލަތުގައި ހިތުދަސްވެފައި ހުރީތީ ތިބާގެ ދުލުން އެއްޗެތިތަކެއް ކިޔަމުން ގެންދިއަ ނަމަވެސް މިކިޔެނީ ކީކޭކަމެއް ހިތަކަށް ނުވަންނާނެއެވެ. ކުރަންފަރިތަވެފައި ހުރީތީ ހަރަކާތްތަކެއް ކުރި ނަމަވެސް ގިނަ ފަހަރު އޮންނާނީ ކުރެވޭ ހަރަކާތް ވެސް ނުއެނގިފައެވެ. ކުރެވޭ ރަކްޢަތުގެ އަދަދާއި ނަޤްލްވާންޖެހޭ ރުކުން ވެސް އޮޅޭ ހިސާބަށް ކަންކަން ދާނެއެވެ. މިހާލަތުގައި ކުރާ ނަމާދު، ނަމާދަކަށްވާނީ ކިހިނަކުން ހެއްޔެވެ؟ 

ނަމާދު ނަމާދަކަށްވެ އެކަމުގެ ފައިދާ ކުރާނީ ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާ ފެންވަރުގައި ނަމާދުކުރުމުންނެވެ. ނަމާދު ކުރުމުގެ ނަމުގައި މިސްކިތަށް އަރައި ހަރަކާތްތަކެއް ކުރުމަކުން ނަމާދު ނަމާދަކަށް ނުވާނެއެވެ. ނަމާދު ނަމާދަކަށްވާނީ ރަސޫލް (ޞޢވ) ހަދީޘްފުޅު ކުރައްވަވާފައިވާ ފަދައިން އިތުރު މާތް ނަބިއްޔާ (ޞޢވ) ނަމާދުކުރެއްވެވި ގޮތަށް ނަމާދުކުރުމުންނެވެ. މިއީ އެންމެންނަށްވެސް އެނގޭ ކަމެކެވެ. ހިތާމައަކީ އެނގުނު ނަމަވެސް އަމަލު ނުކުރާ ކަމެވެ. 

މީސްތަކުންނޭވެ! ނަމާދުކުރަން ދަސްކުރަންވާނެއެވެ! އެކަމަށްޓަކައި ކިތަންމެ ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހުނު ނަމަވެސް އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. ނަމާދުކުރަން ނުއެނގި ކުރާ ނަމާދުން ނަމާދުގެ ފައިދާ ނުލިބޭނެތީއެވެ! 

ނަމާދުގައި ޚުޝޫޢަތްތެރިވާނަޖެހެއެވެ. ސުވާލަކީ އެކަން ކުރާނީ ކިހިނަކުން ހެއްޔެވެ؟ ޖަވާބަކީ ތިމާ އާއި ﷲ ތަޢާލާ އާއި އޮންނަ ގުޅުން ވަރުގަދަކުރާށެވެ! ދެވަނަ ސުވާލަކީ އެ ގުޅުން ވަރުގަދަ ކުރާނީ ކިހިނަކުން ހެއްޔެވެ؟ ޖަވާބަކީ ނަމާދުން ބޭރުގައިވެސް ވީހައި ގިނައިން ﷲ ތަޢާލާ ހަނދުމަކުރާ މީހަކަށްވާށެވެ! ހަމައެކަނި ނަމާދަށް ހުއްޓިފައި އެކަން ކުރަން މަސައްކަތް ކުރި ނަމަވެސް އެއީ ކުރަން ފަސޭހަ ކަމަކަށް ނުވާނެއެވެ. 

މިބުނި ބަހުގެ އަޖުމަ ބަލަންވެސް ނިކަން ﷲ ތަޢާލާ ހަނދުމަކުރުން ގިނަކޮށްބަލާށެވެ! ނަތީޖާ ފެންނާނެކަން ޔަޤީނެވެ. މިސާލެއް ބުނެފާނަމެވެ. އިމްތިހާނަށް ދާންވުމުން ފިލާވަޅު ދަސްކުރާ ދަރިވަރު އިމްތިހާން ހަދާއިރު ދަސްކުރި ތަކެތި ހަނދާންނެތުން ކައިރިވާނެއެވެ. ނުބައި ޖަވާބު ދެވުން ކައިރިވާނެއެވެ. އަދި ޖަވާބު ފުރިހަމަ ނުކުރެވުން ވެސް ކައިރިވާނެއެވެ. ނަމަވެސް ދުރާލައި ނުވަތަ އަބަދުވެސް ފިލާވަޅުތައް ދަސްކުރަމުން އަންނަ ދަރިވަރަކަށް މިފަދަ މައްސަލަތައް ކުރިމަތިވުން މަދުވާނެއެވެ. 

ނަމާދަކީ އެއްވެސް ޙާލެއްގައި ހަމައެކަނި ކިޔާ ކިޔުންތަކަކުން ނުވަތަ ކުރާ އަމަލުތަކަކުން ﷲ ތަޢާލާ އާއި ގުޅިގެންދާނެ ކަމެއް ނޫނެވެ. ނުވަތަ ނަމާދުގައި ﷲ ތަޢާލާ އާއި ގުޅެންޖެހެނީ ކިޔާ ކިޔުންތަކާއި ކުރާ ހަރަކާތްތަކެއް ނޫނެވެ. ކުރިންވެސް ބުނި ފަދައިން ނަމާދަށް ހުންނައިރު ﷲ ތަޢާލާ އާއި ގުޅެން ޖެހޭނީ ތިމާގެ ހިތެވެ. އެ ގުޅުން ބަދަހިކުރެވިއްޖެ ނަމަ ކިޔާ ކިޔުންތައް ވެސް ފުރިހަމަވާނެއެވެ. އަދި ކުރާ ހަރަކާތްތައް ވެސް ފުރިހަމަވާނެއެވެ. 

މިނަޞޭހަތްކޮޅުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފާށެވެ! ކުރާ ނަމާދު ބޭކާރުވިއަ ނުދޭށެވެ! ނަމާދު މިކުރަނީ ކީއްކުރަން ހެއްޔެވެ؟ ﷲ ތަޢާލާގެ ޙަޟްރަތަށް ގެންދަން ނޫން ހެއްޔެވެ؟ ވީއިރު ނިކަން ވިސްނައިލަބަލާށެވެ! ތިބާ ތިބާގެ ވެރިމީހާއަށް އެއްޗެއް ގެންދާނަމަ ގެންދާނީ ލިބުނު އެންމެ ފެންވަރު ރަނގަޅު އެތި ހޯދައިގެން އެއެއްޗެއް ނޫންހެއްޔެވެ؟ ވީއިރު ތިބާގެ އެންމެ މަތިވެރި ވެރިކަން ލިބިވޮޑިގެންވާ ﷲ ތަޢާލާގެ ޙަޟްރަތަށް އެއްޗެއް ގެންދާނަމަ އެންމެ، އެންމެ، އެންމެ ފެންވަރު ރަނގަޅު އެތި ގެންދަން މަސައްކަތްކުރަން ނުޖެހޭނެ ހެއްޔެވެ؟ މިސުވާލު އަމިއްލަ ނަފްސާއި ކޮށްލައިގެން ޖަވާބު ހޯދާށެވެ! އެއިރުން ވިސްނޭނެއެވެ!

ނަމާދެއް ރަނގަޅު ގޮތުގައި ކުރެވިއްޖެނަމަ އެއީ ބޮޑު ހަނގުރާމައެއްކޮށް ފަތަޙަ ކުރެވުން ފަދަ ކަމެއް ކަމުގައި ދެކެގެން ނަމާދަށް ފަށާށެވެ! ހަނގުރާމައަކަށް ކުރިމަތިލާއިރު ފަތަހަކުރަން އަޒުމް ކަނޑައަޅާފަދައިން ނަމާދު ވީހައި ފރުހަމަކުރަން އަޒުމް ކަނޑައަޅައިގެން ނަމާދަށް ފަށާށެވެ. ފުރިހަމަ ކުރެވުމާއި ގާތަކަށްވެސް ނަމާދު ކުރެވޭނީ އެފަދަ އަޒުމެއްގައި ނަމާދުކުރަން ފެށިއްޖެ ނަމައެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން