މާދަރީ ބަހުގެ ދުވަސް ވިލިމާލޭ ޕްރިސްކޫލްގަ ފާހަގަކުރި ގޮތް ތަފާތުކޮށް "ދިންގްލިޝް"އާ ދެކޮޅަށް ވަރުގަދަ ކެންޕޭނެއް ފަށައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 35ސ
މާދަރީ ބަހުގެ ދުވަސް ވިލިމާލޭ ޕްރިސްކޫލްގަ ފާހަގަކުރި ގޮތް ތަފާތުކޮށް "ދިންގްލިޝް"އާ ދެކޮޅަށް ވަރުގަދަ ކެންޕޭނެއް ފަށައިފި!

މީގެ ދުވަސްކޮޅެއް ކުރިއަށް ބަލައިފިނަމަ ދިވެހި ގަޑިތަކުގައި އިނގިރޭސި ބަހުން ވާހަކަ ދެއްކުމަކީ މަނާ ކަމެކެވެ. އަދި ކުށެކެވެ. ހަމަ އެފަދައިން އިނގިރޭސި ގަޑިތަކުގައި ދިވެހި ބަހުން ވާހަކަ ދެއްކުމަކީވެސް މަނާ ކަމެކެވެ. އަދި ކުށެކެވެ.

ނަމަވެސް މިހާރު މިވަނީ ޒަމާން ބަދަލުވެ ކަންކަން ބަދަލުކޮށްފައެވެ. ކޮންމެ ގަޑިއަކުވެސް ބޭނުން ބަހަކުން ވާހަކަ ދެއްކުމަކީ މައްސަލައަކަށް ނުވެއެވެ. އަދި ވާހަކަދައްކާއިރު އިނގިރޭސިބަހާއި ދިވެހި ބަސް ގުޅުވައި ދެބަސް އެއްކޮށްގެން ވާހަކަދެއްކުން މިވަނީ ރީތިކަމަކަށް ހަދައިފައެވެ. މިހާރުގެ އިބާރާތުންނަމަ ދެބަސް އެއްކޮށްގެން ވާހަކަ ދެއްކުން މިވަނީ މޮޅު މީހުން ކުރާ ސަޅިކަމަކަށް ހަދައިފައެވެ.

މިސާލަކަށް "ސިޓްކޮށްލާ، ސޭޑްވެފަ، ޕްލޭކޮށްލާ، ވޯޓަރ ބޯލާ، ބޭގް އަޅާލާ، މަންމަ ސޯހެޕީ،" ފަދަ ބަސްތަކަކީ ކްލާސްރޫމްތަކުންނާއި ގޭތެރެއިން މިހާރު އަޑުއިވޭ ވަރަށް ޢާންމު ބަސްތަކެކެވެ. މައްސަލައަކަށްވަނީ މިފަދަ ބަސްތައް ދިވެހިބަހަށް ވެސް ނުވުމާއި އަދި އިނގިރޭސި ބަހަށްވެސް ނުވުމެވެ. މިބާވަތުގެ ބަސްތަކަށް "ދިންގްލިޝް" ކިޔުން ރަނގަޅުވެދާނެއެވެ. "ދިންގްލިޝް" ވެފައިވަނީ ދިވެހި ބަހަށް އަރުވައިގެން އުޅޭ ނުރައްކައުތެރި ޖަރާސީމަކަށެވެ. އެންމެ ހިތާމަހުރި ކަމަކީ "ދިންގްލިޝް"ގެ ވައިރަސް ނުވަތަ ޖަރާސީމުން ސަލާމަތްވެފައިވާ ސްކޫލެއް، ގެއެއްވެސް ނެތް ހިސާބަށް މި ޖަރާސީމް ފެތރިފައިވާ ކަމެވެ.

"ދިންގްލިޝް" އާއި ދެކޮޅަށް ކުރިންވެސް މަސައްކަތް ކުރަމުން އައި ވިލިނގިލި ޕްރީސްކޫލުން މިއަދު ވަނީ ޚާއްޞަ މަސައްކަތްތަކެއް ފަށައިފައެވެ. އެގޮތުން "ދިންގްލިޝް" އިން ވާހަކަ ދައްކައިފިނަމަ، ބަހެއް ބުނެފިނަމަ 1 ރުފިޔާ ދައްކަން ޖެހުން ވަނީ ތަޢާރަފްކޮށްފައެވެ. އަދި އެކަން އިތުރަށް ވަރުގަދަކޮށް މިއަދުން ފެށިގެން ސްކޫލްގައި، ބައްދަލުވުންތަކުގައި ވެސް "ދިންގްލިޝް" އިން ބަހެއް ބުނެފިނަމަ 1 ރުފިޔާ ދައްކަން ޖެހުން ވަނީ ތަޢާރަފްކޮށްފައެވެ.

ވިލިނގިލި ޕްރިސްކޫލުގެ އިސް ޓީޗަރަކު ވިދާޅުވީ ސްކޫލަށް ބޭނުންވަނީ ރުފިޔާ ނޫން ކަމަށާއި "ދިންގްލިޝް" އިން ވާހަކަ ދެއްކުން ހުޓުވަން ކަމަށެވެ. އަދި މިކަމަކީ މުޅި ރާއްޖެއަށްވެސް ޢާންމުވެފައިވާ ކަމަކަށްވުމުން އެ ސްކޫލުން އެކަނި ކުރާ ކަމަކުން މައްސަލައަށް ހައްލެއް ނުހޯދޭނެ ކަމަށާއި މިކަމަށް ކޮންމެ ސްކޫލަކުންވެސް އަދި ގެއަކުން ވެސް ކޮންމެވެސް ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ކަމަށެވެ. "އަޅުގަނޑުމެން މިކަމުގަ މިހިފީ ބެލެނިވެރިންގެ އަތުގަ. ބޭނުމަކީ އެހީތެރިވެދިނުން. ބެލެނިވެރިންވެސް ވަނީ މިމަސައްކަތް ބަލައިގެންފަ."

މާދަރީ ބަހުގެ ދުވަސް ފާހަގަކުރަން ވިލިނގިލި ޕްރިސްކޫލުން ވަނީ ޙަރަކާތްތަކެއްވެސް ހިންގައިފައެވެ. އެގޮތުން 4 ޤައުމެއްގެ ބަހާއި އަދި ޘަޤާފަތް ދައްކައިދޭ ސްޓޯލްތައް ހަދައި އަދި ދިވެހި ބަހުން ވާހަކަ ދައްކާއިރު އެހެން ބަސްތައް އެއްކުރުމުން ދިވެހިބަހަށް ލިބޭ ނިކަމެތިކަމާއިމެދު ވަނީ ވާހަކަ ދައްކައިފައެވެ. މީގެ އިތުރުން މުޅި އަހަރަށް ބަހާލައިގެން ކުރިއަށް ގެންދާނެ ހަރަކާތްތަކެއްވެސް ވަނީ ރާވައިފައެވެ.

 

ޓީޗަރު ވިދާޅުވީ "ދިންގްލިޝް" އިން ވާހަކަ ދެއްކުން ހުއްޓުވުމަކީ، މިހާރު އެކަން ޢާންމުވެފައިވާ މިންވަރަށް ބަލާއިރު އެހައި ފަސޭހައިން ހުއްޓުވޭނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް "މިފެށީ ގަދަކަނޑެއްގައި ދުރު ރާސްތާއަކަށް ކުރަންޖެހޭ ދަތުރެއް ކަމަށެވެ. އަދި ސްކޫލުގެ އަމާޒަކީ އެސްކޫލުން ނުކުންނަ ދަރިވަރުންނަކީ "ދިންގްލިޝް" އިން ވާހަކަ ނުދައްކާ ދަރިވަރުން ކަމުގައި ހެދުން ކަމަށެވެ. ދަރިވަރުންނަކީ އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ރީތިކޮށް ވާހަކަދައްކާ ކުދިން ކަމުގައި ހެދުން ކަމަށެވެ.

ވިލިނގިލި ޕްރިސްކޫލުން މިފެށި ޚާއްޞަ މަސައްކަތަކީ އެންމެންވެސް ބަލައިގަންނަ މަސައްކަތަކަށް ހަދައިފިނަމަ "ދިންގްލިޝް" ގެ ސަބަބުން ދިވެހި ބަހަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކުން ސަލާމަތްކުރެވިދާނެއެވެ. ބައެއް މީހުންނަށް ހީވެފައި އޮންނަނީ ދެބަސް އެއްކޮށްގެން ވާހަކަ ދެއްކުމަކީ މޮޅުކަމެއް ކަމަށެވެ. ނަމަވެސް އެކަމުން އެނގެނީ އެމީހެއްގެ ގޮތެއް ނެތްކަމެވެ. އަދި ފެންވަރެއްވެސް ނެތް ކަމެވެ. އެއްވެސް ފެނަވރެއް ހުރި މީހަކު އަދި ގޮތެއް ހުރި މީހަކު އަމިއްލަ މާދަރީ ބަސް ނިކަމެތި ނުކުރާނެތީއެވެ.

މާދަރީ ބަހުގެ ދުވަސް ފާހަގަކުރަން ހަމައެކަނި ޘަޤާފީ ހެދުންލައި ޘަޤާފީ ޙަރަކާތް ހިންގުމަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ! ފައިދާއެއް ކުރާނީ ހެދުމާއި ޙަރަކާތްތަކާއި އެއްގޮތަށް ދިވެހި ބަހަށް ދިރުން ގެނެސްދީގެންނެވެ!

މިއަދު އޮންލައިން