ރަސޫލާ (ޞޢވ) ގެ މުހިންމު 3 ވަޞިއްޔަތްފުޅު - 1: "ނަމާދުކުރާއިރު އެއީ ކުރެވޭނެ އެންމެ ފަހު ނަމާދު ކަމަށް ވެދާނެ ކަމަށް ބަލައިގެން ކުރާށެވެ!"

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 42ސ
ރަސޫލާ (ޞޢވ) ގެ މުހިންމު 3 ވަޞިއްޔަތްފުޅު - 1: "ނަމާދުކުރާއިރު އެއީ ކުރެވޭނެ އެންމެ ފަހު ނަމާދު ކަމަށް ވެދާނެ ކަމަށް ބަލައިގެން ކުރާށެވެ!"

އެއްދުވަހަކު މީހަކު އައިސް ރަސޫލް (ޞޢވ) އަށް ދެންނެވިއެވެ. މާތް ނަބިއްޔާއެވެ! މިއަޅާއަށް ފައިދާ ކުރާނެ ނަޞޭޙަތްފުޅެއް ދެއްވަވާށެވެ! އަދި އެދެނީ އާދައިގެ ނަޞޭޙަތްފުޅަކަށް ނޫން ކަމަށާއި އެ ނަޞޭޙަތްފުޅުގެ ސަބަބުން އޭނާއަށް ގުޑުން އަންނާނެ ފަދަ ނަޞޭޙަތްފުޅެއް ދެއްވެވުމަށް އެދޭ ކަމަށެވެ. 

އެހިނދު ރަސޫލް (ޞޢވ) އެނާއަށް 3 ކަމަކަށް ނަޞޭޙަތް ދެއްވެވިއެވެ. ނުވަތަ ވަޞިއްޔަތް ކުރެއްވެވިއެވެ. ފުރަތަމަ ކަމަކީ "ނަމާދުކުރާއިރު އެ ނަމާދަކީ ތިބާއަށް ކުރެވޭނެ އެންމެ ފަހު ނަމާދު ކަމަށް ވެދާނެ ކަމަށް ބަލައިގެން ނަމާދުކުރާށެވެ!" 

ބައެއް މީހުންނަށް ނަމާދުގައި ފަރުވާ ކުޑަކުރެވެއެވެ. ހިތަށް އަރަނީ މާދަން ނުވަތަ ދެން ކުރާ ނަމާދެއް ފުރިހަމަކޮށް އެތަން ފޫބެއްމަށެވެ. ނަމަވެސް އެއީ ވަރަށް މޮޔަ ވިސްނުމެކެވެ. މާދަމާ ދިރިހުންނާނެކަން އެނގެނީ ކިހިނަކުން ހެއްޔެވެ؟ އަދި ދެން ޖެހޭ ނަމާދެއް އަންނަންދެންވެސް ދިރިހުންނާނެކަން އެނގޭނީ ކިހިނަކުން ހެއްޔެވެ؟ 

ހަމަ އެއާއިއެކު ވިސްނައިލާށެވެ! ނަމާދަކީ ދަރަންޏެކެވެ. ދަރަނި އަދާކުރެވެނީ ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާ ފެންވަރުގައި ނަމާދުކޮށްގެންނެވެ. ވީމާ އެންމެ ނަމާދެއްވެސް ފުރިހަމަ ގޮތުގައި ނުކުރެވިއްޖެ ނަމަ އެ ނަމާދަކީ ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާ ނަމާދަކަށް ވެދާނެ ކަމާއިމެދު ބިރުވެތިވާށެވެ! ވީމާ އަހަރެމެންގެ މައްޗަށް އޮތީ ކުރާ ކޮންމެ ނަމާދެއްވެސް އެންމެ ފުރިހަމަ ގޮތުގައި ކުރުމެވެ. އެއް ނަމާދުގައި ފަރުވާ ކުޑަކޮށްފައި އަނެއް ނަމާދުގައި ފަރުވާ ބަހައްޓާފައި އެގޮތަށް ކަންކަން ކުރަން ވިސްނަން ހެޔޮވެސް ނުވާނެއެވެ. އެއީ ވަރަށް ބޮޑަށް ބިރުވެރިކަން ހުރި ކަމެކެވެ.  

ނަމާދަށް ހުންނަ ވަގުތަކީ އެދުވަހު ދިމާވި ކަންކަމަށް އަދި އެދުވަހު ކުރަންޖެހިފައި ހުރި ކަންތައްތަކަށް ވިސްނުމުގެ ވަގުތަކަށް ނުހަދާށެވެ! އެހެނީ އެފަދަ ގޮތެއް މެދުވެރިވެއްޖެނަމަ ނަމާދުގައި ތިބާ އާއި ﷲ ތަޢާލާ އާއި އޮންނަންޖެހޭ ގުޅުން އެވަނީ ކެނޑިފައެވެ. ތިބާ ގުޅިފައި އެވަނީ ތިބާ ކުރަން ހުރި ކަންތައްތަކާއިއެވެ. އެއިރުން ނަމާދުކުރުމުގެ މަޤްޞަދު އެވަނީ ނެތި ގޮސްފައެވެ. މިސަބަބަށްޓަކައި ކޮންމެ ނަމާދެއްގައި ހުންނައިރުވެސް އެ ނަމާދާއިމެދު ނޫނީ ނުވިސްނުމަށް ރަސޫލް (ޞޢވ) ވަނީ ހަދީޘްފުޅު ކުރައްވަވައިފައެވެ. 

ހަމައެއާއިއެކު ރަސޫލް (ޞޢވ)ގެ މިބަސްފުޅުން އެނގިގެންދަނީ މިއަދު ކުރެވެން އޮތް އެއްވެސް ހެޔޮކަމެއް މާދަމައަށް ފަސްކުރުމެއް ނެތް ކަމެވެ. އޮތީ މިއަދު އެކަންކޮށް ނިންމައިލުން ކަމަށެވެ. 

މިކަމުގެ ކުޑަ މިސާލެއް ބުނަން ހެއްޔެވެ؟ ތިބާގެ އަތުގައި ހުރި ފައިސާއިން 100000 ރިޔާލަ މިއަދު ޞަދަޤާތް ކުރެވެން އެބައޮތެވެ. ނަމަވެސް ތިބާ ޤަޞްދުކުރީ އެކަން މާދަމާ ކުރަން ފަސްކުރާށެވެ! މާދަމާ އައިސް އެކަން ނުކުރެވި އުޅެނިކޮށް ތިބާ މަރުވެއްޖެނަމަ އެ ފައިސާއިން ތިބާއަށް ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ 

އެ ފައިސާ މިއަދު ޞަދަޤާތް ނުކުރެވުނުކަން އެއީ ޤިޔާމަތް ދުވަހު އެންމެ ބޮޑު ހިތާމައެއް ކުރަން ޖެހިދާނެ ކަމަކަށް ވެގެން ހިނގައިދާނެއެވެ. މިސާލަކަށް މީޒާނުގައި އަމަލުތައް ކިރާއިރު ތިބާއަށް މަދުވީ އެންމެ ހެޔޮ ކަމަކަށް ވެދާނެއެވެ! އެ ފައިސާ ޞަދަޤާތް ކުރެވިފައިވީނަމަ މީޒާނުގައި ތިބާގެ ހެޔޮ ކަމުގެ ކޮޅަށް ބަރުވުމުގެ ފުރުޞަތު އެބަ އޮތެވެ. އެކަން ކުރެވިފައި ނެތުމަކީ ތިބާއަށް ނަރަކައަށް ވަންނަން ޖެހޭ ސަބަބަކަށްވެސް ވެދާނެއެވެ! ވީމާ އެއްވެސް ހެޔޮ ކަމެއް ކުރުން މާދަމާއަށް ފަސް ނުކުރާށެވެ! ދިރިހުރި ދުވަހު އެކަންކޮށް ނިންމައިލާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން