ޢުމަރުގެފާނު ސައުދުގެފާނަށް ވިދާޅުވި ބަސްފުޅަށް ވިސްނާށެވެ! "ނަމާދަށް ރައްކައުތެރިވާށެވެ! އެކަން ނުކުރެވިއްޖެ ނަމަ ހުރިހާ ކަމެއް ގެއްލި ދިއައީއެވެ!" އެހެންކަމުން ހުރިހާ ކަމެއް ލިބުންވެސް މިއޮތީ ހަމަ ނަމާދު ފުރިހަމައަށް އަދާކުރުމުންކަން ވަރަށް ރަނގަޅަށް އެނގިގެންދެއެވެ. އަދި ނަމާދު ނުކުރާނަމަ އެމީހަކީ ހުރިހާ ކަމެއް ގެއްލި ހުސްވެފައިވާ މީހެއްކަންވެސް އެނގިގެންދެއެވެ.
މިހާރަކަށް އައިސް ބައެއް މީހުންނަށް ހީވެފައި އޮންނަނީ ނަމާދުކުރުމަކީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައެވެ. ނަމާދުކުރުމަކީ އެއްގޮތަކަށްވެސް އެހައި އާދައިގެ ކަމެއް ނޫނެވެ. އެއީ އެއަށްވުރެ މާމަތިވެރި ކަމެކެވެ. މުސްލިމުން، މުސްލިމުންގެ ގޮތުގައި ދުނިޔޭގައި އުޅުނު ޒަމާނުގައި ހަމަ އެންމެ މުސްލިމަކުވެސް އެންމެ ނަމާދެއްވެސް ދޫކޮށެއް ނުލައެވެ. ޞަޙާބީން އެންމެ ބޮޑު އިސްކަމެއް ދެއްވެވީ ނަމާދު ކުރެއްވެވުމަށެވެ.
ނަމާދެއް އެޅުއްވުން އެބޭކަލުންނަށް ވެފައި އޮތީ ބޮޑު ފަރުބަދައައެއް ބޮލަށް ވެއްޓުން ފަދަ ކަމަކަށެވެ. ހަނގުރާމައަކުން ބަލިވުން ފަދަ ކަމަކަށެވެ. އެހެންކަމުން ކޮންމެ ހާލުކޮޅެއްގައިވެސް އެބޭކަލުން ވަނީ ނަމާދު ވަގުތުން ވަގުތަށް ކުރައްވައި އެކަމުގެ ހިތްހަމަޖެހުން ހޯއްދަވައިފައެވެ. ވަގުތު ޖެހުމާއިއެކު ނަމާދުކުރައްވައިފައެވެ. އެހެން ކޮންމެ ކަމެއްވެސް ކުރެއްވެވީ ނަމާދުކުރެއްވުމަށް ފަހުގައެވެ.
ނަމަވެސް މިއަދު ނަމާދު އެޅުމަކީ ގިނަ ބައަކަށް އެއްވެސް ކަމަކަށް ނުވެއެވެ. ނަމާދު ވަގުތު ޖެހުމުން ބަލަނީ ކޮންމެވެސް ބަހަނާއެއް ދައްކައިގެންވެސް އަދި ނުދައްކައިވެސް ނަމާދު ފަސްކުރެވޭތޯއެވެ! އެންމެފަހުން ވަގުތު ފާއިތުވެގެންދާއިރުވެސް އޮންނަނީ ނަމާދު ނުކުރެވިފައެވެ. ނަތީޖާއަކީ ދަރަނި މައްޗަށް ދަރަނި އިތުރުވަމުން ގޮސް ސަލާމަތް ނުވެވުމެވެ.
ޤިޔާމަތް ދުވަހު ފުރަތަމަ ވެސް ހިސާބު ބައްލަވާނީ ނަމާދުގެއެވެ. އޮފީހުގައި ކުރަން ހުރި، ނުކުރެވޭ މަސައްކަތްތަކުގެ އެއް ނޫނެވެ! އަދި ނުކުރެވި އޮތް ވިޔަފާރީގެ އެއް ވެސް ނޫނެވެ! ނުކޫލެވި ހުރި ކުޅިވަރުތަކުގެ އެއްވެސް ނޫނެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ނަމާދު ކުރުމުން ބަދަހިވާނީ ހަމައެކަނި ﷲ ތަޢާލާ އާއި ތިމާ އާއި ދެމެދުގައި އޮންނަ ގުޅުމެއް ނޫނެވެ. އަނބިދަރިންނާއި ގާތްތިމާގެ މީހުންނާއި ވަށައިގެންވާ މީސްތަކުންނާއި އަދި ދުނިޔެއާއި އޮންނަ ގުޅުން ވެސް ބަދަހިވެގެންދާނެއެވެ. ވީމާ ހުރިހާ މޮޅުކަމެއް ލިބުން އޮތީވެސް ހަމަ ނަމާދުކުރުމުންނެވެ! ވީމާ ވަގުތު ޖެހުމުން ފުރަތަމަ ކަމެއްގެ ގޮތުން ނަމާދު ކުރުމަށް އިސްކަންދޭ ބއަކަށްވާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން