ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި މައްޗަންގޮޅި އުތުރު ދާއިރާއަށް ކުރިމަތިލައްވަން ނިންމަވައި ކުރިމަތި ލެއްވީ މާލެސިޓީއަށް ގިނަ ކަންތައްތަކެއް ބޭނުންވެފައި ހުރި ނަމަވެސް އެކަންކަން ޙާޞިލުކުރަން މެންބަރުން މަސައްކަތް ނުކުރާތީ އެމަސައްކަތް ކުރެއްވުމަށް ކަމަށް މާލެ ސިޓީގެ މޭޔަރުކަންވެސް ކުރައްވައި އަދި މައްޗަންގޮޅިއަށް ހިލޭ ސާބަހަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެއެވެ.
އާދަމް މަނިކު ވިދާޅުވީ މާލެ ސިޓީގެ ކޮންމެ އަވަށަކަށް އެއާޕޯޓެއް ބޭނުން ނުވި ނަމަވެސް ބޭނުންވާ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. "ދާދިފަހުންވެސް އަލިފާނުގެ ބޮޑެތި ހާދިސާތަކެއް ހިނގައި ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ. ގިނަ ގޯޅިތަކަކީ އަލިފާން ނިއްވާ ވެހިކަލްތަކަށް ވަދެވޭވަރަށްވުރެ ހަނި ގޯޅިތަކެއް. ވީމާ އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ވަގުތުން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަން ބޭނުންކުރެވޭނެ ނިޒާމެއް މާލެ ސިޓީގައި ޤާއިމުކުރެވެން އެބަޖެހޭ. ޕްރެޝަރުގައި ފެންދޫކުރެވޭނެ ގޮތަށް ހޮޅި އަޅަން އެބަ ޖެހޭ. އެއިރުން ރައްޔިތުންގެ ފުރާނަ އާއި މުދައު ރައްކައުތެރިކުރުވޭނީ. އިމާރާތްތައް މިހިރީ އެއް އިންވެގެން. ވަގުތުން ފިޔަވަޅު ނުއެޅޭނަމަ ކިތަންމެ ބޮޑު ސަރަހައްދަކަށްވެސް ފެތުރިގެން ދިއުމުގެ ފުރުޞަތު ވަރަށް ބޮޑު."
ޢާދަމް މަނިކު ވިދާޅުވީ ސަރުކާރުގެ މައި ހޮސްޕިޓަލް ހުރީ މާލޭގައި ނަމަވެސް އެއީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޚިދުމަތްދޭ ތަނަކަށްވުމުން ކިތަންމެ ކުޑަ ކަމެއްގައި ނަމަވެސް ޚިދުމަތް ހޯދަން އެތައް ގަޑިއިރެއް ހޭދަކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށްވެސް އާދައިގެ ކަންކަމުގައި ތަންކޮޅެއް ފަސޭހައިން ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހެން ޖެހޭނެ ކަމަށެވެ. "ކުދި ހެލްތް ސެންޓަރުތަކެއް ޤާއިމުކޮށް ޚިދުމަތް ދިނީމާ އާދައިގެ ކަންކަމުގައި ބޮޑެތި ހޮސްޕިޓަލްތަކަށް ދާންޖެހޭ މީހުންގެ އަދަދު މަދުވާނެ. ޚިދުމަތް ލިބެންވެސް ފަސޭހަވާނެ. މިސާލަކަށް އާދައިގެ ރޯގާއެއް ޖެހުމުން ނޫނީ ބޭސްއަޅައިލުން ފަދަ ކަންކަމުގައި ހެލްތް ސެންޓަރުތައް ބޭނުން ކުރީމާ ރައްޔިތުންނަށްވެސް ފަސޭހަވާނެ. އައިޖީއެމްއެޗަށްވެސް ލުއިވާނެ."
އާދަމް މަނިކުވިދާޅުވީ މިފަދަ ގިނަ ކަންތައްތަކެއް މާލެ ސިޓީއަށް ބޭނުންވެފައިވީނަމަވެސް އަދި އެކަންކަން ނުކުރެވި ހުރި ނަމަވެސް މިފަދަ އެއްވެސް ކަމެއް ރައްޔިތުންނަށް ކޮށް ދިނުމަށް މަޖިލިސް މެންބަރުން މިހައިތަނަށް އެއްވެސް މަސައްކަތެއް ކުރިކަން އެނގެން ނެތް ކަމަށެވެ. އެހެންކަމުން ބޭނުންފުޅުވަނީ މާލެ ސިޓީގެ ރައްޔިތުންނަށްވެސް މިހާރަށްވުރެ ފަސޭހައިން ޚިދުމަތްތައް ހޯއްދަވައިދެއްވަން މަސައްކަތް ކުރައްވަން ކަމަށެވެ. އަދި ސަލާމަތާއި ރައްކައުތެރިކަން ހޯއްދަވައި ދެއްވަންވެސް މަސައްކަތް ކުރައްވަން ކަމަށެވެ.