ރޭގެ ކުރީ ރޭ ގާދޫ ކައިރިން ޑިންގީއެއް ބަނޑުން ޖަހައިލި ހާދިސާގައި ގެއްލިފައިވާ މާމެންދޫ އަންހެންކުއްޖާ ފެނޭތޯ ހޯދުމުގެ މަސައްކަތް މާމެންދޫގެ ގިނަ ބައަކު ގާދޫގައި މިއަދު ކުރަމުން އެބަ ގެންދެއެވެ.
މިކަމާއި ގުޅިގެން މިއަދުނޫހަށް މައުލޫމާތު ދެއްވަމުން ކުރީގެ ކަތީބު، އަދި ކައުންސިލްގެ ރައީސްކަންވެސް ކުރައްވާފައިވާ އަބޫބަކުރު ޙުސައިން ވިދާޅުވީ މާމެންދޫގެ ގިނަ އަދަދެއްގެ ޒުވާނުންނާއި އަންހެނުން އަދި ރަށުގެ އިސް ބައެއް މީހުންނާއި ކައުންސިލް މެންބަރުން މިއަދު ގާދޫއަށް ގޮސް އެރަށް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ގާދޫ ހޯދަން ނިންމީ ޑިންގީ ދުއްވި މީހާގެ ވާހަކަތައް އެކިފަހަރު އެކި ގޮތަށް ހުންނާތީ ފުލުހުންނަށްވެސް، ޢާއިލާއަށްވެސް ޝައްކުތަކެއް ކުރެވޭތީ ކަމަށެވެ.

ގާދޫގައި ހުންނަވައިގެން އަސްލަމް ވިދާޅުވީ ގާދޫގެ ތުނޑީ ސަރަހައްދު މިހާރު ބަލަމުން ގެންދާ ކަމަށާއި އެހެން ސަރަހައްދުތައްވެސް ބަލާނެ ކަމަށެވެ. "އަޅުގަނޑުމެން މަސައްކަތް މިކުރަނީ ހަމަ އެއްވެސް ނިޝާނެއްވެސް ފެނޭތޯ! ވަރަށް ފަރުވާތެރިކަމާއިއެކު މަސައްކަތް ކުރަމުން މިގެންދަނީ. އަޅުގަނޑުމެންނާއިއެކު އެމްއެންޑީއެފުންވެސް ދަނީ ޙަރަކާތްތެރިވަމުން."

ފަތާފައި ގޮސް ސިކްސް ސެންސަސް އޮޅުވެލި ރިޒޯޓަށް އަރައި މައުލޫމާތު ދިން މީހާ އެކިފަހަރު އެކިގޮތަށް މައުލޫމާތު ދީފައިވާތީ އަނހެން ކުއްޖާގެ ޢާއިލާއިން އޭނާ ދައްކާ ވާހަކަތަކަށް އިތުބާރެއް ނުކުރެއެވެ. އަދި ބައެއް ޢާންމު ފަރާތްތަކުންވެސް ވަނީ ބައެއް މައްސލަތައް ފާހަގަކޮށްފައެވެ.