އަހަރެމެންގެ ތެރެއިން ބައެއް މީހުންނަކީ ޢާންމުކޮށް ކޮންމެ ދުވަހަކުވެސް ވަކި ސޫރަތްތަކެއް ކިޔަވާ ބައެކެވެ. އެހެންކަމުން އެ ސޫރަތްތައް ވަރަށް ފަރިތަކޮށް ކިޔަވައިލެވުނު ނަމަވެސް މުޅި ޚަތިމް ކިޔެވުމަކީ އެކަމަށް ފަރިތަ ނުކުރާނަމަ ކުރަން އެހައި ފަސޭހަ ކަމެއް ނޫނެވެ. ވީމާ ކޮންމެ ދުވަހަކު ޢާންމުކޮށް ކިޔަވާ ސޫރަތްތައް ކިޔެވިނަމަވެސް ޚަޠިމް ކުރަން ކިޔަވަންވާނެއެވެ.
އެކަން ކުރަން ވަރަށް ފަސޭހަ ގޮތެއްވެސް ބުނެފާނަމެވެ. އަހަރެމެންގެ ތެރެއިން ބައެއް މީހުންނަކީ އާދަކޮށް ކޮންމެ ރެއަކު ސަޖިދަ ސޫރަތާއި މުލްކް ސޫރަތް ކިޔަވާ ބައެކެވެ. މި ދެ ސޫރަތް ކިޔެވުމުން 60 ޢާޔަތް ކިޔެވޭނެއެވެ. މި ދެ ސޫރަތް ކިޔެވުމަށްފަހު އިތުރަށް ޚަޠިމް ކުރަން 40 އާޔަތް ކިޔަވައިފިނަމަ 100 އާޔަތް ކިޔެވުނީއެވެ. ރޭގަނޑު ކީރިތި ޤްރްއާނުގެ 100 އާޔަތް ކިޔަވައިފި މީހަކަށް މުޅި ރޭގަނޑު އަޅުކަން ކުރި ކަމުގެ ސަވާބު ﷲ ތަޢާލާ ދެއްވަވާނެތެވެ. ވީއިރު މިއީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށް ޤަބޫލުކުރަމާ ހެއްޔެވެ؟ އަދި ކިހައި ފަސޭހައިން ކުރެވެން އޮތް ކަމެއް ހެޔެވެ؟
އަހަރެމެންގެ ތެރެއިން ގިނަ ބައަކު މިހާރަކަށް އައިސް ނަމާދަށް ދަނީވެސް ގެންގުޅޭ ސްމާޓް ފޯން ހިފައިގެންނެވެ. ވީއިރު ނަމާދު ނިންމައި މިސްކިތުން ނުކުރުމުގެ ކުރިން ކީރިތި ޤްރްއާނުން 10 ވަރަކަށް ޢާޔަތް ނަމަވެސް ކިޔަވައިލުމަކީ އެހައި ބުރަކަމެއް ކަމުގައި ނުދެކެމާ ހެއްޔެވެ؟ އެކަމަށް ހޭދަވާނި ގިނަވެގެން އެންމެ 3 މިނިޓް ނޫންހެއްޔެވެ؟ އެންމެ 3 މިނިޓް އިރު އިތުރަށް މިސްކިތުގައި މަޑުކޮށްލުމަކީ ލޯބިން ކުރާ ހިތުން ކުރާ ކަމެއް ކަމަށް ހަދައިފިނަމަ އެއީ ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެކެވެ. އަދި އެހައިމެ ފައިދާވެސް ކުރާނެ ކަމެކެވެ.
ފަހުން ހަމަޖެހިލައިގެން ކީރިތި ޤްރްއާން ކިޔަވަން ހުންނަ މީހާއަށް އޮންނަނީ އެކަން ނުކުރެވިފައެވެ. އަމިއްލަ ނަފްސާއި ސުވާލުކޮށްލުމުން އެމީހަކަށް ކީރިތި ޤްރްއާން ކިޔެވޭ މިންވަރު އެނގޭނެއެވެ! ވީމާ ދިރިއުޅުމުގެ ޙާލަތަށް އައިސްފައި މިވާ ބަދަލުތަކާއިއެކު ވެސް ތިމާ ކުރަންޖެހޭ ހެޔޮ އަމަލުތައް ކުރުން ތަރްތީބް ނުކޮށްފިނަމަ ތިމާއަކީ ފެއިލްވެފައިވާ މީހަކަށްވުމުގެ ބިރު ވަރަށް ބޮޑުކަން ވިސްނާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން