ޝަކީބާއި އޭނާގެ އަނބިކަނބަލުން ޑީޕީއީން ވަކިކޮށް އެހެން ދެ އިދާރާއަށް ބަދަލު ކޮށްފި!

ކިޔުމަށް ހޭދަވާނީ 1މ 38ސ
ޝަކީބާއި އޭނާގެ އަނބިކަނބަލުން ޑީޕީއީން ވަކިކޮށް އެހެން ދެ އިދާރާއަށް ބަދަލު ކޮށްފި!

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ)ގެ ޑިރެކްޓާ ޖެނެރަލް އަހުމަދު ޝަކީބާއި ހަމަ އެއިދާރާގެ އިސް މަގާމެއްގައި ހުންނެވި އޭނާގެ އަނބިކަނބަލުން އުމްނިޔާ މުސްތަފާ، ޑީޕީއީ އިން ވަކިކޮށް ދެ އިދާރާއަކަށް ބަދަލުކޮށްފިއެވެ. 

އެގޮތުން ޑީޕީއީގެ ވެރިއަކަށް ޝަކީބު ހުންނަވާތާ 11 އަހަރު ފަހުން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އޭނާ ބަދަލުކޮށްފައި ވަނީ، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) ގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށެވެ. އުމްނިޔާ ބަދަލުކޮށްފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ޕޮލިސީ ޑިޕާޓްމަންޓަށެވެ.

ޝަކީބާއި އޭނާގެ އަނބިކަނބަލުންގެ އެހެން ދެ އިދާރާއަކަށް ބަދަލު ކޮށްފައިމިވަނީ، އެދެމަފިރިންގެ ނުފޫޒު މުޅި ޑީޕީއީއަށް އޮންނަކަމަށް ބުނެ އެ އޮފީހުގެ މުވައްޒަފުންތަކެއް ސަރުކާރުގެ އެކި އޮފީސްތަކަށް މައްސަލަ ވެސް ހުށަހަޅާފައި ވަނިކޮށެވެ. އަދި އޭސީސީން ވަނީ އެމައްސަލަ ބެލުމަށް ސިވިލް ސާވިސް ކޮމިޝަނަށް އަންގާފައެވެ.

އެނގިފައިވާ ގޮތުގައި ޝަކީބުއާއި އުމްނިޔާ އެހެން ދެ އިދާރާއަކަށް ބަދަލު ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.

އެކި މިނިސްޓްރީތައް ހަރުދަނާ ކުރުމުގެ ގޮތުން އެކި ޑިޕާޓްމަންޓުތަކުގައި ތިއްބެވި ބޭފުޅުން އެޑިއުކޭޝަން މިނިސްޓްރީ ދަނީ ބަދަލުކުރަމުން ކަމަށާއި ޝަކީބާއި އޭނާގެ އަނބިކަނބަލުން ބަދަލުކުރީ ވަކި ފިޅަވަޅެއް އެޅުވުމުގެ ގޮތުން ނޫން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. 

ނަން ހާމަ ނުކުރުމަށް އެދި ޑީޕީއީގެ މުވައްޒިފަކު "މިއަދުނޫހަށް" މައުލޫމާތު ދެމުން ބުނެފައިވަނީ އުމްނިޔާ އާއި އެހެން މުވައްޒަފުންނާއިމެދު އޮފީސް ތެރޭގައި ޝަކީބު ތަފާތުކުރުންތަކެއް ގެންގުޅުއްވި ކަމަށާއި އެގޮތުން ޝަކީބުގެ އަނބިކަނބަލުން އުމްނިޔާގެ ޝަކުވާތަކެއް ޝަކީބަށް ހުށަހެޅުމުން ވެސް އެކަން ނުބަލާ ކަމަށެވެ. އަދި އެޝަކުވާތައް ޑީޕީއީގެ އެހެން އިސްވެރިންނަށް ހުށަހެޅުމުން ވެސް ޝަކީބު އެދިގެން އެމައްސަލަތައް "އޮއްބާލާ" ކަމަށާއި އެހެން ނަމަވެސް އެއިދާރާގެ އެހެން މުވައްޒިފެއްގެ މައްސަލައެއްނަމަ އެންމެ ފުންމިނަށް އެކަމެއް ޝަކީބު ބެއްލެވި ކަމަށެވެ.

މިއަދު އޮންލައިން