ކުރާ ހެޔޮ އަމަލުތައް ހިއްޞާކުރަން ޖެހޭނީ އެކަމަކުން މީސްތަކުންނަށް ފައިދާކުރާނެނަމަ އެކަނި!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 17ސ
ކުރާ ހެޔޮ އަމަލުތައް ހިއްޞާކުރަން ޖެހޭނީ އެކަމަކުން މީސްތަކުންނަށް ފައިދާކުރާނެނަމަ އެކަނި!: މުފްތީ މެންކް

މީސްތަކުން ކުރާ ހެޔޮ އަމަލުތަކުގެ ތެރެއިން އެހެން މީހުންނަށް އެނގޭނީ މަދު މިންވަރެކެވެ. ހުރިހާ ކަމެއް ނުއެނގޭނެއެވެ. އަންގާކަށް ނުވެސް ޖެހޭނެއެވެ. ޚާއްޞަކޮށް އެމީހަކު ކުރާ އަޅުކަންތައް އެންމެންނަށް އަންގާކަށްވެސް ނުވެސްވާނެއެވެ. އެކަންކަން ހުންނަން ޖެހޭނީ ތިމާ އާއި ﷲ ތަޢާލާ އާއި ދެމެދުގައެވެ. 

ތިމާކުރާ ނަމާދާއި ކުރާ ޞަދަޤާތާއި ކުރާ ޛިކްރްތަކާއި ކީރިތި ޤްރްއާން ކިޔެވުމާއި މިކަންކަމަކީ އެއްގޮތަކަށްވެސް އެހެން މީހުންނަށް އަންގަން ޖެހޭނެ ކަންކަމެއް ނޫނެވެ. އެކަމެއް ހާމަކުރުމުން މީސްތަކުންނަށް އެކަމުން ފައިދާއެއް ކޮށްފާނެ ފަދަ ޙާލަތެއްގައި މެނުވީއެވެ. މިސާލަކަށް ތިބާ ކުރި ހެޔޮ އަމަލަކުން ތިބާއަށްކުރި ފައިދާއެއް މީހަކާއި ހިއްޞާކުރުމަކީ އެކަން ކުރުމަށް އެހެން މީހުންނަށްވެސް އިތުރު ހިތްވަރެއް ލިބޭފަދަ ކަމަކަށްވާނަމަ އެކަމަށްޓަކައި ހާމަކުރުމަކީ މުޅިން ތަފާތުކަމެކެވެ! 

އެހެން މީހުންނަށް ވެސް ހެޔޮ އަމަލުތައް ކުރަން ހިތްވަރުދިނުމުގެ ގޮތުން ތިމާ ކުރާ ބައެއް ހެޔޮ އަމަލުތައް، ޚާއްޞަކޮށް ބޮޑެތި ކަންކަން އެންގުމަކީވެސް މައްސަލައެއް ނޫނެވެ. މިސާލަކަށް ހިންގާ ބޮޑެތި މަޝްރޫޢުތައް ފަދަ ކަންކަމެވެ. އަދި އެހެން މީހުން ބައިވެރިކޮށްގެން ކުރަން ޖެހޭ ޒާތުގެ ކަންކަމެވެ. 

އަހަރެމެންނަށް ކުރެވޭ ކުށްތައް ހާމަވާކަށް ބޭނުމެއް ނުވާނެއެވެ. މިބުނީ ކުރެވޭ ފާފަތައް އެންމެންނަށް އެނގޭކަށް އެކަކުވެސް ބޭނުމެއް ނުވާނެއެވެ. ނަމަވެސް ކޮންމެ މީހަކީވެސް ފާފަކުރެވޭ މީހެކެވެ. ފާފަ ނުކުރެވޭ ހަމައެކަކުވެސް ނުހުންނާނެއެވެ. ވީމާ ފާފަތައް ސިއްރުކުރާ ފަދައިން ކުރާ ހެޔޮ ކަންތައްވެސް ސިއްރުކުރަންވާނެއެވެ. 

ބައެއް މީހުން ކުރާ ހެޔޮ އަމަލުތައް ހާމަކުރަނީ އެހެން މީހުންގެ ކުރިމަތީގައި ތިމާއަކީ ތަޤްވާވެރިއެއް ކަމަށް ދެއްކުމަށެވެ. ނަމަވެސް އެއީ އެއްވެސް ފައިދާއެއް ކުރާނެ ކަމެއް ނޫނެވެ. އެކަމުގެ ސަބަބުން ލިބުނިއްޔާ ލިބޭނީ ގެއްލުމެކެވެ. އެހެނީ ދެއްކުންތެރިކަން ހިމެނޭ އެއްވެސް ޢަމަލެއް ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާނެތީއެވެ. ހަމައެއާއިއެކު ކުރާ ހެޔޮ އަމަލުތަކަށް ޖަޒާ ދެއްވަވަނީ ﷲ ތަޢާލާ އެވެ. އެކަމަށް އެއްވެސް ދެވަނަ މީހެއްގެ އެހީތެރިކަން ބޭނުމެއް ނުވެއެވެ. 

ހެޔޮ އަމަލުތައް ކުރުމަށްފަހު ސިއްރުކޮށްގެން ހުންނަ މީހާ އުފާކުރާނެ ދުވަހެއް އަންނާނެއެވެ! އެއީ އެއީ މަޙްޝަރު ދުވަހެވެ. އެދުވަހު ތިބާ ކުޅަ އަމަލުތަކުގެ ފަތް ހުޅުވައިލެވޭނެއެވެ. ކުރެވިފައިވާ ފާތައްވެސް ފެންނާނެއެވެ. އަދި ތިބާއަށް ހެޔޮ އަމަލުތައް ގިނައިން ކުރެވިފައިވާނަމަ އެކަންވެސް ފެންނާނެއެވެ. ވީމާ ކުރާ ހެޔޮ އަމަލުތައް ކުޅިވަރަކަށް ހަދައިގެން މިދުނިޔޭގައި ހާމަނުކުރާށެވެ! ޚާއްޞަކޮށް އެހެން މީހުންގެ ރުހުމާއި ލޯބި ހޯދަން އެކަން ނުކުރާށެވެ! އަޅުކަން ކުރަނީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން އެދިގެންނެވެ. އެނިޢްމަތް ގެއްލިދާ ފަދަ އަމަލުތައްކޮށް ގެއްލުވައިލުމުން ކުރި ހެޔޮ އަމަލުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން