މީގެ 2 ރޭ ކުރިން ފޮނަދޫން ފުރައިގެން މާމެންދޫއަށް ދަނިކޮށް ޑިންގީ ބަނަޑުން ޖަހައިލުމުން ގެއްލުނު މާމެންދޫ އަންހެން ކުއްޖާ ފެނޭތޯ މާމެންދޫ ރައްޔިތުން މިއަދު ގާދޫ އާއި ހުޅިމެންދޫ ބެލުމަށްފަހު ހަވީރުވުމުން އޮޅުވެލި ރިޒޯޓް (ސިކްސް ސެންސަސް) ކައިރިން މޫދުވެސް ބަލަމުން ގެންދާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މިއަދުނޫހަށް މައުލޫމާތު ދެއްވަމުން މާމެންދޫ ކައުންސިލުގެ ނައިބް ރައީސް ޙުސައިން ޙަބީބް ޢަލީ ވިދާޅުވީ ޑިންގީ ބަންޑުން ޖަހައިލި ކަމަށް ބުނާ ދިމާއަށް ބަލައި އޮޔަށް ކަނޑައި މުޅި ސަރަހައްދު ބަލަން މަސައްކަތްކުރާ ކަމަށެވެ. "ކުދިން ކޮޅެއް ގޮވައިގެން އައިސް އެ މަސައްކަތް މިހާރު މިކުރަނީ."

ޙަބީބް ވިދާޅުވީ ގާދޫ އާއި ހުޅިމެންދޫން ވެސް އެއްވެސް ނިޝާނެއް ފެނިފައި ނުވާ ކަމަށެވެ. "ބެލީ ޑިންގީ ނުވަތަ ބައެއް ނަމަވެސް ލައްގާފައި އޮތްތޯ! އަދި އަންހެން ކުއްޖާ ނުވަތަ އޭނާ ލައިގެން ހުރި ހެދުމުން ބައެއް ނަމަވެސް ފެނޭތޯ! އަދި ގުޅުން ހުރި އެއްވެސް ނިޝާނެއްވެސް ފެނޭތޯ!"
ޙަބީބް ވިދާޅުވީ މާމެންދޫ ރައްޔިތުންނަކީ މިފަދަ ކަންކަމުގައި ވަރަށް އެއްބައިވަންތަ ބައެއް ކަމަށާއި ޒުވާނުންނާއި އަންހެނުން އަމިއްލައަށް އިސްނަގައިގެން މިފަދަ ކަންކަމަށް އެހީތެރިވުމުގެ ގޮތުން ހަރަކާތްތައް ކުރިއަށް ގެންދާތީ ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށެވެ.
މިހާދިސާ އާއި ގުޅިގެން ޝައްކުތައް އުފެދުނީ ޑިންގީ ދުއްވި ގަމު މީހާ އެކިފަހަރު އެކި ގޮތަށް މައުލުމާތުދޭން ފެށުމުންނެވެ. އެގޮތުން ސުވާލުކުރާ ފުލުހުންނަށްވެސް ތަފާތު ގޮތްގޮތަށް މައުލޫމާތު ދީފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.