މީގެ 2 ރޭ ކުރިން ފޮނަދޫން ފުރައިގެން މާމެންދޫއަށް ދަނިކޮށް ޑިންގީ ބަންޑުން ޖަހައިލުމުން ގެއްލުނު މާމެންދޫ އަންހެން ކުއްޖާގެ އަތަށް ދިން ކަމަށް ބުނާ ފޯނުގެ ރޭންޖް އެންމެ ފަހުން ލިބިފައިވަނީ ވެލިގަނޑު (މިހާރު ފިނޮޅެއް) ކައިރިން ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް މާދަމާވެސް ކުރިއަށް ގެންދަން މަސައްކަތް ކުރަމުން އަންނަކަމަށް މާމެންދޫ ކައުންސިލުގެ ނައިބް ރައީސް ޙުސައިން ޙަބީބް ޢަލީ ވިދާޅުވެއްޖެއެވެ.

ޙުސައިން ޙަބީބް ޢަލީ މިރޭ ވިދާޅުވީ ފީނައިގެން ކަނޑުގެ އަޑި ބެލުމުގެ މަސައްކަތް މިއަދު ފެށުނުއިރު މާބޮޑަށް ހަވީރުވެފައި ހުރުމުން އަނދިރިވުމުން މަސައްކަތް ހުއްޓައިލަން ޖެހުނީ ކަމަށެވެ. އެހެންކަމުން މާދަމާ ވެސް މަސައްކަތް ކުރިއަށް ގެންދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މާމެންދޫ ރައްޔިތުންގެ ގިނަ ބައަކު ބައިވެރިވެގެން މިއަދު ވަނީ ގާދޫ އާއި ހުޅިމެންދޫ ވެސް ވަނީ ހޯދައިފައެވެ. އަދި ހަވީރު ފީނައިގެންވެސް ހޯދުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.

ސިފައިންނާއި ފުލުހުންވެސް އޭނާ ހޯދުމަށް ގެންދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އަދި މިވަގުތާއި ހަމައަށް ޑިންގީވެސް އޭނާ ވެސް ފެނިފައެއް ނުވެއެވެ.