އިސްލާމް ދީނާއިމެދު ޝައްކު އުފައްދުވާ މީހުންނަށް މުސްލިމުންގެ ދެވަނަ ޚަލީފާ، ޢުމަރުގެފާނުގެ ވެރިކަމުގައި ހަރުކަށި އަދަބުތައް ދެއްވެވިއެވެ. އެގޮތުން ކީރިތި ޤްރްއާނުގެ ބައެއް އާޔަތްތަކުން ތަންތަންކޮޅު ނަގައި މި ބުނަނީ ކީކޭހެއްޔެވެ؟ ކިޔައި މީސްތަކުންގެ މެދުގައި ފިތުނަ އުފަދުވަމުން ދިއަ މީހެއްގެ ގައިގައި ކަދުރު ރުކުގެ އިހާގަނޑަކުން ވަރަށް ބާރަށް ތެޅުވިއެވެ. އެކަމުގެ ސަބަބުން އޭނާއަށް ބޮޑެތި އަނިޔާތައް ލިބެންދެނެވެ.
އެއަށްފަހު އޭނާ ގޭބަންދުވެސް ކުރެއްވެވިއެވެ. އަދި ދެވަ ދުވަހަކުވެސް ގެންނަވައި ހަމަ އެފަދައިން ހަރުކަށި އަދަބު ދެއްވެވިއެވެ. 3 ވަނަ ދުވަހު ގެންނެވުމުން އޭނާ ތައުބާވިއެވެ. ކުރިން ކުރެވުނު ކަންތައްތައް ދޫކޮށްލައިފިންކަމަށް ދެންނެވިއެވެ. އަދި އިތުރަށް އަދަބު ދެއްވުމުގެ ބަދަލުގައި އޭނާ ޤަތުލު ކޮށްދެއްވުމަށް ވެސް އެދިދެންނެވިއެވެ. އެއަށްފަހުވެސް އޭނާ އިތުރު މީޙަކާއިއެކު މަޖިލިސްކުރުން ވެސް މަނާ ކުރެއްވެވިއެވެ. ހުއްދަ ދެއްވީ އޭނާގެ އަމަލުތައް މުޅިން އިޞްލާޙްކޮށް ހެޔޮލަފާ މީހަކަށްވުމުންނެވެ.
ކީރިތި ޤްރްޢާނުގެ ގިނަ ޢާޔަތްތްކުގެ މާނަ އެންމެންނަށްވެސް އެނގެއެވެ. އަނެއްބައި އާޔަތަކުގެ މާނަ އެނގިވަޑައިގަންނަވާނީ ދީނުގެ އިލްމުވެރިންނަށެވެ. އެހެންކަމުން އެއްވެސް މީހަކަށް ޢާޔަތެއްގެ މާނަ ނުއެނގިއްޖަނަމަ ނުވަތަ އޮޅުންއަރައިފިނަމަ އޮތީ ފިތުނަ އުފެއްދުމެއް ނޫނެވެ. ޢިލްމުވެރިންގެ އަރިހުން އޮޅުންފިލުވުމެވެ.
މިއަދު އަޅުގަނޑުމެންގެ ތެރެއިނަ ދަނީ މިފަދަ ކަންކަން ފެންނަމުންނެވެ. އިސްލާމް ދީނާއިމެދު ޝައްކު އުފެދޭ ފަދަ ވާހަކަތަކުން ސުވާލުތައް އުފައްދައި އިނގިރޭސިބަހުން ލިޔެ ޓްވީޓްކުރުން ފަދަ ކަންކަން ވެސް ކުރަމުންނެވެ. މިގޮތަށް ސޯޝަލް މީޑިއާގައި ހާމަކުރުމުން އެނގެނީ ހަމައެކަނި ދިވެހިންނަކަށް ނޫނެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި އެހެން ދީންތަކުގެ މީހުންނަށްވެސް މިފަދަ ކަންކަން މިދަނީ އެނގެމުންނެވެ. އެމީހުން ގެންދަނީ އުފާކުރަމުންނެވެ.
ރާއްޖެއަކީ އާބާދީގެ ނިޞްބަތުން ބަލައިފިނަމަ ދީނީ އިލްމުވެރިން ގިނަ ޤައުމެކެވެ. އެއްވެސް ކަމެއް އޮޅިއްޖެނަމަ ދީނީ ޢިލްމުވެރިއަކާއި ސީދާ ސުވާލުކުރުމުގެ ފުރުޞަތު ބޮޑު ޤައުމެކެވެ. އެފަދައިން ސުވާލެއް ކޮށްފިނަމަ ޢިލްމުވެރިން ޖަވާބު ދެއްވާނެއެވެ. އަދި އިސްލާމިކް މިނިސްޓްރީންވެސް ގެންދަނީ ސުވާލުތަކަށް ޖަވާބުދީ ކަންކަން އޮޅުންފިލުވައިދެމުންނެވެ. ވީއިރު ކަމެއް ހަޤީޤަތުގައިވެސް އޮޅުންފިލުވަން ބޭނުންނަމަ ސޯޝަލް މީޑިއާގައި ތަފާތު ގޮތްގޮތަށް ސުވާލުތައް އުފެއްދައި ފިތުނަ އުފެއްދުމުގެ އެއްވެސް ބޭނުމެއް ނެތެވެ. މިއީ ނުއެނގިތިބެ ކުރެވޭ ކަމެއް ނަމަ އަވަހަށް ހުއްޓައިލާށެވެ!
މިއީ ވެރިކަމުގެ ފަރާތުން ހުއްޓުވަން ޖެހޭނެ ކަމެކެވެ. ކަންކަން އިޞްލާޙް ކުރަން އެކި ޒަމާނުގައި އެކި ފިޔަވަޅު އެޅުމަކީ މައްސަލައެއް ނޫނެވެ. މިޒަމާނުގައި އަޅަންޖެހޭ ފިޔަވަޅުތައް މިޒަމާނުގައި އަޅަން ޖެހޭނެއެވެ. އަޅައިނުލައި ދޫކޮށްލުމަކީ ވެރިކަމުގެ ފަރާތުން ކޮށްގެންވާނެ ކަމެއް ނޫނެވެ!
-ޝައިޚް މުޙައްމަދު މަންޞޫރުގެ ދަރުސަކުން
ދަރުސްގެ ވީޑިއޯ- ކޮންމެ ބޭފުޅަކުވެސް ބައްލަވައި އަޑުއައްސަވައިލެއްވުން ވަރަށް މުހިންމު!: