މައިމީހާ، އަނބިމީހާ އާއިމެދު ޝަކުވާއެއް ކުރިނަމަވެސް ހަޤީޤަތް ނުބަލައި އަނބިމީހާއަށް އިހާނެތިކޮށް ހިތުމަކީ ސުވަރުގެ އެދޭ މީހާ ކޮށްގެންވާނެ ކަމެއް ނޫން: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 30ސ
މައިމީހާ، އަނބިމީހާ އާއިމެދު ޝަކުވާއެއް ކުރިނަމަވެސް ހަޤީޤަތް ނުބަލައި އަނބިމީހާއަށް އިހާނެތިކޮށް ހިތުމަކީ ސުވަރުގެ އެދޭ މީހާ ކޮށްގެންވާނެ ކަމެއް ނޫން: މުފްތީ މެންކް

ގިނަ ޢާއިލާތަކުގައި ފިތުނަ އުފެދެނީ އަދި މައްސަލަތައް ޖެހެނީ ދަރިފުޅު ކައިވެނިކޮށްގެން ގެއަށް ގެންނަ އަނބިމީހާގެ އަމުރުވެރިއަކީ ކާކުކަން އޮޅުވައިލާތީއެވެ. ކައިވެނިކުރުމަށްފަހު އަނބިމީހާގެ އަމުރުވެރިއަކަށްވާނީ ފިރިމީހާއެވެ. އެއީ އިސްލާމް ދީނުގައި އެކަން އޮތް ގޮތެވެ. އެކަން ބަދަލުކުރެވޭނެ ގޮތެއްވެސް ނެތެވެ. 

ކަން މިހެން އޮތް ނަމަވެސް އަނބިމީހާ ގެއަށްވައްދާ ހިސާބުން ގިނަ ފަހަރަށް އޭނާގެ މައްޗަށް އަމުރުކުރަން ފަށަނީ މައިދައިތަ އާއި ބަފައިބެއެވެ. (ފިރިމީހާގެ މަންމަ ޢާއި ބައްޕަ) އެވެ. މިއީ އެއްގޮތަކަށްވެސް އެކަން ކޮށްގެންވާނެ ގޮތެއް ނޫނެވެ! ބަލަން ޖެހޭނީ އިތުރު ދަރިއަކު ލިބުނީކަމަށެވެ. އެ ދަރިއާއިމެދުގައިވެސް ކަންތައްތައް ކުރަން ޖެހޭނީ އަމިއްލަ ދަރިންނާއިމެދު ވެސް ކަންތައްތައް ކުރާ ފަދައިންނެވެ. 

ފިރިމީހާގެ ހުއްދަ ލިބިގެން އަނބިމީހާ، އޭނާގެ އަމިއްލަ މައިން ބަފައިންނާއިއެކު އުޅެލަން 2 ، 3 ދުވަހަކަށް އެގެއަށްވެސް ހިނގައިދާނެއެވެ. އެއީ އެ ދެމަފިރިންގެ މެދުގައި އޮންނަން ޖެހޭ ކަމެކެވެ. ފިރިމީހާގެ ހުއްދަ ލިބިގެން ހިނގައްޖެނަމަ އެކަމާއި ބެހެންޖެހޭނެ އިތުރު މީހަކު ނުހުންނާނެއެވެ. 7 ދުވަސް ކީއްކުރަން މަސް ދުވަހަށް ދިއަ ނަމަވެސްއެވެ. ގޮސްފައި އެނބުރި އައުމުން އެކަން މައްސަލައަކަށް ހަދައި އެހެން ބައަކު ރުޅި މޫނު ދައްކައި ޒުވާބުކުރާކަށް ނުޖެހޭނެއެވެ. 

ރަނގަޅު ވާހަކައެއް ބުނަން ހެއްޔެވެ! މިހާރު ގިނަ ބައަކަށް މިވަނީ ވަރަށް ނުބައި ގޮތެއްވެފައެވެ. އެމީހުންނަށް ކުރިމަތިވާ ކުދިކުދި މައްސަލަތައް ހައްލުކުރުމުގެ ޤާބިލުކަން ވެސް އެމީހުންގެ ކިބައަކު ނުހުރެއެވެ. ނަމަވެސް އެހެން މީހުންގެ މައްސަލަތަކަށް ފާޑުކިޔައެވެ. އެހެން މީހުންގެ މައްސަލަތައް ހައްލުކުރަން ވަރަށް މޮޅަށް އެނގޭ ބައަކަށް އެބަހެދެއެވެ. ނަމަވެސް މިއީ ކިހިނަކުން، ކާކަށް ބަލައިގަނެވޭނެ ކަމެއް ހެއްޔެވެ؟

ގިނަ ފަހަރަށް މިފަދަ މައްސަލަތައް ކުރިމަތިވަނީ ﷲ ތަޢާލާއަށް ބިރުވެތިނުވާ، ނަމާދުކުރުމާއި އެހެންވެސް ހެޔޮ އަމަލުތައް ނުކުރާ މީހުންގެ ކިބައިންނެވެ. މައިން ބަފައިން ނަމަވެސް އެމީހުންގެ ކިބައިގައި ތަޤްވާވެރިކަން ނެތްނަމަ އެއީ ކުދިކުދި ފިރުއައުނުތަކެއް ފަދަ ބައެކެވެ. އެފަދަ މައިން ބަފައިންގެ އަޑު އަހައި އަނބިން ނިކަމެތިކޮށްލައިގެން ނުވާނެއެވެ! އަނބިމީހާގެ ކިބައިން ކުށެއް ފެންނަން ދެން ހުންނަން ޖެހޭނީ އަނބިމީހާ ދިފާޢުކުރުމުގައެވެ. އަނބިމީހާގެ ޙައްޤުތައް ހިމާޔަތް ކޮށްދިނުމަކީ ފިރިމީހާގެ މައްޗަށް އޮތް މަތިވެރި ވާޖިބެކެވެ. 

ރަނގަޅު ވާހަކައެއް ބުނަން ހެއްޔެވެ؟ ތިބާގެ މައިމީހާ، ތިބާގެ އަނބިމީހާ އާއިމެދު ޝަކުވާއެއް ކުރިނަމަވެސް އެކަމުގެ ހަޤީޤަތް ނުބަލައި އަނބިމީހާއަށް އިހާނެތިކޮށް ހިތުމަކީ ސުވަރުގެ އެދޭ މީހާ ކޮށްގެންވާނެ ކަމެއް ނޫނެވެ. އަނބިމީހާ އާއިމެދު އެއްވެސް ފިޔަވަޅެއް އަޅަން ޖެހޭނީ ޝަކުވާގެ މައްސަލަ ވަރަށް އިންޞާފުވެރިކަމާއިއެކުގައި ބެލުމަށްފަހު އަނބިމީހާ ކުށްވެރިވާނަމަ އެވެ. އަނބިމީހާ ކުށްވެރިވާނަމަ އިބްލާޙްކުރަން އަޅަންޖެހެ ފިޔަވަޅުތައް އަޅަންވެސް ޖެހޭނެއެވެ. އެއީ ވެސް ހަމަ ކުރަން ޖެހޭނެ ކަމެކެވެ. 

އަހެރެން މިދެއްކި ވާހަކަތައް މިއިބާރާތުން މީގެ ކުރިން އަޑުއިވިފައިވެސް ނެތިދާނެއެވެ. ނަމަވެސް ހަޤީޤަތަކީ މިއީއެވެ. ވަރީގެ އަދަދު މިހައި ގިނަވެގެންދާއިރު ކުރިމަތިވާ މައްސަލަތަކަށް ފުންކޮށް ވިސްނަން ޖެހޭނެއެވެ. މިސާލކަށް ކުރިއަށް އޮތީ ޢީދެކެވެ. އަނބިމީހާ ބޭނުންވަނީ ޢީދުގައި އެނާގެ މައިންބަފައިން ގާތުގައި ހުރެލުމަށެވެ. ދެން އެވީ އދ އިން ކަމެއް ނިންމަން ވޯޓުނަގާހެން ޢާއިލާތެރޭގައި ވޯޓު ނަގަން ހެއްޔެވެ؟ ވޯޓު ނަގާއިރު ވީޓޯ ކުރުމުގެ ބާރުވެސް ފިރިމީހާގެ މަންމައަށް އޮންނަން ޖެހޭނެ ހެއްޔެވެ؟ 

މިއަޑު އަހަން އުނދަގޫވެދާނެއެވެ. ނަމަވެސް ކަނުލައި އަޑުއަހާށެވެ! އެހެން މީހުންނަށް ދަތިކުރާނަމަ އެމީހުންގެ ލަޢްނަތް ލިބޭނެއެވެ. ނަފްރަތުވެސް ލިބޭނެއެވެ. މައިންނެއް ކަމަކު އަވަހަށް މަރުވޭތޯ ދުޢާވެސް ކުރާނެއެވެ. ކިތަންމެ ވަރަކަށް ނުކުރާށޭ ބުނި ނަމަވެސް ކުރާނެއެވެ. އާދޭސްކޮށްފައި ބުނަމެވެ. އެހާލަތަށް ވެއްޓި ނުގަންނާށެވެ! ދަރިންނާއިއެކު އުފަލުގައި އުޅެން މަސައްކަތް ކުރާށެވެ! ދަރިންނަކީ މިޒަމާނުގެ ޒުވާނުންނެވެ. ވީމާ ކިތަންމެ ވަރަކަށް ނުރުހުނު ނަމަވެސް މައިން ބަފައިން ބޭނުންވާހައި ގޮތަކަށް ދަރިން ހުރިހައި ކަންކަމެއް ނުކުރާނެއެވެ. އެކަން ޤަބޫލުކުރާށެވެ! 

މިދައްކާ ވާހަކައިގެ މަޤްޞަދަކީ އެއްގޮތަކަށްވެސް ދަރިންނަށް ނަޞޭހަތް ނުދޭން ބުނުމެއް ނޫނެވެ. ދަރިން ކިތަންމެ ބޮޑުވެފައި ތިބި ނަމަވެސް ނުރަނގަޅު ކަމެއް ކުރާނަމަ ނަޞޭޙަތްދީ އިޞްލާޙްކުރަން މަސައްކަތްކުރަން ޖެހޭނެއެވެ. އެއީ މައިން ބަފައިންގެ މަސްއޫލިއްޔަތެކެވެ. ނަމަވެސް އެ މަސްއޫކިއްޔަތު އަދާކުރަންވާނީ އަމުރުވެރިކަމާއިއެކުގައެއް ނޫނެވެ. ލޯތްބާއި އޯގާތެރިކަމާއިއެކުގައެވެ. ދަރިންގެ ހިތްތަކަށް އަސަރުކުރާނެ އިބާރާތުންނެވެ! ދެމަފިރިންގެ މެދުގައި މައްސަލައެއް ނުޖެހޭނެ ގޮތަކަށެވެ. މައްސަލައެއް ޖެހިފައިވާނަމަ އެކަމެއް ހައްލުކުރެވޭނެ ގޮތަށެވެ. އިތުރަށް ހޫނުވާނެ ގޮތަކަށް ނޫނެވެ. 

ބައެއް އަނބިން ބުނެފައި އެބްހުއްޓެވެ. ގޭގައި ދިރިއުޅޭ މީހުންނަށް ކެއްކުމާއި ގޭތެރެ ސާފުކުރުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް ކޮންމެ ދުވަހަކު އިތުރު ބައަކަށް ކަންކަން ޖެހުމުން އުނދަގޫވާ ކަމަށެވެ. މިއީވެސް ވިސްނައިލުން ހަމަ މުހިންމު ކަމެކެވެ. 

މިޒަމާނުގައި ބައަކަށް ދައުވަތުދޭނަމަ އިތުރު އެތައް ބާވަތެއް ކަންކަން އެބަ ޖެހެއެވެ. ރެސްޓޯރަންޓަކުން ކާން ލިބޭނެ ފެންވަރަށް ކޯސްތައް ތައްޔާރުކުރަން ޖެހެއެވެ. މިފެންވަރުގައި ކަންކަން ކުރާނަމަ ކައްކާނެ މީހަކު ގެއަށް ހޯދާށެވެ! އެހުރިހާ މަސައްކަތެއް ދަރިންނަށް ނުޖައްސުވާށެވެ! އަމިއްލަ ދަރިން ނަމަވެސް ކޮންމެ ދުވަހަކު ކުރަންޖެހުމުން ފޫހިވާނެކަން ހަނދާންކުރާށެވެ! 

އެހެންވެ އަހަރެން ހަދާގޮތް ބުނަންހެއްޔެވެ؟ ކިތަންމެ ވަރުގަދަ މީހަކަށް ދައުވަތު ދިން ނަމަވެސް އަނިބިމީހާއަށް ކުރަންޖެހޭނެ ހަމައެކަނި ކަމަކީ ގޭގައި ކައްކާ މިންވަރު އިތުރުކޮށްލުމެވެ. އިތުރު ބާވަތްތައް ތައްޔާރުކުރާކަށް ނުބުނަމެވެ.

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން