ހިތެއް އޮތް މީހަކަށް ނަމަ ޔަހޫދީން ހިޞޯރުކޮށް، ދުނިޔޭގެ އެންމެ ބޮޑު ހުޅުވާލެވިފައިވާ ޖަލަށް ހަދާފައިވާ ޣާޒާގެ މި ކުޑަކުޑަ ކުއްޖާގެ ލޮލުން މެސެޖެއް ލިބޭނެއެވެ.
މިއަދު މުސްލިމް ޤައުމުތަކުން ވެސް އެންމެ މަތީ ފަރާތަކީ އދ ކަމަށް ބަލައި އަޅުވެތިވެގެން ތިބިއިރު މުޅި ޣާޒާއަކީ ޖަލެކެވެ. އިންސާނުން ދިރިތިބެން ބޭނުންވާ އަސާސީ ޚިދުމަތްތަކުން ރައްޔިތުން ތިބީ މަޙްރޫމްވެފައެވެ. ކާބޯ ތަކެއްޗާއި ބޯފެނާއި ކަރަންޓުން ވެސް ވަނީ މަޙްރޫމްކޮށްފައެވެ. ތައުލީމާއި ބޭސް ފަރުވާއިންވެސް ވަނީ މަހްރޫމްކޮށްފައެވެ.
ރާއްޖޭގެ ޚާރިޖީވަޒީރު ޢަބްދުﷲ ޝާހިދު ޖެނީވާގައި ހުންނަ އދގެ އިންސާނީ ޙައްޤުތަކާއިބެހޭ ކައުންސިލުގައި ތަޤްރީރް ކުރައްވާއިރު މި ބޮޑު މައްސަލައިގައި ދިވެހިން ތިބީ ފަލަސްޠީނުގެ ރައްޔިތުންނާއިއެކުގައި ކަމާއި މި މައްސަލަ ޙައްލުކުރުމުގެ ބާރު އދއަށް ނެތްއިރު ރާއްޖޭގެ ކަންކަމާއި ނުބެހި ތިބުމަށް އަންގަވައިދެއްވުމަކީ ދިވެހިންގެ ގިނަ ބައަކު ބޭނުންވާ ގޮތްކަން ފާހަގަކުރެވެއެވެ.
މިފަދަ އެތައް ހާސްކުދިންގެ ލޯތަކުން ފެންނަ މިފަދަ މަންޒަރުތަކުން ޢަބްދުﷲ ޝާހިދުވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ދިވެހި ސަރުކާރުގެ އިސްވެރިންނަށް ވެސް އަސަރުތަކެއް ކުރާނެކަމަށް ޤަބޫލުކުރެވެއެވެ.