ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ވެސް 3 އަހަރު ކޮށްފިނަމަ މިހާރުވެސް އިނާޔަތް ލިބޭ ކަމަށާއި އެއަށްވުރެ ކުރު މުއްދަތުގައި މަޤާމް އަދާކުރައްވާ ބޭފުޅުންނަށް މުސާރައާއި އިނާޔަތް ދިނުމަކީ އިތުރަށް ވިސްނަން ޖެހޭ ކަމެއް ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޢަބްދުލްޣަފޫރު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ތިބީ ވަރަށް ނިކަމެތި ޙާލަތެއްގައި ކަމަށާއި ތަނަވަސްކަމުގައި ދިރިއުޅެނީ މަދު ބައެއް ކަމަށެވެ. ސަރުކާރެއްގެ އެންމެ ބޮޑު މަސްއޫލިއްޔަތަކަށްވާން ޖެހޭނީ ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުން ކަމަށެވެ.
މިހާރު އަމަލުކުރާ ގޮތުން ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅަކަށްވެސް މުސާރައާއި އިނާޔަތްތައް ލިބެނީ 5 އަހަރުގެ ދައުރަކުން މަދުވެގެން 3 އަހަރު ފުރިހަމަކުރުމުންކަންވެސް ޢަބްދުލްޣަފޫރު ވަނީ ފާހަގަކުރައްވައިފައެވެ.