ރައީސުލްޖުމްހޫރިއްޔާގެ ނައިބްކަން ކުރާ މީހަކަށް ދައުރު ނިމުމުން ހަމައެކަނި ޝަރަފާއި އިއްޒަތް ދިނުމަކުން ނުފުދޭކަމަށާއި އަބުރުވެރިކަމާއިއެކު ދިރިއުޅުއްވޭވަރުގެ އިނާޔަތް ދޭން ޖެހޭނެ ކަމަށް ކޮމަންޑޫ ދާއިރާގެ މެންބަރު އަޙްމަދު ނާޝިދު (އޭޑީކޭ ނާޝިދު) ވިދާޅުވެއްޖެއެވެ.
ނާޝިދު ވިދާޅުވީ ދިރިއުޅުއްވޭ ވަރުގެ މުސާރައަކާއި ބޭސްފަރުވާ ކުރެއްވޭނެ އެލަވަންސަކާއި އަދި ސަލާމަތާއި ރައްކައުތެރިކަން ވެސް ލިބެންޖެހޭނެ ކަމަށެވެ.
ބައެއް މެންބަރުން ވިދާޅުވީ ރިޔާސީ ދައުރެއް ނިމިގެންދާއިރު އެތައް ބައިވަރު ނައިބް ރައީސުން އެބަ އައްޔަނުކުރެވޭ ކަމަށާއި އެހައި ގިނަ ބައަކަށް އިނާޔަތް ދިނުމަކީ ވިސްނަން ޖެހޭނެ ކަމެއް ކަމަށެވެ. މެންބަރުން މިގޮތަށް ކަންބޮޑުވުން ފައުޅުކުރައްވާއިރު ރައީސް ޔާމީނުގެ ވެރިކަމުގެ ތެރޭގައި 3 ބޭފުޅަކު ވަނީ ނައިބް ރައީސްކަމަށް އައްޔަނުކޮށްފައެވެ.